މި ވޯލްޑް ކަޕަށް ފަހު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އެ ގައުމުގެ ކޯޗުކަން ދޫކޮށްލާނެ އެވެ. އޭނާ ކެޕްޓަންކަންކޮށް، ކޯޗުކަން ކުރި ގައުމީ ޓީމާ އޭނާ އަލްވަދާއު ކިޔަނީ އެ ގައުމުގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ.
އެމެރިކާގައި 1994 ގައި ބޭއްވި ވޯލްޑް ކަޕަށް ފްރާންސް ކޮލިފައި ނުވުމުން، މުޅި އެ ގައުމަށް އެކަމުގެ މާޔޫސްވި އެވެ. އެކަމަކު ދެން ފްރާންސް ވެއްޓިގެން ނުދާނެކަމުގެ އަޒުމު ކަނޑައެޅި އެކަކީ ފަހުން އެ ގައުމުގެ ކެޕްޓަންކަން ވެސް ކުރި ޑެޝޯމްޕެވެ.
"ދެން ދުވަހަކު ވެސް އެކަން ވިޔަކަ ނުދޭނަން،" ޑެޝޯމްޕްގެ ބަޔޮގްރަފީގައި، ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ނާކާމިޔާބާ ގުޅޭ ގޮތުން ލިޔެފައިވެ އެވެ.
އެ އަޒުމުގައި ނުކުމެ، ވިދިގެން އައީ 1998 ގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސުން އުފުލާލަ ދިނީ ޑެޝޯމްޕްގެ ކެޕްޓަންކަމުގެ ދަށުންނެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކާމިޔާބު ކެރިއަރެއް ހޭދަކުރުމަށް ފަހު 2001 ގައި އޭނާ ރިޓަޔާ ކުރި އެވެ. އެ ހިސާބުން ކްލަބްތަކުގައި ކޯޗުކަން ކުރަން ފެށި އެވެ. އޭގެ 11 އަހަރު ފަހުން ފްރާންސްގެ ކޯޗުކަމާ އޭނާ ހަވާލުވި އެވެ.
ފްރާންސްގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި، އެ ގައުމުގެ މީޑީއާތަކުން ނެގި ހިޔާލު ހޯދުމުގެ ޕޯލަކުން ދެއްކީ ޑެޝޯމްޕާ ގައުމީ ޓީމު ހަވާލުކުރަން ގިނަ ބަޔަކު ތާއީދު ނުކުރާކަމަށެވެ. މާނައަކީ ފްރާންސްގެ ގައުމީ ޓީމަށް އޭނާއާ އެކު ކާމިޔާބު ހޯދިދާނެކަމަށް، އެ ގައުމުގެ ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމެވެ.
އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން ކުރިމަތިލި ފުރަތަމަ މުބާރާތަކީ 2014 ގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލިވީ އެ ފަހަރު ޗެމްޕިއަން ޖަރުމަނު އަތުންނެވެ.
އޭގެފަހުން އަމިއްލަ ގައުމުގައި 2016 ގައި ބޭއްވި ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވެ ތަށި ގެއްލުނެވެ.
ޑެޝޯމްޕްގެ ރޭވުންތެރިކަމާއި ޓެކްޓިކްސްއާ މެދު ފްރާންސްގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ސުވާލުތައް ފުނިޖެހުނެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން ބޭއްވި ވޯލްޑް ކަޕް، ފްރާންސަށް ކާމިޔާބުކޮށްދީ އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ.
ޑެޝޯމްޕްގެ ގޭމް ސްޓައިލްގައި ވަކި ހާއްސަ ސްޓައިލަކަށް ކުޅޭކަށް ނޯވެ އެވެ. ޑިފެންސިވް ގޭމެއް ނުވަތަ އެޓޭކިން ގޭމަށް ޓީމު ބައްޓަންކުރާކަށް އޭނާ ނުވިސްނަ އެވެ.
"އެ ވަގުތަށް އެންމެ ރަނގަޅު ސިސްޓަމަކަށް އޭނާ މެޗު ރާވަނީ،" ފުޓްބޯޅަ ކޮލަމިސްޓް ސައިމަން ކިޔުޕާ، ފައިނޭންޝިއަލް ޓައިމްސް އަށް ލިޔުނު ކޮލަމްގައި ލިޔެފައިވެ އެވެ.
