ކޮވިޑް-19 އާ ގުޅިގެން ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މީހުންގެ ތެރެއިން ތިން ރަށެއްގެ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ނިންމަވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓުމާ އެކު ރިސޯޓްތައް ބަންދު ކުރަން ޖެހި، ގިނަ ބަޔަކަށް ވަނީ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެފަ އެވެ. އަދި ބައެއް ރިސޯޓްތަކުން ދަނީ މުސާރަ ނުލިބޭ ގޮތަށް ދިގު ޗުއްޓީއަކަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރަމުންނެވެ.

މުހުތާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ގއ. ދާންދޫ އާއި ގއ. ނިލަންދޫގެ އިތުރުން ގއ. މާމެންދޫގެ އެއްވެސް މީހަކު ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފި ނަމަ، އެ މީހަކަށް އޭނާ ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަން ކުރަނީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް މުހުތާޒްގެ ޓްވީޓްގައިވެ އެވެ. މުހުތާޒް އުފަންވީ މާމެންދު އަށެވެ.

ގާނޫނާ ޚިލާފަށް ވަކިކުރާ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މުހުތާޒް ވިދާޅުވިއިރު، ލޭބާ ރިލޭޝަންސް އޮތޯރިޓީން ވެސް ދާދިފަހުން ވަނީ ކޮވިޑް-19 އާ ގުޅިގެން ގާނޫނާ ޚިލާފަށް ބައެއް މުވައްޒަފުންނާ މެދު އަމަލުކުރާ ކަން ފާހަގަ ކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެފަދަ ކަންކަން އެ އޮތޯރިޓީއަށް ރިޕޯޓް ކުރަން ވެސް ވަނީ އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި އާއި ވަޒީފާތައް ހިމާޔަތް ކުރަން ސަރުކާރުން ވަނީ 2.5 ބިިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާންކޮށްފަ އެވެ. އެ ޕެކޭޖްގެ ދަށުން އެހީ ދިނުމުގައި މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ދޭ ފަރާތްތަކަށް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް އަންނަ ބަދަލުތަައް ރިޕޯޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޚާއްސަ ޕޯޓަލެއް ވެސް ގާއިމްކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ރިސޯޓްތަކަށް ދަތުރުކުރުން މަނާ ކުރުމުގެ އިތުރުން ފަތުރުވެެރިން ރަށްރަށަށް އެރުވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 18 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ފަސް މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ފަސް މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ހިމެނެ އެވެ.