ކޮވިޑް-19 ފެތުރޭތީ ރާއްޖެ އަށް އެކި ގައުމުތަކުން މީހުން އައުން މެދުކަނޑާލުމާ ގުޅިގެން ޓޫރިސްޓުންގެ އަދަދު މަދުވެ ބަންދުކުރި ވިލާ ހޮޓެލްސްގެ ރިސޯޓްތަކުގެ ތެރެއިން ފަން އައިލެންޑް ރިސޯޓް ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށް، ބައެއް މީހުން އެ ތަނުގައި ކަރަންޓީނުކޮށްފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ފަން އައިލެންޑްގައި ފުރަތަމަ ކަރަންޓީނުކުރީ ބަލި ފެތުރޭތީ ދަތުރުތައް ހުއްޓާލާފައިވާ ބައެއް ގައުމުތަކުންް އެނބުރި ރާއްޖެ އައި ބައެއް ދިވެހިންނެވެ. މެލޭޝިއާ އިން އިއްޔެ އައި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ބައެއް ގައުމުތަކަކާއި ބައެއް ގައުމުތަކުގެ ބައެއް ސަރަހައްދުތަކަކުން ރާއްޖެ އަށް ދަތުރުކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެކަމަކު އެ ގައުމުތަކުގައި ތިބި ދިވެހިންނަށް އަނބުރާ އާދެވޭނެ އިންތިޒާމް، ފޮރިން މިނިސްޓްރީން އަންނަނީ ހަމަ ޖައްސަމުންނެވެ. ބަލި ފެތުރޭތީ ރާއްޖޭން އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު މިހާރު ކަނޑައަަޅުއްވާފައިވާ އުސޫލުގެ ދަށުން، ބޭރު ގައުމުތަކުން އަންނަ ދިވެހިން 14 ދުވަސް ވަަންދެން ކަރަންޓީނުކުރަން ޖެހެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރާ މަސައްކަތުގައި ކަރަންޓީނު ކުރަން ޖެހޭ މީހުން ބައިތިއްބަން، ވަރަށް ގިނަ ތަންތަން ވަނީ ހަމަޖައްސައިފަ އެވެ. އޮގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފެސިލިޓީތައް ވަނީ ގާއިމުކޮށްފަ އެވެ.
ތިން ތަރީގެ "ފެމިލީ ފްރެންޑްލީ" ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްްފައިވާ ފަން އައިލެންޑް ރިސޯޓުގައި ބީޗް ފްރަންޓް 67 ރޫމާއި 8 ޑިލަކްސް ރޫމް ހިމެނޭ ގޮތުން 75 ރޫމް ހުރެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓެއްގައި ނަމަ 37 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެ ރިސޯޓް ބަންދުކުރީ ކޮވިޑް-19 ފެތުރޭތީ ޓޫރިޒަމަށް އަައި ހީނަރުކަމާ ގުޅިގެން މިހަފުތާގަ އެވެ.
މީހުން ކަރަންްޓީނު ކުރަން މީގެ ކުރިން ކަނޑައެޅި ޓޫރިޒަމް ފެސިލިޓީ ތަކުގެ ތެރޭގައި އއ. އަަތޮޅުގައި އޮންނަ ވެލިދޫ އައިލެންޑް ރިސޯޓާއި ހުޅުލޭ އައިލެންޑް ހޮޓާ ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު 5،000 ފަސިންޖަރުން އައި ނަމަވެސް މިހާރު އަންނަނީ 1،600 ވަރަކަށް މީހުންނެވެ.
ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. ދެން ހިމެނެނީ ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. މުޅި ދުނިޔޭން މި ބަލި ޖެހުނު މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ ވެސް ވަނީ އިތުރުވެފަ އެވެ.