ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ބޭރުން އަންނަ އެންމެން ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ވަންދެން ބޭތިއްބުމަށް އެޗްޕީއޭ އިން ނިންމާފައިވާތީ، އެ އުސޫލުގެ ތެރެއިން ފަންޑް އައިލެންޑް ރިސޯޓުގައި ތިބި 49 މީހުންގެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ވުމުން މިއަދު ދޫކޮށްލައިފި އެވެ.

އެޗްޕީއޭން ބުނީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ފަން އައިލެންޑް ރިސޯޓްގައި ބައިތިއްބާފައި ތިބި އެ 49 މީހުން 14 ދުވަސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ދާދި ފަހުން ނިންމާފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން ދޫކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށެވެ. ކަރަންޓީންގެ 14 ދުވަސް ހަމަވިޔަސް އެ މީހުން ގެ އަށް ދޫކޮށްލާނީ ނަތީޖާ ރަނގަޅުވެ، ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް "އެގްޒިޓް ސްކްރީނިން" އެއް ވެސް ކޮށްފަ އެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 881 މީހަކު މިހާރު އެބަތިއްބެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ތިބި ގިނަ މީހުންނަކީ ރާއްޖެ އިން ބޭރުން އައި ދިވެހިންނެވެ. އެކި ގައުމުތަކުން އައި އެ މީހުން ކަރަންޓީން ކުރީ ކޮރޯނާވައިރަސް އާއްމުންގެ ތެރެއަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނެވެ.

މި ވައިރަސް ހުރި 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. އެހަތަރު ދިވެހީންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތްތައް ފެނުމުން ކުރި ޓެސްޓުން ޕޮޒިޓިވް މީހުންނެވެ. ރާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. ދެ ބިދޭސީންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ އެހެން މުވައްޒަފެކެވެ.