ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޑިކްޓޭޓަރެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް އެއްވެސް އިހުތިރާމެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކަށް މިހާރު އެންމެ ފާޅުގައި ރައްދު ދެއްވަމުން އަންނަ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑިކްޓޭޓާ މައުމޫނަށް މިހާރު އިހްތިރާމެއް ނެތް" ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވުނީތީ، އެކަމާ ހިތާމަފުޅު ކުރައްވައި ދިވެހި ރައްޔިތުންގެ ކިބައިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ މާފަށް އެދިވަޑައިގެންނެވުމުންނެވެ.
ޝައިނީ ވިދާޅުވީ މައުމޫނަށް ވޯޓު ދެއްވައި، އެ މަނިކުފާނުގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރެވުނީތީ ވެސް ދެރަވާ ކަމަށެވެ.
މައުމޫންގެ ވެރިކަމުގައި ޝައިނީ އަކީ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފެކެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިފްކޯގެ ޗެއާމަންކަން ވެސް ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން "އަޅުގަނޑު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން" ކަމަށެވެ.
"...އެކަމުގެ ޒިންމާ، އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އެޅޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ ވަރަށް ބޮޑަށް ހިތާމަކުރަން. ވަރަށް ބޮޑަށް ދެރަވަން. ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް ވެސް އެދެން،" ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާ މެދު ހިތާމަފުޅު ކުރައްވައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވި އެވެ.