ގައުމުގެ އިގްތިސާދު އޮތް ހާލަތުން ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަން މަޖުބޫރެވެ. އެކަމަކު، މައްސަލައަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޖެއްސެވި ގަރުދިޔަ އާއި ބަތުގެ މިސާލެވެ. ފިޔަވަޅުތައް އާއްމުންނާ ހަމައިން ފަށަން ޖެހޭ ފަދަ މާނައެއް ނެގުނު އެ ވާހަކަ ކަމުނުދިޔައީ އެވެ. އޭނާ އެ މިސާލު ޖެއްސެވީ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅުވަން ވެގެން ކަމަށް ވިޔަސް ގިނަ ކޮމެންޓުތަކުން ފެނުނީ ނުރުހުމެވެ.
ސޯޝަލްމީޑިއާގައި، ގަރުދިޔަ އާއި ބަތާއި ކުޅި މިރުސްތަކާ އެކު އަލީ އާރިފް ރަނގަޅަށް ވެސް "މޮޑެގެން" ކާލައިފި އެވެ! އެތައް ބައެއްގެ ފާޑުކިއުމާއި ނުރުހުން އޭނާއަށް އަމާޒުވީ، ދިވެހިންގެ އެންމެ އާއްމު ކެއުމަށް ނިސްބަތްކުރައްވައި ވިދާޅުވި މި ވާހަކައަަކަށެވެ.
"މި ރާއްޖޭގެ ކުރިމަގު ވަރަށް ފާގަތިކޮށް މި ފެންނަނީ. މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކެއި ކެއުން ހުއްޓާލާފައި ކޮންމެވެސް ވަރަކަށް އަމިއްލައަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން،" ސިޔާސީ ޕޯޑިއަމްތަކުގައި އޭނާ ވާހަކަ ދައްކަވާ ފޯރީގައި ވިދާޅުވި އެވެ.
ގިނަ ބައެއްގެ ފުރަތަމަ ސުވާލަކަށްވީ "ގަރުދިޔަ އާއި ބަތަށް ތިރިވާން ޖެހެނީ" އެ ދިރިއުޅުމުގައި ތިބި އާއްމުން ހެއްޔެވެ؟ ނޫން ނަމަ، ދައުލަތް ހިންގުމުގެ ހަރަދު ބޮޑު ނިޒާމުގެ ހައިބަތު ބޮޑު މަގާމްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ހެއްޔެވެ؟
ޕީއެންސީގެ ފޯރިގަދަ ޖަލްސާގައި އާރިފް ދެއްކެވި ގަރުދިޔަ އާއި ބަތުގެ ވާހަކަ ރައްޔިތުންނަށް ކަމުނުދިޔަ ސަބަބުތައް ވަރަށް ގިނަ އެވެ.
"ރައްޔިތުން މިހާރު ވެސް ތިބެނީ ގަރުދިއްޔަ އާއި ބަތާ ކައިގެން އާދައިގެ ދިރިއުޅުމުގައި. މާ މަތީގައި އުޅުއްވަނީ ދައުލަތް ނޮޅައިގެން ތިއްބަވާ ތިޔަ ބޭފުޅުން،" އާރިފްގެ ވާހަކައާ މެދު ހިތްހަމަނުޖެހުނު މީހަކު އެކްސްގައި ލިއުނެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވެއްޓިފައި އޮތް އަނދަވަޅުގައި އާއްމުންގެ ޒިންމާއެއް ނެތް ކަން ހަނދާންކޮށްދޭން ބައެއް މީހުން ވަނީ، ރައްޔިތުންގެ މަޖިލީހަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ފޮނުއްވި ރިޕޯޓުން ވާހަކަތައް ހިއްސާކޮށްފަ އެވެ. ރާއްޖެއަށް އިގުތިސާދީ ބޮޑު ކާރިސާއެއްގެ ބިރު މިހާ ބޮޑުވި ސަބަބު ހާމަކުރައްވައި އޭނާ ވިދާޅުވީ ރާއްޖެ އ މަގަށް ދާ ތަން ފެންނާތީ، އެމްއެމްއޭ އިން ދިން އިރުޝާދާއި ލަފާތަކަށް ސަރުކާރުތަކުން އަޅާނުލީ ކަމަށެވެ. މީގެ ދެ އަހަރު ކުރިން ފެށިގެން ހާލަތު އޮޅުންފިލުވައިދެމުން އަޔަސް ކުރީގެ ސަރުކާރުގައި ވެސް ހަރަދުތަކާއި ސިޔާސީ ފައިދާއަށް ކަންކަން ކުރީ، ހިތުހުރި ގޮތަކަށް ކަަމަށް ވިދާޅުވި އެވެ.
