ވެރިކަން ބަދަލުވުމުގެ މި މަރުހަލާ ފަށާފައި ވަނިކޮށް، ހައި ކޯޓަށް އިސް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުއްލި ގޮތަކަށް ނިންމުމުން އެކަމުގެ ފަހަތުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އޮންނާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ރޭ ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކު ހޯދަން އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރީ އެ މަގާމުގައި ބޭފުޅަކު ނެތްތާ 10 ވަރަކަށް މަސް ފަހުންނެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ނޮވެމްބަރު 17، 2022 ގައި ހުސްވީ އޭރު އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުންނެވެ. އެ ދުވަހުން ފެށިގެން އެ ކޯޓު ވަގުތީ ގޮތުން ހިންގަވަނީ ފަނޑިޔާރު ހުސައިން ޝަހީދެވެ.

ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ޝަރުއީ ދާއިރާގެ ކަންކަން ހަވާލުކޮށްފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މުހުތާޒް ވިދާޅުވީ، އެހާ ގިނަ ދުވަސް ވަންދެން ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްކޮށް ބޭއްވުމަށް ފަހު، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ދެން އެ ފުރުސަތު އޮންނަން ވާނީ އަންނަ މަހުގެ 17 ގައި ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެެކުލަވާލާ ޖޭއެސްސީ އަށް ކަމަށެވެ.

"މި ހުރިހާ ދުވަސް ވަންދެން އިސް ފަނޑިޔާރެއް ހުންނެވީކީ ނޫން. މި ދަނޑިވަޅުގައި ތެޅިފޮޅިގެން ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާ ސަރުކާރާ އެކު، ޖޭއެސްސީ އަށް ވެސް އާ ބޭފުޅުން އައްޔަން ކުރުމުގެ ފުރުސަތު އޮންނާނެ. އާ ބަންޑާރަ ނައިބެއް އައްޔަން ކުރައްވާނެ. މިނިވަން ކޮމިޝަންތަކަށް ބަދަލު ގެންނަ ނަމަ ޖޭއެސްސީގެ ރައީސް ވެސް ބަދަލު ވެދާނެ،" މުހުތާޒް ވިދާޅުވި އެވެ.

ޖޭއެސްސީ މިހާރު އެކުލަވާފައިވާ ގޮތުން ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކީ ވެސް އެ ކޮމިޝަންގެ މެމްބަރުންނެވެ.

މުހުތާޒް ވިދާޅުވި ގޮތުގައި، އިންތިގާލީ މަރުހަލާގައި ފަނޑިޔާރުން އައްޔަން ކުރުމަކީ ޖޭއެސްސީގެ ގާނޫނުގެ ރޫހާ ވެސް ހިލާފު ކަމެކެވެ.

"ހައި ކޯޓަށް އިސް ފަނޑިޔާރު އައްޔަން ކުރުމުގެ ފުރުސަތު ދޭން ވާނީ ހުރިހާ ގޮތަކުން ބެލިޔަސް އާ ސަރުކާރާ އެކު އުފަންވާ ޖޭއެސްސީ އަށް. މިހާ އަވަސް އަރުވާލައިގެން، ވެރިކަން ބަދަލުވާން ކުޑަ ދުވަސްކޮޅެއް އޮއްވައި މިކަން ކުރަން މިހާރުގެ ޖޭއެސްސީން އުޅޭ އުޅުމުން ޝައްކު އުފެދޭނެ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓަށް ވެސް އިސް ގާޒީއަކު ހޯދަން ޖޭއެސްސީން ވަނީ އިއުލާނު ކޮށްފަ އެވެ.

މުހުތާޒް ވިދާޅުވީ، އެއީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމުން ކުރި އިއުލާނަކަށް ވާތީ އޭގައި މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.