ޖިނާއީ ބޮޑެތި ތަހުގީގުތަކަށް ސިޔާސީ ޕާޓީތަކުން ވަނުމަކީ ޖޯކެއް ކަމަށް ވިދާޅުވެ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ބާރު ހޯދަން އެމްޑީޕީން ކުރާ މަސައްކަތަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން މިއަދު ވަނީ ހިޔާނާތުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރާނެ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެ ފަރާތާ އެކު މަސައްކަތްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީން ނިންމާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށެވެ.
އެކަމަކު އެ ފަދަ ގަރާރެއް އެމްޑީޕީން ހުށަހެޅި އިރު، ހިޔާނާތުގެ ފައިސާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުންނަށް ލިބިފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. މިކަމަށް އިޝާރާތް ކުރައްވައި، މުހުތާޒް ވިދާޅުވީ މައްސަލަ ބެލުމަށް ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފެއްދީ، އޭސީސީ އާއި ފުލުހުންނަށް ވެސް އެކަން ނުވެގެން ކަމަށާއި އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ މީހުން ބައިވެރިކޮށްގެން، މައްސަލަ ބެލުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ކަމަކަށް ތުހުމަތު ކުރެވުމަކީ ކުށްވެރިވުމެއް ނޫން. އެކަމަކު އެ މީހުން ބައިވެރިކޮށްގެން އެ މައްސަލައެއް ތަހުގީގުކުރުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މުހުތާޒް ވިދާޅުވި ގޮތުގައި ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ގެއްލުނު މައްސަލައެއްގައި ކަންބޮޑުވުން ފާޅުކުރުމަކީ ޕާޓީތަކަށް ކުރެވިދާނެ ކަމެކެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދެއްކުން ވެސް ރަނގަޅު ކަމަށާއި އެކަމަކު މި ފަދަ ބޮޑު ޖިނާއީ ތަހުގީގެއްގެ ތެރެއަށް ވަދެ، ކުށް ފޮރުވޭ ފަދަ ގޮތަކަށް އަމަލު ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އެމްޑީޕީން ހިންގުމާ ގުޅޭގޮތުން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ހިޔާނާތުގެ ފައިސާ ހޯދުމަކީ އެ ޕާޓީގެ އެންމެ މުހިއްމު އެއް ވައުދުކަމަށާއި އެކަމަކު މިހާތަނަށް ހިޔާނާތާ ގުޅޭ ތަހުގީގު އެކަށީގެންވާ އަވަސްމިނެއްގައި ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރަމުންދާތަން ނުފެންނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ގަރާރުގައި ބުނެފައި ވެ އެވެ.
މުހުތާޒް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް، ތަހުގީގު އޮޅުވާލައި މިސްރާބު ބަދަލު ކުރުވި މީހުން، އެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާހާ ދުވަހަކު އެ މައްސަލަ އިންސާފުވެރިކޮށް ނުބެލޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މައްސަލަ ތަހުގީގު ކުރި އިރު ސުވާލު އުފެދޭ ގޮތަށް އެ ކަން ކުރި ފަރާތްތަކުން މިހާރު ވެސް ތަހުގީގުކުރާތީ ކަމަށް ބެލެވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް މި ސަރުކާރަށް ތިން އަހަރުވެގެން ދާއިރު ވެސް އެއިން އެއްވެސް ބޭފުޅަކަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.