އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ފެންނަނީ އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ކުރިއަށް ނެރެގެން އުޅޭ ތަން ކަަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުކުމެދާނެ ނަތީޖާ ގޯސްވާނެތީ ކަމަށް ވިދާޅުވެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އިލްހާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. ފުރަތަމަ ބުރުގައި އިލްހާމް ހުންނެވީ ޖުމްހޫރީ ޕާޓީން ވާދަކުރެއްވި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކުގަ އެވެ.
ދެވަނަ ބުރަށް ގާސިމް ނިންމެވީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށް ލި އިލްހާމް ވިދާޅުވީ މާޒީގައި އޭނާ އަށް ވަނީ އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހް ފެނިފައި ކަމަށެވެ. ހަމަ އެގޮތަށް މިހާރު ވެސް ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަަމަށް އިދިކޮޅުން ބުނަމުންދާ ކަަމަށް ވިދާޅުވި އެެވެ.
"އެފަދަ ބަޔަކު ވެރިކަމަށް އައިސްފި ނަމަ ނުކުންނާނެ ނަތީޖާއާ މެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް މިވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ އަދި ގާބިލް ބޭފުޅަކީ މިހާރުގެ ވެސް ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އަޅުގަނޑަށް ފެންނާތީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވި ގޮތުގައި ގައުމު ހަލަބޮލިނުކޮށް ސުލްހަވެރިކަމާ އެކު ވެރިކަން ކުރެއްވޭނެ ކަން މި ދައުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސާބިތުކޮށްދެއްވައިފަ އެވެ.
"ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި،" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އިލްހާމް ބަންދުކުރީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބެހެއްޓި އެވެ.
އޭނާ އެކު ޓެރަރިޒަމްގެ ތުހުމަތުގައި ސިޔާސީ އެހެން ގިނަ ބަޔަކު ވެސް ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ.