މިސްރުން ކިޔަވާވިދާޅުވެގެން 1971 ގައި މައުމޫން އަބްދުލްގައްޔޫމް ދިވެހިރާއްޖެ ވަޑައިގަތީ، މީރު ވަހެއް ފަތުރުއްވަމުންނެވެ. އާއްމުންނާ ގުޅޭ ހިތްތިރި، ޒުވާން އިލްމުވެރިއެކެވެ. މާފަތްގޭ ދޮން ސީދީގެ ދަރިކަލުން މައުމޫން ވެގެންދިޔައީ ބައްޕާފުޅު ފަދައިން ގިނަ ބައެއްގެ އިހުތިރާމް، ކުޑަ ދުވަސްކޮޅެއްގެ ތެރޭ، ހޯއްދެވި ބޭފުޅަކަށެވެ. އަމިއްލަ ވަޒަނާ ދުރުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށް ފަހު އެނބުރި ވަޑައިގެން ހުރިހާ ސަމާލުކަމެއް ދެއްވީ ރަނގަޅު ވަޒީފާއެއް ހޯއްދަވައިގެން އަނބިކަބަލުންނާއި ބޭފުޅުންނާ އެކު ހަމަޖެހިވަޑައިގަތުމަށެވެ.

އެކަމަކު 1978 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ހަމަޔަށް އެމަނިކުފާނަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހދ. މަކުނުދުއަށް އަރުވާލެއްވުމާއި މާލޭ ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތް ދުވަސްތަކަކީ، ފަހަރުގައި ވަރުގަދަ ސިޔާސީ ލީޑަރަކަށް އެމަނިކުފާނު ބަދަލުވެވަޑައިގަތް ސަބަބު ކަމަށް ވެދާނެ އެވެ. އެ ހިތި ދުވަސްތަކަށް ފަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން 30 އަހަރު ހޭދަކުރެއްވި އެވެ. އެހިސާބުން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ނިމުނީ ކަމަށް ބެލެވުނެވެ. އެކަމަކު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ސިޔާސީ މައިދާނަށް އަނެއްކާވެސް ނުކުމެވަޑައިގަތެވެ.

މިވަގުތު އެ ހުންނެވީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި، އުމުރުފުޅުން 80 އަހަރުގައި ޖަލުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

ރައީސް މައުމޫންގެ ސިޔާސީ އެންމެ ބޮޑު ހަތުރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބަޔަކު ލަފާކުރި އެވެ. އެކަމަކު ހުރަގެއަށް ވަދެވަޑައިގަންނަން ޖެހިވަޑައިގަތީ އެއްބަފާ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ހަޔާތްޕުޅު ފަށްޓަވައި ބިނާކުރެއްވި އަބްދުﷲ ޔާމީންގެ ރައީސްކަމުގަ އެވެ. މިއީ އެއްވެސް މީހެއްގެ ހިޔާލަށް ވެސް އައިސްފައިވާނެ މަންޒަރެއް ނޫނެވެ.

ތައުލީމީ ހަޔާތްޕުޅަށް ފަހު މައުމޫން މިސްރުން އެނބުރި ވަޑައިގެންނެވި އިރު ރައީސް ޔާމީންގެ އުމުރުފުޅުން އެންމެ 12 އަހަރެވެ. މައުމޫން ދިރިއުޅުއްވަމުން ގެންދެނީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އާއިލީ ގެކޮޅު މ. އެންދެރިމާގޭގަ އެވެ. އެހެންކަމުން ތުއްޕުޅުއިރުގެ ދުވަސްތަކުގައި ރައީސް ޔާމީނާއި ބޭބޭފުޅާ ދެމެދު މާ ގާތް ގުޅުމެއް ނޯވެދާނެ އެވެ. އުމުރު ތަފާތުގެ ސަބަބުން، އެންމެ ފުރަތަމަ މާ ބޮޑަށް ބޭބޭފުޅާ ދިމާވެ ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

