ޖަޕާނުގެ ބޮޑުވަޒީރު ފުމީ ކިޝީޑާގެ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ތެރެއިން، މަހެއްހާ ދުވަހުގެ ތެރޭގައި އިސްތިއުފާ ދެއްވި ވަޒީރުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.
ބޮޑުވަޒީރުގެ ކެބިނެޓުން އެންމެ ފަހުން އިއްޔެ އިސްތިއުފާ ދެއްވީ ރީކޮންސްޓްރަކްޝަން މިނިސްޓަރު ކެންޔާ އަކިބާ އެވެ. ޚިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން، މީގެ ކުރިން ވަނީ ތިން ވަޒީރަކު އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރެއިން ބައެއް ވަޒީރުން އިސްތިއުފާ ދެއްވީ، އެ ގައުމުގެ ޔުނިފިކޭޝަން ޗާޗް އަށް ޚަރަދުކޮށް އެ ފައްޅިއާ އެކުގައި ގާތް ގުޅުމެއް އޮންނަ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ ފައްޅިއާ އެކުގައި ގުޅުން ބޭއްވުން މައްސަލައަކަށް ވަނީ، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި ހާދިސާގެ ފަހަތުގައިވަނީ އެފައްޅީގެ ބައެއް މެމްބަރުން ކަމަށް ތުހުމަތު ކުރެވެން ފެށުމުންނެވެ. ނަމަވެސް އެ ފައްޅިން ވަނީ ޝިންޒޯ އަވަހާރަކޮށްލުމާ އެ ފައްޅިއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
އިސްތިއުފާ ދެއްވާ ވަޒީރުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ބޮޑުވަޒީރު ކިޝީޑާ ވިދާޅުވި ގޮތުގައި މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި އޭނާ ދެމިހުންނަވާނެ އެވެ. އަދި އޭނާގެ ސަރުކާރުން އިންތިޚާބުތަކާ ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށާއި، ޔުނިފިކޭޝަން ޗާޗްއާ އެކުގައި ގާތް ގުޅުމެއް ބާއްވާ ކަމަށް ކުރާ ތުހުމަތުތަކުގައި ވެސް އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޝީޑާގެ ސަރުކާރަށް ކުރެވޭ ތުހުމަތުތަކާ އެކު އޭނާގެ ކެބިނެޓާ މެދު، ގާނޫނު ހަދާ މަޖިލީހުގަޔާއި އާންމުންގެ މެދުގައި މަގުބޫލުކަން ދަށްވަމުން ދިއުމާއެކު، ވަރަށް އަވަހަށް ކެބިނެޓަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ކަމަށް ވަނީ ޚަބަރުތައް ފެތުރިފަ އެވެ. އެ ޚަބަރުތައް ދޮގު ނުކުރައްވައި ބޮޑުވަޒީރު ވިދާޅުވީ، ކެބިނެޓަށް ބަދަލުތަކެއް ގެނަޔަސް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނޫނީ އެފަދަ ބަދަލެއް ގެނައުމާ މެދު ނުވިސްނަވާ ކަމަށެވެ.
ބޮޑުވަޒީރު ކިޝީޑާ ވިދާޅުވި ގޮތުގައި ކެބިނެޓްގެ ހަތަރު ވަޒީރަކު އިސްތިއުފާ ދެއްވުމުގެ އިތުރުން، އޭގެ ދަށުގެ ރޭންކުން ވެސް ބައެއް ބޭފުޅުން މިހާރު ވަނީ ސަރުކާރާ ފެޔަށް ވަޑައިގެންފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން އިސްތިއުފާ ދެއްވީ ދާޚިލީ ވުޒާރާގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މިއޯ ސުގީޓާ އެވެ.