ފްރާންސްގައި ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ފިކުރުތަކުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ މައިނޯރިޓީ ދީނުގެ މީހުންނާއި ދަރިކޮޅުތަކަށް އުނދަގޫ ކުރިމަތިވާ މައްސަލަ އޮންނަނީ އަބަދުހެން ފެންމަތި ވެފަ އެވެ. ނުރުހުމާއި ޖެއްސުން ކުރުމުގެ އަމަލުތައް މައިނޯރިޓީ ކޮމިޔުނިޓީތަކާ ދެކޮޅަށް ފްރާންސްގައި ހިންގުމަކީ މިހާރު އާންމު ކަމެކެވެ.
ގައުމުގެ އެތެރޭގައި އޮތް‘ ދާހީލީ އެ ”ފިތުނައިގެ“ ސަބަބުން، ބައިމަދު މުޖުތަމައުތަކާ ދެކޮޅަށް ޖެއްސުންކުރުމުގެ ފިޔަވަޅުތައް އެޅިޔަސް، ފްރާންސްގެ ގައުމީ ޓީމުގެ މައިގަނޑު ބަދައަކީ މައިނޯރިޓީ ދަރިކޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އެކަމަކު ފްރާންސްގެ ސިޔާސީ މީހުންގެ ފަރާތުން އެފަދަ ކުޅުންތެރިންނަށް ފާޑުކިޔުމާއި މަލާމާތް ކުރުމުގެ ބަސްތައް ރައްދު ކުރެ އެވެ.
އޭގެ އަސަރު އެ ކުޅުންތެރިންނަށް ކުރިޔަ ނުދޭން، އެންމެ ގާތުގައި ހުންނަނީ ޑެޝޯމްޕެވެ.
"ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެފައިވާ، މައިނޯރިޓީ ނުވަތަ ބައިމަދު ނަސްލުތަކަށް ނިސްބަތްވާ ޒުވާން ކުޅުންތެރިންތަކަކަށް އިރުޝާދުދެމުންދިޔަ މެދުއުމުރުގެ ދޮން މީހެކެވެ.،" ޑެޝޯމްޕްގެ މަސައްކަތް ސިފަކޮށްދެމުން ކިޔުޕާ ލިޔެފައި ވެއެވެ.
ފްރާންސްގެ ބައެއް ސިޔާސީ ވެރިން ގޮވާ ނަސްލީ އިމްތިޔާޒުގެ ގޮވުންތަކާ މެދު އޭނާ ފަރުވާލެއް ނުބަހައްޓަ އެވެ. އޭގެ ތެރެއަށް ބޯކޮއްޕައެއް ނޫޅެ އެވެ."
މެޖޯރިޓީ ދަރިކޮޅަށް ނިސަބްތްވާ ކުޅުންތެރިންނާއި މައިނޯރިޓީ ދަރިކޮޅުތަކަށް ނިސަބްތަވާ ދޮން އަދި ކަޅު ނަސްލުގެ ކުޅުންތެރިންނާ ވެސް އޭނާ މުއާމަލާތް ކުރަނީ އެއް ހަމަޔަކުންނެވެ.
މައިނޯރިޓީ ދަރިކޮޅުތަކަށް ނިސަބްތާ ވަކިވަކި ކުޅުންތެރިންނާ ވަކިން ވާހަކަ ދައްކަން އޭނާ ގިނަ ވަގުތު ހޭދަކުރާކަމަށް ކިޔުޕާ ލިޔެފައިވެ އެވެ.
"އޭނާ މަސައްކަތްކުރަނީ ކުޑަކުދިންގެ ގޮތުގައި އުޅުނު ދުވަސްވަރުން ފެށިގެން އެ ކުޅުންތެރިންގެ ހަޔާތް ބިނާވެފައިވާ ގޮތް ދެނެގަތުމަށެވެ.،" ކިޔުޕާ ލިޔެފައިވެ އެވެ.
ބެންޗުގައި ތިބޭ ކުޅުންތެރިންނާ އެކަނި ބައްދަލުކޮށް ވާހަކަދެއްކުމުގައި ގިނަ ވަގުތު އޭނާ ހޭދަ ކުރާ ކަމަށްވެ އެވެ. އެއީ ކުޅެން ލިބޭ ވަގުތު މަދުވުމުން މާޔޫސްވެދާނެތީ، އެ ކުޅުންތެރިންނަށް އޭގެ ސަބަބުތައް ބުނެދިނުމަށް އޭނާ ގެންގުޅޭ އެކުޅެކެވެ.