މިސްރުގައި ކިޔަވާ ވިދާޅުވާން އުޅުއްވިއިރު ސިޔާސީ ކުންޏެއް ޖެހުނު ނަމަވެސް މައުމޫނަކީ ސިޔާސީ އުއްމީދުތަކެއް ޒުވާން ދުވަސްވަރު ގެންގުޅުއްވި ބޭފުޅެއް ނޫނެވެ. ރާއްޖެ ވަޑައިގެން އަމީނިއްޔާ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާގައި މަޑުމަޑުން ހުންނެވީ އެވެ. އެކަމަކު 1971 ގައި މާލޭގެ ސިޔާސީ މާހައުލަށް އައި ބަދަލަކާ އެކު ވަރަށް ބޮޑަށް ސަމާލުވެވަޑައިގަންނަވަން އެމަނިކުފާނަށް ޖެހިވަޑައިގަތެވެ. ސިޔާސީ ކަމެއް ރާއްވަވާތީކީ ނޫނެވެ. އުފާވެރިކަމާ އެކު ފިރިއެއްގެ ގޮތުގައި އަދި ބައްޕައެއްގެ ގޮތުގައި ހަމަޖެހިވަޑައިގެން ދިރިއުޅުއްވަން ބޭނުންފުޅުވާތީ އެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ. -- ފައިލް ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ. -- ފައިލް ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނާ އެކު މިސްރުގައި ކިޔަވާވިދާޅުވި މަރްހޫމް ފަތުހުﷲ ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، މައުމޫނާ ގުޅުން ބޭއްވެވުމަކީ، އޭރުގެ ހާލަތުގެ ގޮތުން ކުރައްވަން އެންމެ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މިސްރުގައި ހިނގައި ދިޔަ ކުޑަވަރެއްގެ ސިޔާސީ ކަމަކާ ގުޅިގެން އަދިވެސް އެ ބޭފުޅުންނަކީ ސިޔާސީ ގްރޫޕެއްގެ ގޮތުގައި ދުށުމުގެ ފުރުސަތު އޮތުމެވެ. ކިޔަވައިގެން އަންނަ އެފަދަ ޒުވާނުން ވެރިކަމަށް ފައިނަގާފާނެ ކަމުގެ ބިރަކީ، އޭރުގެ ވެރިންނަށް އޮތް ބޮޑު ބިރެކެވެ.

ކަން އެހެން އޮއްވާ 1972 ގެ ޖުލައި މަހު މައުމޫނާއި ފަތުހުﷲ އަދި އެކުގައި ކިޔަވާވިދާޅުވި މުހައްމަދު ޒާހިރު ހުސެއިން، ރައީސް އޮފީހަށް ހާޒިރުކުރެއްވި އެވެ. ތިން ބޭފުޅުން ވެސް ހީފުޅުކުރެއްވީ ސިޔާސީ މަޅިއެއްގައި ބެދިވަޑައިގަންނަވަނީ ކަމަށެވެ. އެކަމަކު ރައީސް ނާސިރު އެދިވަޑައިގަތީ ހުކުރު ހުތުބާތައް އާކޮށްދެއްވުމަށެވެ. ނާސިރު ދެން އުއްކެވީ އަސްލު ދުންޏެވެ. ތިން ބޭފުޅުންނަށް ވެސް ގުރުއާން އެނގިވަޑައިގަންނަވާތީ އެކަމަށް ނިސްބަތްކުރައްވައި ވިދާޅުވީ، މާތް ﷲ އަށާއި ރަސޫލާއަށް ތަބާވާން ޖެހޭނެ ކަމަށާއި އަދި ތިމާގެ މައްޗަށް ވެރިކަންކުރާ މީހާ އަށް ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. ނާސިރު ނުސީދާކޮށް އެ ވިދާޅުވީ ވެރިކަމާ ތޮޅެން ނޫޅޭށޭ އެވެ. ތިން ބޭފުޅުން ވެސް ގަބޫލުކުރެއްވި ގޮތުގައި ނާސިރު އެ ދުވަހު ގެންދެވީ ތިން ބޭފުޅުންގެ ގޮތް ބައްލަވައިލެއްވުމަށެވެ.

ހަމަ އެ އަހަރު ސަރުކާރުގެ ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރަކަށް މައުމޫން ލެއްވި އެވެ. ރައީސް ނާސިރުގެ އިތުބާރު ލިބިވަޑައިގަތީ ކަމަށް ބެލެވިދާނެ އެވެ. އެކަމަކު ހަގީގަތުގައި އޭރު ވެސް މައުމޫން ހުންނެވި ފާޑުވިދާޅުވާ ބޭފުޅޭއްގެ ގޮތުގައި ލޭބަލްވެފަ އެވެ.

އޭރު އެއީ ރާއްޖެ އަށް ޓޫރިޒަމް ތައާރަފްވި ދުވަސްވަރެވެ. ޓޫރިސްޓުން ރުއްސުމަށްޓަކައި އެ މީހުން ބޭނުން ކަމެއް ކުރުމުގެ ފުރުސަތު އޭރު އޮތެވެ. އެކަމާ ބައެއް ދިވެހިން ކަންބޮޑުވި އެވެ. އޭރު ރައީސް ނާސިރު ގެންދެވީ އަމިއްލަފުޅު ވިޔަފާރިއެއްގެ ގޮތުން އެ ސިނާއަތުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އެހެންކަމަށް ވުމާ އެކު ފަތުރުވެރިކަމަށް ކިޔާ ކޮންމެ ފާޑަކީ، ރައީސަށް ކިޔޭ ފާޑަކަށް އޮތީ ވެފަ އެވެ.

އޭގެ ތެރެއިން ދުވަހެއްގެ ރެ އެވެ. އެންދެރިމާގޭގައި މައުމޫނާއި ޅިޔަނު އައްބާސް އިބްރާހިމް ތިއްބެވީ އާއްމު އުސޫލުގެ މަތިން ހިޔާލުފުޅު ބަދަލުކޮށްލައި ކަންކަމާ މެދު ވާހަކަފުޅުދައްކަވާ ލައްވާށެވެ. ދައްކަވަމުން ގެންދެވީ ބަނގުރަލާއި ޓޫރިޒަމް ދާއިރާގެ ވާހަކަ އެވެ. އިސްލާމީ ޝަރީއަތުގެ ވާހަކަ އެވެ. ސިޔާސީ ވާހަކައެއް ނުދެކެވެ އެވެ. ޖާސޫސުންގެ ދޫދޫމަތިން ބޮޑުންގެ ކަންފަތާ ހަމަޔަށް އެ ވާހަކަ ފޯރިއިރު އޮތީ ސިޔާސީ ވާހަކައަކަށް ބަދަލުވެފަ އެވެ. އައްބާހާއި އެމަނިކުފާނުގެ ކޮއްކޯފުޅުގެ ފިރިކަލުން ސަމަރުބުލޫ އިބްރާހިމް މަނިކު ހައްޔަރުކުރި އެވެ.

ރައީސް މައުމޫން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސް މައުމޫން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަސް ދުވަސް ފަހުން މައުމޫނާއި އިލްޔާސް އިބްރާހިމް މެންދުރުގެ ފަރިއްކޮޅުގައި ތިއްބަވަނިކޮށް ފުލުހުންގެ ދެ މީހަކު ގޮސް މައުމޫނުގެ ބަޔާން ނަންގަވައި ގޭގައި ބަންދުކުރެއްވި އެވެ. އެ އަހަރުގެ މާޗު 12 އިން މޭ މަހު ކޯޓަށް ގެންދެވުމާ ހަމަޔަށް ހުންނެވީ ބަންދުގަ އެވެ.

ޝަރީއަތަށް ފަހު މޭ 14، 1973 ގައި މައުމޫން ހދ. މަކުނުދުއަށް ހަތަރު އަހަރަށް އަރުވާލައްވަން ހުކުމްކުރެއްވި އެވެ. އާއްމު ނޫން ތަނެއްގައި ފާޅުކުރި، ސިޔާސީ ކަމަކަށް ވެސް ނުވާ ހިޔާލަކާ ގުޅިގެން، އެފަދަ ބޮޑު އަދަބެއް ލިބިވަޑައިގަތުމުން އެމަނިކުފާނު އަމިއްލަ ނަފްސަށް ކުރައްވަމުން ގެންދެވި އިތުބާރަށް ލޮޅުންއެރި އެވެ. އަދި އަނބިކަނބަލުންނާއި ތުއްޕުޅު ބޭފުޅުންނާ ވަކިން ރާއްޖޭގެ އުތުރުގައި މުޅިން އެކަހެރިކޮށް އޮތް ރަށަކަށް ވަޑައިގަންނަވަން ޖެހުމުން ކުރިމަތިވެވަޑައިގަތީ އިތުރު ހިތާމަފުޅެކެވެ.

ކަންތައްތައް ދިމާވާ ގޮތެވެ. ކޯޓަށް ގެންދެވި، އަރުވާލައްވާނެ ކަމަށް ބެލެވުމާ އެކު މައުމޫން ބޭނުންފުޅުވީ ރާއްޖޭގެ ޗާޓްތަކެއް ހޯއްދަވާށެވެ. އަރުވާލައްވާނެ ރަށް އޮންނަނީ ކޮން ހިސާބެއްގައިތޯ އާއި އެ ހިސާބުގެ ޖިއޯގްރަފީ ބެއްލެވުމުގެ ބޭނުންފުޅުގަ އެވެ. ޗާޓުތަކެއް ކުރަހައިދޭނެ މީހަކު ހޯދައިދިނުމަށް މައުމޫން އެދިވަޑައިގަތީ އަމީނިއްޔާގެ ޓީޗަރެއް ކަމަށްވާ މރ. ފޯޑް ގާތުގަ އެވެ. އޭނާ ދެއްވީ ޔާމީންގެ ނަންފުޅެވެ. އޭރު ފޯޑަށް އެއީ މައުމޫންގެ ކޮއްކޯފުޅުކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ. މައުމޫނަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ޗާޓު ކުރައްސަވައި ދެއްވީ ޔާމީނެވެ.

ކުޑައިރު ބައްޕާފުޅާ އެކު ޗުއްޓީއެއްގައި ނ. ލަންދު އާއި ކ. ކާށިދޫގައި ދުވަސްތަކެއް ހޭދަކުރެއްވި ނަމަވެސް ރަށްފުށު ދިރިއުޅުއްވުމަށް އެމަނިކުފާނު ވަރަށް ބީރަށްޓެސެވެ. އެކަހެރި ރަށަކަށް ވުމުން މަކުނުދޫގައި ހޭދަކުރައްވަން ޖެހިވަޑައިގަތީ ވަރަށް ހިތްޕުޅުދަތި ދުވަސްތަކެކެވެ. އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ ފޮތް ވިދާޅުވުމާއި ލިޔުއްވުމުގަ އެވެ. އިސްލާމް ދީނުގައި ރޯދަ ހިފުމާ ބެހޭ ފޮތެއް މައުމޫން އެ ރަށުގައި ހުންނަވައި ލިޔުއްވައި ފަހުން އެ ފޮތް ޝާޢިއުކުރެއްވި އެވެ. އަދި ދިވެހި ބަހާ ބެހޭ ފޮތެއް އިނގިރޭސި ބަހުން ވެސް ލިޔުއްވި އެވެ.

