މޫސުމް ގޯސްވެ، ފުވައްމުލަކު ބަނދަރަށް އުޅަނދުފަހަރަށް ނުވަދެވިގެން ރަށު ބޭރުގައި ބާއްވައިގެން ބޮއްކުރާގައި މުދާ ބާލަން ފަށައިފި އެވެ.

ގާތްގަނޑަކަށް 9.5 މިލިއަން ޔޫރޯ ހަރަދުކޮށްގެން ފުވައްމުލަކުގައި 2003 ވަނަ އަހަރު ހެދި ބަނދަރަށް އިރުވައި މޫސުމުގައި ކަނޑުގަދަވެގެން އުޅަނދުފަހަރު ވަނުމަށް ކުރިން ވެސް ދަތިތަކާ ކުރިމަތިވެ އެވެ. އެކަމަކު މި ފަހަރު އެއްގޮތަކަށް ވެސް ބަނދަރުގެ ނެރުން އުޅަނދު ފަހަރަށް ނުވަދެވޭތާ ވަނީ ތިން ދުވަސް ވެފަ އެވެ. އުޅަނދުފަހަރަށް ބަނދަރަށް ނުވަދެވިގެން، ރަށަށް ގެންނަ މުދާ އަރުވާ ބާލަމުން ދަނީ އެ ރަށުގައި ކުރިން މުދާ އަރުވާ ބާލަން ބޭނުންކުރި "މާނޭރެ" ފަންނަށެވެ.

ފުވައްމުލަކު ބަނދަރަށް ނުވަދެވިގެން ބޮއްކުރާގައި ބޭލި މުދާތަކެއް އަތިރިމަތީގައ ބަހައްޓާފައި. އެ ރަށުގެ ބަނދަރު ބޭނުންނުކުރެވޭތާ ތިން ދުވަސްވެއްޖެ.
ފުވައްމުލަކު ބަނދަރަށް ނުވަދެވިގެން ބޮއްކުރާގައި ބޭލި މުދާތަކެއް އަތިރިމަތީގައ ބަހައްޓާފައި. އެ ރަށުގެ ބަނދަރު ބޭނުންނުކުރެވޭތާ ތިން ދުވަސްވެއްޖެ.

އެ ރަށު މީހަކު އިއްޔެ ބުނީ މާލެ އިން މުދާ ހިފައިގެން ދަތުރުކުރާ "ހަވާސް" ބޯޓުން މުދާ ބާލަމުންދަނީ މާނޭރެ ފަންނު ބޭރުގައި ބާއްވައިގެން ބޮއްކުރާގައި ކަމަށެވެ.

އެ ރަށުގައި ބަނދަރެއް ހެދުމުގެ ކުރިން މުދަލާއި މީހުން އަރުވައި، ބާލަމުން ގެންދިޔައީ ބޮއްކުރާގަ އެވެ. އަދި ބައެއް ފަހަރު ބޮއްކުރާގައި މީހުން ބާލަނިކޮށް، ބަންޑުން ޖެހުމުގެ ސަބަބުން ވިއްސަކަށް މީހުން މަރުވެފައިވެ އެވެ.

"މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ވެސް މި ނޫނީ ބަނދަރު ބޭނުން ނުކުރެވިގެން ބޮއްކުރާގައި މުދާ ބާލާފައެއް ނުވޭ. މޫސުމް ގޯސްވުމުން ބަނދަރުގައި އަޅާފައިވާ އުޅަނދުތަކަށް ވެސް ބޭރަށް ނުނިކުމެވޭތާ ތިން ދުވަސްވެއްޖެ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ބޮއްކުރާގައި މުދާ ބާލަން އުޅެނިކޮށް ބައެއް ތަކެއްޗަށް ގެއްލުން ވެސް ލިބޭ ކަމަށެވެ.

ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ބަނދަރުގެ ނެރުން ވަންނިކޮށް، ކަނޑުގަދަވެގެން މީގެ ކުރިން ވެސް ބައެއް އުޅަނދުފަހަރު ފަރަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.