އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވޯޓިން މެޝިންތައް ބޭނުންކޮށްގެން ނަތީޖާ އޮޅުވާލި ކަމަށް ބުނެ ފޮކްސް ނިއުސް އިން ފެތުރި ޚަބަރުތަކުގެ މައްސަލާގައި އެ މީޑިއާ ކުންފުންޏާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ އިން ސަލާމަތްވާން 787.5 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެއްޖެ އެވެ.

އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކަވަރޭޖްގައި ފޮކްސް އިން ވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްތައް ވިއްކާ ކުންފުނި "ޑޮމިނިއަން" ގެ ސޮފްޓެވެއާއިން ނަތީޖާ އޮޅުވާލި ކަމަށް ބުނެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ކުރި ތުހުމަތުތަކަށް ތާއީދުކޮށް ޚަބަރުތައް ގެނެސްދީފަ އެވެ. މިއީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެ ޑޮމިނިއަން އިން ދައުވާކުރީ ގެއްލުމުގެ ބަދަލަށް 1.6 ބިލިއަން ޑޮލަރު ހޯދުމަށެވެ.

ނަމަވެސް، ދެ ފަރާތުގެ ވަކީލުންނާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ ފޮކްސް އިން 787.5 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެ މައްސަލަ ނިންމާލަން އެއްބަސްވެފަ އެވެ.

ރުޕާޓް މާޑޮކް އާއި އޭނާގެ އާއިލާއިން ހިންގާ ފޮކްސް ނެޓްވޯކުން މިގޮތަށް އެއްބަސްވުމުން މާޑޮކް ވެސް ކޯޓަށް ހެކިބަސް ދޭން ނުގޮސް ސަލާމަތްވާނެ އެވެ.

ފޮކްސް ނިއުސް ހިންގަނީ މާޑޮކް އާއިލާގެ "ނިއުސް ކޯޕް" ގެ ދަށުންނެވެ. އެ ކުންފުނީގެ ދަށުން ހިންގާ ބައެއް މީޑިއާތަކުގެ ތެރޭގައި، ޓައިމްސް އޮފް ލަންޑަން އާއި ދަ ވޯލް ސްޓްރީޓް ޖާނަލް ފާހަގަކޮށްލެވެ އެވެ. ފޯބްސް އިން ބުނާ ގޮތުގައި، "ނިއުސް ކޯޕް" ގެ މިލްކިއްޔާތު 17.6 ބިލިއަން ޑޮލަރަށް އަރަ އެވެ.

"ޑޮމިނިއަން" އިން އެދުނު އަދަދުގެ ދެބައިކުޅައެއްބައި ދައްކައިގެން މި މައްސަލަ ނިންމާލި އިރު، ދޮގު ހަބަރު ފަތުރައިގެން އަގުވައްޓާލި އެހެން މައްސަލައެއްގައި "ސްމާޓްމެޓިކް" ކިޔާ އިލެކްޝަން ޓެކްނޮލޮޖީ ކުންފުންޏަކުން ވެސް ވަނީ 2.7 ބިލިއަން ޑޮލަރުގެ ބަދަލު ހޯދަން ދައުވާކޮށްފަ އެވެ.