މައުމޫން ރަށުތެރެއަށް ނުކުންނަވައި މީހުންނާ ބައްދަލުކުރެއްވި އެވެ. ދީނީ ސުވާލުތައް މީހުން ދަންނަވަ އެވެ. އެކަމަކު ސިޔާސީ ކުށްވެރިއަކަށް ވެވަޑައިގަތުމުން ކިޔަވައިދެއްވޭކަށް ނޯވެ އެވެ. ވަކިން އަންނަ މީހުންނަށް ބައެއް އެއްޗެހި ވިދާޅުވެދެއްވި އެވެ. އަދި އެ ރަށަށް އަރުވާލާފައި ހުރި މާލޭ މީހެއް ކައިރިން މައުމޫން އުރުދޫ ވެސް ދަސްފުޅުކުރެއްވި އެވެ. އެގޮތުގައި މާ ގިނަ ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައެއްނުގަތެވެ. ރައީސް ނާސިރު އިތުރު ދައުރަކަށް ހޮވިވަޑައިގަތުމާ އެކު ދެއްވި އަފޫއާމެއްގައި މައުމޫން މިނިވަންވެވަޑައިގަތެވެ.

އެނބުރި ވަޑައިގެން ގައުމަށް ހިދުމަތްކުރައްވަން ބޭނުންފުޅުވި ނަމަވެސް އެއީ އޭރު ހާލަތުގެ ގޮތުން މާ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ އެ ދުވަސްވަރު ވެވަޑައިގަތީ އިމާމަކަށެވެ. އެކަމަކު ސިޔާސީ ކަންކަމުގައި ބޮޑަށް ހަރަކާތްތެރިވެވަޑައިގަތުމަށް ބައެއް މީހުން އެދޭ ކަމުގެ އިހުސާސްކުރެއްވުނެވެ. އެހެންވިޔަސް މިސްރުގެ ތަޖުރިބާ އާއި ފަހުން ކުރެއްވި ތަޖުރިބާއާ އެކު ވަރަށް ފަރުވާތެރިކަމާ އެކު ނޫން ގޮތަކަށް ބޮޑު ނިންމުމެއް ނިންމަވަން މައުމޫން ބޭނުންފުޅެއް ނުވި އެވެ.

އެކަމަކު އޭރު ރާއްޖޭގެ ހާލަތުން، ގައުމު ރަނގަޅުކުރުމުގެ ވިސްނުމެއް ގެންގުޅެފި ނަމަ އެ އޮތީ ސިޔާސީ ވެފަ އެވެ. އެކަން އެންމެ ބޮޑަށް ތަފްސީލްކޮށްދެއްވީ ކޮއްކޯފުޅު ޔާމީނެވެ. މައުމޫންގެ ވެރިކަމުގައި ވަޒީރަކަށް ވެވަޑައިގަތުމަށް ފަހު، 1993 ގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ގޮތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވެފައިވަނީ "ރާއްޖޭގައި، ސަރުކާރާ އެކު މަސައްކަތް ކުރާ ނަމަ، ސިޔާސީ ނުވެ ނުދާނެ ހާލަތެއް ކޮންމެ މީހަކަށް ވެސް މެދުވެރިވާނެ" ކަމަށެވެ.

"ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރާ ނަމަ، އެހެރީ ސިޔާސީ ކަންކަމަށް ވަދެވިފައި. މި ދެއްކެނީ ސިޔާސީ ވާހަކަކަން ނޭނގުނަސް ނޫނީ އުސޫލުތައް ބަދަލުކުރަން މަސައްކަތް ކުރާ ނަމަ، އެހެރީ ސިޔާސީ ގޮތުން މަސައްކަތް ކުރަން ފެށިފައި،" ޔާމީން ވިދާޅުވެފައިވެ އެވެ.

މައުމޫނަށް އަނެއްކާވެސް ސަރުކާރުން ވަޒީފާ ހަމަޖެހުނެވެ. ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީގެ ވަޒީފާގައި އުޅުއްވަމުން މެންދުރުފަހާއި ރޭގަނޑު މައުމޫން ގެންދެވީ އަމިއްލަ ބައެއް ތަންތަނުގައި ކިޔަވައިދެއްވަމުންނެވެ. އޭގެ ތެރެއިން އެއް ތަނަކީ އެމަނިކުފާނާ އެކު ސްރީ ލަންކާގައި ކިޔަވާވިދާޅުވި އާދަމް ހަލީމުގެ ހިދާޔާ ސްކޫލެވެ. އެތަނަށް ވަޒީފާއަށް ދާން ފެށްޓެވި ފެށްޓެވުމަކީ މައުމޫންގެ ހަޔާތްޕުޅުގައި ދެ ވަނަ ފަހަރަށް ޖަލަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގަތް ސަބަބެވެ.

