ޗެނަލް 13 ގެ ސީއީއޯއަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) ހުސެއިން ވަހީދު އިއްޔެ ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު 2015 ވަނަ އަހަރު ސީޕީގެ މަގާމުން އެކަހެރިކުރުމަށް ފަހު އޭނާ އައްޔަންކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އޭގެ ފަހުން ބަދަލުކުރެއްވީ ޔޫތު މިނިސްޓްރީއަށެވެ.
ސަރުކާރު ބަދަލުވުމާ ހަމައަށް އޭނާ ހުންނެވީ ސަރުކާރުގެ މަގާމުގަ އެވެ.
ޔާމީންގެ ސިޔާސަތުތަކަށް ތާއީދުކުރާ ޓީވީ ސްޓޭޝަންގެ ސީއީއޯއަކަށް ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ. ލަމްއާން ހުންނެވި އިރު ވެސް ޗެނަލް 13 ހިންގުމުގައި ހުސެއިން ވަހީދު އެހީތެރިކަން ފޯރުކޮށްދިނެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުފޫޒުގަދަ ދުވަސްވަރު، ފުލުހުންގެ ހިންގުން ސިޔާސީކޮށް، ގާނޫނާ ޚިލާފު އަމަލުތަކަށް މަގުދެއްކެވި އެއް ބޭފުޅަކީ ހުސެއިން ވަހީދު ކަމަށް، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން ތެރޭގައި ހިމެނެ އެވެ.
އޭގެ ތެރޭގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ސައިކަލްގައި ރޯކޮށްލުމާއި ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒްގެ އޮފީހުގައި ރޯކޮށްލަން އުޅުމާއި އެކި ތުހުމަތު އަޅުވައި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކުރުމުގެ ރޭވުންތައް ހިންގުން ހިމެނެ އެވެ. އެކަމަކު އެ ތުހުމަތުތައް އޭނާ ދޮގުކުރައްވަ އެވެ.