"ރާއްޖެ މި ހާލަތަށް ވައްޓާލީ ސިޔާސީ މީހުން. އެކަމަކު އޭގެ ބުރަ އުފުލަން މި ޖެހެނީ ނިކަމެތި ރައްޔިތުން. އަދިވެސް ނިކަމެތިވާން މި ޖެހެނީ ރައްޔިތުން،" ގަވަރުނަރުގެ ވާހަކައަށް އިޝާރާތްކޮށް މީހަކު ލިއެފައިވެ އެވެ.
"ސަރުކާރާ ދައުލަތުގެ މަގާމުތަކުގައި ނުބައްދަލު މުސާރައިގަ ތިބޭ މީހުން ގަރުދިޔަ ބަތް ކެވޭ މާލީ ހާލަތަށް ބަދަލު ވީމާ ގައުމަށް ދިމާވެގެން އުޅޭ މާލީ ތަކުލީފު ކުޑަކުރެވުން މާ ގާތް. މިތަކުލީފަކީ ރައްޔިތު އެހެން އެންމެންނަށް ޖައްސާ ދައްޗަކަށް ވެގެން ނުވާނެ. ފަގީރުކަމަށް ވައްޓާލީ ސިޔާސީން،" އެކްސްގައި ހުމޭ ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އަލީ އާރިފަށް އަމާޒުކުރި ފާޑުކިއުންތަކުގައި، މި ސަރުކާރުން އިއުލާންކުރި ހަރަދުކުޑަކުރުމުގެ ސިޔާސަތާ އެއްގޮތަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކާ މެދު ވެސް ސުވާލު އުފެއްދި އެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ސިޔާސަތުގައި ރައްޔިތުން އާދައިގެ ދިރިއުޅުމަށް ތިރިވުމާއި ވަޒީފާ ގެއްލުނަސް ކެތްތެރިވެލުމުގެ ވާހަކަ ދެކޮޅެއް ނުޖެހެ އެވެ. މަގާމުތަކަށް މީހުން އައްޔަން ކުރުން އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތައް ނަގަން ޖެހެނީ ހަމައެކަނި ރައްޔިތުންނެއް ނޫނެވެ.
ސަރުކާރުން ފުރަތަމަ އަޅަންވީ އެ މީހުން ދެކޭ ގޮތުގައި މި ފިޔަވަޅުތަކެވެ؛ ސިޔާސީ މަގާމްތަކުގެ ހޭދަ ކުޑަކުރަންވީ އެވެ. ބޭކާރު ހަރަދު ހުއްޓާލައި އިސްރާފު ކުޑަކުރަންވީ އެވެ. ކޮރަޕްޝަނުން ފައިސާ ނުގެއްލޭ ގޮތަށް ނިޒާމު ހަރުދަނާކުރަންވީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް އެހާމެ ބޮޑުއިރު، އެ ކުޑަ ކުރަން ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ގިނަ މެންބަރުން ދެކޮޅެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މެންބަރުން ވެސް އުޅުއްވަނީ ވަރަށް ދަތި ހާލަތުގައި، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެންނެވެ.
"އެހެންވީމަ ދެން އާދައިގެ މުސާރައެއް ލިބޭ ސަރުކާރު މުވައްޒަފެއް އުޅޭނެ ހާލަތު ވިސްނާލާ. އެ ސިޔާސީ ވެރިންނަށް ލިބޭ ހެލުތު އިންޝުއަރެންސްތަކާއި އެހެން ވެސް އިނާޔަތްތަކެއް ވެސް ރައްޔިތުންނަކަށް ނުލިބޭ. އެމީހުން ހުރިހާ ކަމެއް ކުރަން ޖެހެނީ ލިބޭ ކުޑަ މުސާރަ ކޮޅުން،" މީހަކު ކޮމެންޓްކުރި އެވެ.
މި ހުރިހާ ޝުއޫރުތަކެއްގެ ތެރެއަށް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ގިނަ މަގާމުތަކެއް ފުރުއްވި އަނީސާ އަހުމަދު ދޫކޮށްލެއްވީ މި ނަސޭހަތެވެ.
"ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަން ގަބޫލުކުރާނެ."
އާދައިގެ ދިރިއުޅުމަކަށް ރައްޔިތުންނަށް ދެވޭނެ ފަދަ ފެންވަރެއް ވެސް ރާއްޖޭގައި މި ވަގުތު އޮތްތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.
"ގަރުދިޔަ ވެސް ކެކޭނީ މަހެއް ބޭވިގެން [ބޭނިގެން]. މަހެއް ބެވެން [ބޭނެން] އޮތީ ކަނޑަށް ނުކުމެގެން. ކަނޑަށް ނުކުމެވެން އޮތީ ތެޔޮގަނެވިގެން،" އިހަވަންދޫ މަސްވެރިންގެ ޕޭޖުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި ވާހަކަ އިޝާރާތްކުރައްވައި، ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވެސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަރުދިޔަ އާއި ބަތް މިހާރު މާ އަގުބޮޑު ކަމަށެވެ.