ރައީސް ނާސިރާ ދެކޮޅަށް 1974 ގައި ހިންގި ސިޔާސީ ހައިޖާނު "ބޮޑު ބުރާސްފަތީ"ގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އާދަމް ހަލީމް ހިމެނުނެވެ. އޭގެ ފަހުން މައުމޫން ވެސް ހައްޔަރުކުރެއްވި އެވެ. މައުމޫނާއި ނަސްރީނާ އާއިލީ ކުއްޖެއް ގޮވައިގެން ޑޮކްޓަރަށް ދައްކަވަން ވަޑައިގެން ހޮސްޕިޓަލުގެ ވެއިޓިން ރޫމުގައި ހުންނަވަނިކޮށް ފުލުހުން އެމަނިކުފާނު ފުލުސް އޮފީހަށް ގެންދެވި އެވެ. އަދި އިސްލާމީ މަރުކަޒު މިހާރު އެ ހުރި ތަނުގައި ހުރި މަޝްހޫރު ބޯނުގޭ ޖަލުގައި ބަންދުކުރެެއްވި އެވެ. އެތަން އޭރު މަޝްހޫރުވެފައި އޮންނަނީ ޗައިނާ ގާޑެންގެ ނަމުންނެވެ. ސަބަބަކީ ޗައިނާގެ މަސްވެރިންތަކެއް ބަންދުކުރި ޖަލަކަށް ވާތީ އެވެ.

"އެރޭގެ 12:30 ހާއިރު އަހަރެން އަނެއްކާ ވެސް ޕޮލިސް ސްޓޭޝަނަށް ގެންދިޔަ. އަހަންނާ ސުވާލުކުރެވުނީ ހިނގައިދިޔަ ސަރުކާރާ ދެކޮޅު ހަމަނުޖެހުމާ ގުޅޭ އެއްވެސް ކަމެއް އެނގޭތޯ. އަހަންނަށް އެއްވެސް ކަމެއް ނޭނގޭ. އެހެންވެ އެގޮތަށް ޖަވާބުދިނިން،" މައުމޫން ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫން މިހާރުގެ އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ސިޔާސީ ޖަލްސާއެއްގައި. މިހާރު ފޮޓޯ: ހުސައިން ވަހީދު
ރައީސް މައުމޫން މިހާރުގެ އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ސިޔާސީ ޖަލްސާއެއްގައި. މިހާރު ފޮޓޯ: ހުސައިން ވަހީދު

މައުމޫނަށް ފުލުހުން އެންގީ އެމަނިކުފާނަށް ކޮންމެވެސް ކަމެއް އެނގިވަޑައިގަންނަވާނެ ކަމަށާއި މުޅި އެ ހަރަކާތުގައި އެމަނިކުފަނު ބައިވެރިވެވަޑައިގަތް ކަމަށް މީހުން ހެކިބަސްދީފައިވާ ކަމަށެވެ. މައުމޫން ހައްޔަރުކޮށްފައި ބެހެއްޓީ އަށް ފޫޓް ފަސް ފޫޓް ގޮޅިއެއްގަ އެވެ. އަވަހާރަފުޅު ލައްޕަވަން ޖެހެނީ ކުނައެއް އަޅާފައިވާ ލަކުޑި އަށްޓެއްގަ އެވެ. ބޯދަށަށް ލެއްވީ ފައިވާންޖޯޑުކޮޅެވެ. އަވި ވަންނަ ކުޑަ ދޮރެއް ހުރެ އެވެ. ރޭގަނޑު އަލިކަން ލިބެނީ ކުޑަ ބޮތްކަކުންނެވެ. ފުރަތަމަ ހަތް ދުވަހު ފަރިއްކޮޅު ވަރަށް ގޯހެވެ. ލިބިވަޑައިގަންނަވަނީ ބަތްޕެނެވެ. ހަފުތާއެއް ފަހުން ފަރިއްކޮޅު ރަނގަޅުވި އެވެ. މެންދުރާއި ރޭގަނޑަށް ބަތް ލިބިވަޑައިގަންނަވަން ފެށި އެވެ. އެއީ އެކަނިވެރި ހިތްދަތި ދުވަސްތަކެކެވެ. ވާހަކަފުޅު ދައްކަވާލައްވާނެ މީހެއް ނެތެވެ. ވިދާޅުވެލައްވާނެ ފޮތެއް، އަޑު އައްސަވާލައްވާނެ ރޭޑިއޯއެއް ނުހުރެ އެވެ.

