ކޮލަމްބޯ (ސެޕްޓެމްބަރު 4) - ސްރީ ލަންކާގެ އިރުމަތީގެ ހިސާބުތަކުގެ ކަނޑު އަޑިން ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.
ޓްރިންކޮމަލީ އާއި ބަޓިކަލޯ ހިމެނޭ ސަރަހައްދުން ތެޔޮ ހޯދުމުގެ މަސައްކަތް ކުރަނީ ޖިއޯފިޒިކަލް ޚިދުމަތް ދޭ ބީޖީޕީ މެރިން ސިސްމިކް ފްލީޓުންނެވެ. އެ ސަރަހައްދުގައި ތެޔޮ ހުރިތޯ ބަލަން ޗައިނާގައި އުފައްދާފައިވާ ރިސާޗް އުޅަނދުން ސިސްމިކް ޑޭޓާ އެއްކުރާނެ އެވެ. އެ މަސައްކަތް ކުރަމުން ދަނީ ލަންކާގެ ޕެޓްރޯލިއަމް ރިސޯސަސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ލަންކާ އިން ތެޔޮ ހޯދުމުގެ މަސައްކަތް މެއި 30، 2018 ގައި ހަވާލުކޮށްފައި ވަނީ އީސްޓަން އެކޯ ޑީއެމްސީސިއާ އެވެ. އެއީ ތެޔޮ ހޯދުމުގައި ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފްރާންސްގެ ޝްލަމްބާގާގެ ސަބްސިޑަރީއެކެވެ. އެ މަސައްކަތަށް އީސްޓަން އެކޯ ޑީއެމްސީސީ އިން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ. ލަންކާ ސަރުކާރުން އެއްވެސް ހޭދައެއް ކުރާކަށް ނުޖެހެ އެވެ.