ވޮޝިންޓަން (އޮކްޓޯބަރު 9) - ވައިޓް ހައުސްގައި ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ހޯޕް ހިކްސް ރުޕަޓް މާޑޮކުގެ މީޑިއާ ކުންފުންޏާ ގުޅިވަޑައިގެންފި އެވެ.

ހިކްސް، 29، މަސައްކަތް ކުރައްވާނީ ފޮކްސް ނިއުސްގެ މައި ކުންފުނި ފޮކްސްގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ ގޮތުގަ އެވެ. ވައިޓް ހައުސް އިން އެކަމަނާ ވަކިވެވަޑައިގެންފައި ވަނީ މިދިޔަ އެޕްރީލް މަހު އެވެ. ހިކްސް ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕުގެ މީޑިއާ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ފޮކްސް ނިއުސް އަކީ ޓްރަމްޕް ވަރަށް ގަޔާވާ ކޭބަލް ޗެނަލްއެކެވެ. ޓްރަމްޕް ދާދި ފަހުން ވަނީ ފޮކްސް ނިއުސްގެ ކޯ-ޕްރެޒިޑެންޓް ބިލް ޝައިން އަށް ޑިޕިއުޓީ ޗީފް އޮފް ސްޓާފް ފޯ ކޮމިއުނިކޭޝަންސްގެ މަގާމު ދެއްވައިފަ އެވެ. ފޮކްސް އިން ޝައިން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު އެވެ.

ހިކްސް ވަނީ 2014 ވަނަ އަހަރުން ފެށިގެން ޓްރަމްޕް އޮގަނައިޒޭޝަންގައި މަސައްކަތް ކުރައްވައިފަ އެވެ. ވައިޓް ހައުސްގައި މަސައްކަތް ކުރެއްވި ހިކްސް އަކީ ޓްރަމްޕް އެންމެ އިތުބާރު ކުރެއްވި އެއް ފަރާތެވެ.