"އަހަރެން އެއްޗެއް ބޭނުންވެއްޖެ ނަމަ ޖެހެނީ ގާޑު ގާތު ބުނަން. އަހަރެން އެހިން އަހަރެން ކީއްވެހޭ މިތާ ހުންނަން ޖެހެނީ. އެކަމަކު އެ މީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ. މާ ގިނައިން ވާހަކަދެއްކޭކަށް އެ މީހުންނަކަށް ނޯވޭ،" މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫނަށް ގޮޅިން ނުކުންނެވެނީ ހަމައެކަނި ފާހަނާކުރެއްވުމަށާއި ނާނޭފުޅުނުފިއްލަވަން ވަޅުދޮށަށް ވަޑައިގަންނަވާ ގަޑީގަ އެވެ. އެގޮތަށް ނުކުންނެވި ފަހަރެއްގައި އެނގިވަޑައިގަތީ ޖެހިގެން ހުރި ގޮޅީގައި ބޮޑުވަޒީރު އަހުމަދު ޒަކީގެ ކޮއްކޯފުޅު މުހައްމަދު ޒަކީ އަދި ދެން ޖެހިގެން ހުރި ގޮޅީގައި އާދަމް ހަލީމް ބަންދުކޮށްފައި ހުންނެވިކަމެވެ.

މައުމޫން ފެނިވަޑައިގަތުމުން ހުދު ޒަކީ ވެސް ހައިރާންފުޅުވެވަޑައިގަތެވެ. އޭނާ އަށް ވިސްނިވަޑައިގަތް ގޮތުގައި ކޮންމެވެސް މީހަކު ގަސްދުގައި މައުމޫނާ ބެހޭ ގޮތުން ގޯސްކޮށް ރިޕޯޓްކުރީ އެވެ. މައުމޫން ސިޔާސީ އެފަދަ ހަމަނުޖެހުމެއްގައި ބައިވެރިވެވަޑައިގެންފާނެ ކަމަށް ޒަކީއަކަށް ގަބޫލުފުޅެއް ނުކުރެއްވުނެވެ. މައުމޫން ގަބޫލުފުޅުކުރެއްވީ އެމަނިކުފާނު ހައްޔަރުކުރެއްވީ އާދަމް ހަލީމުގެ މަދަރުސާގައި ކިޔަވައިދެއްވާތީ ކަމެވެ.

ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތް އެކަނިވެރި ދުވަސްތަކުގައި މައުމޫނުގެ ސިކުނޑިފުޅު، ވަރަށް ބޮޑު ކަމަކަށް ހުސްކޮށްލެއްވި އެވެ. އެމަނިކުފާނު އެންމެ ބޮޑަށް ވިސްނެވީ ގައުމުގެ ހާލަތު ބަދަލުކުރައްން އެހީވާން ކޮށްދެއްވޭނީ ކޮން ކަމެއްތޯއާ މެދު އެވެ. މައުމޫން ދެކެވަޑައިގެންނެވި ގޮތުގައި މީހުން ދިރިއުޅެމުން ދިޔައީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެމަނިކުފާނަށް ވިސްނިވަޑައިގަން ގޮތުގައި ކަންކަން ބަދަލުވާން ޖެހެ އެވެ. އެކަމަކު އެ ބަދަލު ގެންނާނެ މީހަކީ އެމަނިކުފާނު ކަމަށް އެއްވެސް ވަރަކަށް ހިޔާލުފުޅަކަށް ނުގެންނަވަ އެވެ.

