ޖެޓްސްކީއެއްގައި ފުށިފަރު ރިސޯޓުން މިއަދު ހަވީރު ފުރި ދެ ދިވެހި މުވައްޒަފުން ގެއްލިގެން ހޯދަނިކޮށް، އޮޔާދަނިކޮށް ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން މިރޭ ބުނެފި އެވެ.

ޅ. އަތޮޅުގައި އޮންނަ އެ ރިސޯޓުގައި މަސައްކަތްކުރާ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ދިވެހި އަންހެންނަކު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ މިރޭ 7:00 ޖަހާކަންހާ އިރެވެ. އެ މީހުން ޖެޓްސްކީގައި ނުކުތީ އޭގެ ގަޑިއެއްހާ އިރު ކުރިންނެވެ. އެ ދެ މީހުން ފެނުނީ ހަމަ އެ އަތޮޅު ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިން، އެ ރިސޯޓު ލޯންޗެއްގައި ތިބި ބަޔަކަށް މިރޭ 8:30 ހާއިރު އެވެ.

އެ ދެ މީހުން ފެނުނު އިރު ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ދެ މީހުން ހަވީރު ޖެޓްސްކީގައި ފުރީ މަޖާކޮށްލަން ކަމަށާ އަދި އެ މީހުން ތިިބީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ދެ މީހުން ގެއްލުނީ، އެ ޖެޓްސްކީގެ އިންޖީނު ހުއްޓުމުންނެވެ.

"ޖެޓްސްކީ އިންޖީން ހުއްޓި، އޮޔާ ދަނިކޮށް ފެނުނީ،" އެމްއެންޑީއެފް އިން ބުންޏެވެ.

ރިސޯޓުން ގެއްލުނު ދެ ދިވެހިން ހޯދަން ކޯސްޓްގާޑު ޑައިވަރުން ވަނީ ބައެއް ސަރަހައްދުތަކަށް ފީނާ ވެސް ހަދައިފަ އެވެ.