"އަޅުގަނޑުގެ ވާހަކައަކީ، މިއަދު ރިޔަލުގައި މަހަށްގޮސް ހަރަދުކުޑަކޮށް، ގަރުދިޔަ ކައްކާލަން މަހެއެއް ބޭނޭނޭ ގޮތެއް ނެތެވެ. އެތައް ސަތޭކަ ލިޓަރުގެ ތެޔޮ އަންދައި ހާހުން ނުވަތަ ލައްކައިން ރުފިޔާ ހަރަދުކޮށްގެން ނޫނީ އެ ވިދާޅުވި ކަމަށް ބައެއް ނޫސްތަކުގައި އެބުނާ ގަރުދިޔައެއް ކާނީ ކިހިނަކުންތޯއެވެ؟ ކުކުޅަށް ވުރެ ކަނޑުމަހުގެ އަގު މާދޮށްޓެވެ. ވަރަށް ބޮޑު އަގުގައި ނޫނީ ގަރުދިޔަ ކައްކާނޭ މަސްކޮޅެއް ލިބޭނޭ ގޮތެއް ނެތެވެ،" މުއިއްޒު އަދުނާނު ލިއުއްވި އެވެ.
"ލައްކައިން ރައްޔިތުން ގެނެސް މިއޮތީ މިސަރަހައްދަށް އަޅާލައިފަ އެވެ. ބޮޑު ތަދެއް ނުވަތަ ދަތިކަމެއް އަތުވެއްޖެ ނަމަ، ކުރިންހެން ގޮނޑުދޮށުން މިސަރަހައްދުގައި މަހެއް ބާނާލެވޭކަށް ނެތެވެ. ވަދާދުއްވާލެވޭނެ ގޮތެެއް ނެތެވެ. މީރު ދިވެހި ހަކުރުކޮޅެއް، ހިކިމަސްކޮޅެއް، ކާށިކޮޅެެއް، ގަބުޅިކޮޅެއް، ބަނބުކެޔަކޮޅެއް ކާލަވޭނޭ ގޮތެއް ނެތެވެ. އަދި ކުރިންހެން މަގޫ ފަތް ކޮޅެއް ވެސް ނެތެވެ."
އަލީ އާރިފް ވިދާޅުވީ ވާހަކައިގެ މަފްހޫމް މުޅިން އޮޅުވާލީ ކަމަށް!
އާއްމުންގެ ފާޑުކިއުމަށް ރައްދު ދެއްވައި އަލީ އާރިފް "މިހާރު"އަށް ވިދާޅުވީ ހަރަދު ކުޑަކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކަ ދެއްކެވުމުގެ ތެރޭގައި އޭނާއަށް ވިދާޅުވެވުނު އެއްޗެއްގެ މަފްހޫމް މުޅިން އޮޅުވާލީ ކަމަށެވެ. ވާހަކައިގެ ތަންކޮޅެއް ނަގައިގެން ސޯޝަލްމީޑީއާގައި ފެތުރީ ގަސްތުގައި، މާނަ އޮޅުވާލައި ވާހަކައިން ނުބައި ތަސައްވުރެއް ފަތުރަން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވާހަކަ ބޮޑަށް ނިސްބަތްކުރީ ދައުލަތަށް. ގަރުދިޔައިގެ ވާހަކަ ވެސް ގެނެސްދިނީ ދިވެހިންގެ އާންމު ދިރިއުޅުން ވީހާ ވެސް ބޮޑަށް ސިފަކޮށްދޭން. އެއީ ދަށްކުރަން ދެއްކި ވާހަކައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވި ގޮތުގައި، އޭނާ ދެއްކެވީ އިގްތިސާދު އޮތް ހާލަތުން އަރައިގަތުމަށް މުޅި ދައުލަތާއި ރައްޔިތުންގެ އެއްބާރުލުން މުހިއްމު ކަމުގެ ވާހަކަ އެވެ.
އޭނާގެ ނިޔަތަކީ، ދިވެހިންގެ އެންމެ އާއްމު ކެއުން ދަށްކޮށްލުން ނުވަތަ ހަރަދުކުޑަކުރަން ޖެހެނީ އާއްމުން ކަމަށް ވިދާޅުވުމެއް ނޫން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
މި މާނައިގައި ނަމަވެސް، އަލީ އާރިފް ރައްޔިތުންނަށް ދިން ނަސޭހަތް ގޯސްވީ އެވެ. ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެމީހުން ތިބީ މިހާރު ވެސް އެ އާދައިގެ ދިރިއުޅުމުގަ އެވެ. އިތުރަށް ތިރިވާން ވެއްޖެ ނަމަ، ދާން ޖެހޭނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހިން ކެއި "މަގޫ ފަތުގެ ހާލަތަށް" ކަމަށެވެ.
އެހެންވެ އޮތް ގޮތަކީ، ސިޔާސީ ބޭފުޅުން ނަމޫނާ ދެއްކެވުމެވެ.