ސަރުކާރުގެ ތިން މިނިސްޓަރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ރައްޔިތުންނަށް ދިން ގެއްލުމެއް ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. އެހެން ހުރިހާ މިނިސްޓަރުންނަށް ރުހުން ދޭން މަޖިލީހުން ފާސް ކުރި އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން، ޕީއެންސީގެ ޗެއާޕާސަން އަދުރޭ ވިދާޅުވީ ސަރުކާރެއްގެ ފުރަތަމަ ކެބިނެޓަށް ރުހުން ނުދިނުމަކީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ޒިންމާދާރު ކުޑަކޮށް އިދިކޮޅު ފަރާތްތަކުން ކުރި ކަމެއް ކަމަށެވެ.

ރުހުން ނުދިން ތިން މިނިސްޓަރުންނަކީ އެ މަގާމަށް ވަރަށް ގާބިލް ތިން ބޭފުޅުން ކަމަށާއި މަގާމާ ހަވާލުވި ފަހުން ހުއްޓުމެއް ނެތި ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ތިން މިނިސްޓަރުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޑރ. ޝަހީމަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލްކަން ލިބިފައިވާ ބޭފުޅެއް ކަމަށާއި ހައިދަރަކީ ވެސް އެ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައި އަދި ތަޖުރިބާ ވެސް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އުޝާމަކީ ވެސް ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގައި ފަސް އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ވަރަށް ގާބިލް ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ޕަފޯމަންސްގެ މައްސަލައެއް ނޫން އަދި ގާބިލް ކަމުގެ މައްސަލައެއް ވެސް ނޫން. މިއީ ހަމަ ޒާތީ ކަންތައްގަނޑެއް. ސަރުކާރަކަށް ނޫން ހަގީގަތުގައި ޖެއްސުން މި ކުރެވެނީ ދިވެހި ރައްޔިތުންނަށް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންގެ ތަނަވަސް އަގުލަބިއްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރައްވާފައިވާ އިރު ފުރަތަމަ ކެބިނެޓަށް ރުހުން ނުދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލާގައި ސަރުކާރުން އަމަލުކުރާނެ ގޮތެއް މާ ލަހެއް ނުވެ ރައީސް ނިންމަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.