އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރި ނަމަވެސް ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށާއި "ލިޔާނެ އެއްޗެއް ނެތިއްޔާ އެމްޑީއެން މަނާކުރާ ވާހަކަ ލިޔުނިއްޔާ ރައްޔިތުން މާ އުފާ ކުރާނެ" ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޚިޔާނާތާ ގުޅިގެން ފުލުހުންނާއި އޭސީސީ އަދި އެސެޓްރިކަވަރީ ކޮމިޝަނުން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޕޮލިސް ކޮމިޝަނަރަކު، ތަކުރާރުކޮށް ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. އެ އިދާރާތަކުން ނަން ހާމަނުކުރި ނަމަވެސް ހުސެއިންގެ މައްސަލަތަކެއް ތަހުގީގު ކުރާކަން ކަށަވަރުވުމާ އެކު އެ ވާހަކަތައް ނޫސްތަކުގައި ލިޔުމުން އޭނާ ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ.
އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހުސެއިން ވަނީ "ދުވަހަކު ވެސް ހަށިވިއްކާފައި ނުވާނެ ކަމަށް" ވިދާޅުވެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިނިވަންކަމުގެ ނަމުގައި، ލިޔަން ބޭނުންވާ މީހަކު ލިޔާނެ އެއްޗެއް ބޭނުން ގޮތަކަށް ލިޔެވިދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް އޭނާ އުޅުއްވީ އިސްއުފުލައިގެންނެވެ.
ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ. --ހުސެއިން
ހުސެއިން އެދިވަޑައިގަތީ، އޭނާ އަށް ތުހުމަތުތަކެއް ކުރުމުގެ ބަދަލުގައި، އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ވާހަކަ ލިއުމަށެވެ. އޭރުން ރައްޔިތުން މާ އުފާވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.
އޭނާގެ ޕޯސްޓުގައި ވެސް ވަނީ އެމްޑީއެން އުވާލަން ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު ލައްވައި ސިޔާސީ ކުޅިކުޅުއްވަން ނުހައްދަވާ. އަޅުގަނޑު މާތްﷲ ގަންދީކުރި ހުވާ މަތީ އިންޝާﷲ ދެމިހުންނާނަން،" ހުސެއިން ވަހީދު ވިދާޅުވި އެވެ.
ތުހުމަތުތައް ހުސެއިން ވަހީދު ދޮގުކުރެއްވި ނަމަވެސް، ފުުލުހުންގެ އެންމެ މަތީ މަގާމުގައި އޭނާ ހުންނެވި އިރު އެ މުއައްސަސާ އަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފައިސާގެ ފައިސާގެ ނުފޫޒު ފޯރުއްވައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގެވި ކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ފުލުހުންގެ މުއައްސަސާ އަށް އާދަޔާ ޚިލާފަށް ފައިސާގެ ނުފޫޒު ވަދެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގި ކަން އާއްމުކުރެއްވީ އެމަނިކުފާނު ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގުމާ އެކުގަ އެވެ. އަދީބު އިސްވެ ހުންނަވައި، ސަލާމަތީ ޚިދުމަތްތައް ފޫއަޅުވާލައިގެން ހިންގި ކަމަށް ތުހުމަތުކުރެވޭ މި ހާދިސާ ފަހު ފުލުހުންގެ އިދާރާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުސެން ވަހީދު ބަދަލުކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ފުލުހުން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރެއްގެ އިތުރުން، ޚިޔާނާތުން މަންފާ ލިބުނު އެހެން ރޭންކްތަކުގެ ފުލުހުންގެ މައްސަލަތައް ވެސް އަންނަނީ ބަލަމުންނެވެ.