ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަން ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ނިހާން މިވެރިކަން ހިންގާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ވެރިކަން ބަދަލުވުމުން، 2019ގަ އެވެ.
އޭގެ ފަހުން ޕާޓީގެ އިސް ސަފުގައި މަސައްކަތްތަކެއް ކުރެއްވުމަށް ފަހު މިދޭތެރެއިން ސިޔާސީ ކަންކަމުން ގެއްލުނެވެ. އޭގެ ފަހުން ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ނިހާން ފެނުނުއިރު ކުރިއަށް އޮތީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތެރި ދުވަސްކޮޅެކެވެ.
ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ނިހާންއަކީ މިހާރު އެ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
ގާސިމްގެ އެޑްވައިޒަރު ކަމަށް ނިހާން އައްޔަންކުރެއްވިއިރު އޭނާގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ދައުވާތަކެއް ވެސް ކޮށްފަ އެވެ. ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް އޭނާގެ މައްޗަށް ކުރަނީ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މެދުވެރިކޮށްގެން ގިނަ އަދަދަކަށް ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ.
ނިހާނަށް ކުރާ ދައުވާތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް މި ދައުވާތަކާ އެކު ކޯޓުގައި އެދިފައިވެ އެވެ.