"ނިންމާ ނިންމުންތަކުގެ ސަބަބުތައް އޮޅުންފިލުވައިދޭން މިހާރުގެ ޒުވާނުން ބޭނުންވާނެކަން އޭނާއަށް ވިސްނެ އެވެ. އޭނާ ކުޅުންތެރިންނާ، ހާއްސަކޮށް ބެންޗުގައި ތިބޭ ކުޅުންތެރިންނާ އެކަނި ބައްދަލުކޮށް ވާހަކަދެއްކުމުގައި ގިނަ ވަގުތު ހޭދަކުރެ އެވެ.،" ކިޔުޕާގެ ކޮލަމްގައިވެ އެވެ.
މެޖޯރިޓީ ދަރިކޮޅުގެ ކުޅުންތެރިޔަކަށް ވީތީ ވަކި ހާއްސަ އިސްކަމެއް ނުދޭނެކަން ޑެޝޯމްޕް ސާބިތުކޮށްދިނީ ފްރާންސްގެ ކެޕްޓަން ކަނޑައެޅުމުގަ އެވެ. އެ ޓީމުގެ ކުރިގެ ކެޕްޓަން އަދި ކުރީގެ ގޯލްކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމުން ރިޓަޔާ ކުރުމުން، ކެޕްޓަން ބޭންޑާ ހަވާލުވާނެ ތަރުތީބުގައި ހުރީ ފްރާންސްގެ މެޖޯރިޓީ ދަރިކޮޅަށް ނިސަބްތްވާ، އޮންޓޮއިން ގްރީޒްމަން އެވެ. އެއީ އޭރު ލޮރިސް އަށް ފަހު ޓީމުގައި ހުރި އެންމެ ތަޖަރިބާކާރު ކުޅުންތެރިޔާ އެވެ.
ކެޕްޓަން ކަނޑައެޅުމުގައި ގައުމީ ޓީމުގައި ޒަމާންތަކެއް ވަންދެން ދަމަަހައްޓަމުން ދިޔަ، "ތަޖުރިބާކާރު ކުޅުންތެރިޔާ އިސްކުރުމުގެ ސަގާފްތް" ޑެޝޯމްޕް ރޫޅާލި އެވެ. ބަދަލުގައި އޭނާ ކެޕްޓަން ބޭންޑް ދިނީ އޭރުގެ ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ އަށެވެ.
މައިނޯރިޓީ ދަރިކޮޅަށް ނިސަބްތްވާ ކުޅުންތެރިޔެކެވެ.
ކެޕްޓަން ބޭންޑާ އެކު، އެމްބާޕޭ ވެސް ވަރުގަދަ ލީޑަރަކަށް ބަދަލުވި އެވެ. އެ ބަދަލުގެ ސަބަބުން ފްރާންސްގެ ޓީމަށް ވެސް އިތުރު ބަދަހި، ވަރުގަދަކަން ގެނެސްދިންކަން، މެޗުތަކުން ފެނުނެކަމަށް، ދި ގާޑިއަންގެ ފުޓްބޯޅަ ލިޔުންތެރިޔާ ޕޯލް މަކިނެސް ލިޔެފައި ވެއެވެ.
ފްރާންސްގެ ޓީމާ ޑެޝޯމްޕް ވަކިވުމުގެ ކުރިން، އޭނާ އަށް އޮތް ޓްރިބިޔުޓަކީ ކޮބައިތޯ އެމްބާޕޭއާ ސުވާލު ކުރުމުން، އޭނާ ބުނީ ބޭނުމީ މޮޅަކުން ޑެޝޯމްޕަށް ހަދިޔާ ދިނުން ކަމަށެވެ.
"މޮޅަކުން (ވަދާއީ ހަދިޔާ) ދޭނީ. ސަބަބަކީ އޭނާ ބޭނުންވާ އަދި ޝައުގުވެރިވާ ކަމަކީ މޮޅުވުން،" އޭނާގެ ކޯޗާ ބެހޭގޮތުން އެމްބާޕޭ ބުންޏެވެ.