އެ ވިސްނުންފުޅު ވަރުގަދަވެ އިންގިލާބީ ސިޔާސީ ބޮޑު ބަދަލަކަށްވި އަނެއް ސަބަބަކީ، އެއްވެސް ހައްގަކާނުލައި ބަންދުވެވަޑައިގެން، ހަޔާތްޕުޅުން ބޭކާރުވެގެން ދިޔަ އެތައް ކަމެއްގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ހިތާމަފުޅެވެ. ދިރިއުޅުއްވުމުން ބަޔެއް ގެއްލިއްޖެ އެވެ. ކިޔަވާވިދާޅުވެވިފައި ހުރި އެއްޗަކާއި ޒުވާން ކަމުގެ ހަކަތަ އާއި ވަގުތު ވެސް ބޭކާރުވަނީ އެވެ.

އެގޮތުގައި އޮންނަތާ ދުވަސްތަކެއް ފާއިތުވެ، އެންމެ ފަހުން އެ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ރޭ 10:30 ގައި ކުއްލިއަކަށް މައުމޫން ގޮޅިން ނެރުއްވި އެވެ. ވަނީ ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އެމަނިކުފާނު ގެންދެވީ ފުލުސް އޮފީހަށެވެ. އެންގެވީ މައުމޫން ދޫކޮށްލައްވައިފި ކަމަށާއި ގެޔަށް ވަޑައިގަންނަވަންވީ ކަމަށެވެ.

މައުމޫންގެ ހިތްޕުޅަށް ވެރިވީ ކޯފާ އެވެ. އެއްވެސް ސުވާލެއް ކުރެއްވުމެއް ނެތި 50 ދުވަސް ޖަލުގައި ބެހެއްޓެވުމުންނެވެ. އެކަމަކު އެ ކޯފާގެ އިހުސާސްތައް އެތެރެއަށް ހިންދަވާލައްވައި އެމަނިކުފާނު މަޑުމަޑުން ނުކުމެވަޑައިގެން ގެޔަށް ވަޑައިގަތީ އެވެ. އޭރު ނަސްރީނާ ހުންނެވީ އެމަނިކުފާނަށް ފޮނުއްވަން އަންނައުނުކޮޅު ތައްޔާރުކުރައްވާށެވެ. އިންތިހާ ދަރަޖައިގެ ހިތާމައިގަ އެވެ.

މިއީ އޭގެ 44 އަހަރު ފަހެވެ. އަނެއްކާވެސް މައުމޫން އެ ހުންނެވީ ޖަލުގަ އެވެ. މިއަދު އަނެއްކާވެސް މުޅި އާއިލާއަށް ކުރިމަތިވެވަޑައިގަތީ މާޔޫސްކަމާ އެވެ. އެކަމަކު ރައީސް މައުމޫން ފެންނަނީ ވަރަށް އަޒުމް ވަރުގަދަކޮށެވެ. މަކުނުދޫގައި އެކަހެރިކަމުގައި އަދި މާލޭ ބޯނުގޭ ޖަލުގައި އެކަނިވެރިކަމުގައި ހުންނެވި އިރު އޮތް ހިތްވަރުފުޅަކަށް ބަދަލެއް އައިކަމުގެ ނިޝާނެއް ނުފެނެ އެވެ.

އެޑިޓަރުގެ ނޯޓް: މި ރިޕޯޓް ބިނާކޮށްފައި އެވަނީ ރޯއިސްޓަން އެލިސް 1998 ގައި ލިޔުއްވި ރައީސް މައުމޫންގެ ބަޔޯގްރަފީ "އަ މޭން ފޮ އޯލް އައިލެންޑްސް" ގެ މައުލޫމާތުތަކަށެވެ.