ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފި އެވެ.

އިރްތިޝާމް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާގެ މެމްބަޝިޕް ފޯމާ ހަވާލުވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަން ވެސް އިރްތިޝާމް އަދާކުރެއްވި އެވެ. އޭގެ ކުރިން އޭނާ ވަނީ ޚާރިޖީ ދާއިރާގައި ސަފީރު ކަމުގެ ބައެއް މަގާމުތައް ވެސް ފުރުއްވައިފަ އެވެ. މިއީ ޔާމީންގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ފުރަތަމަ ބޭފުޅާ އެވެ.

ޔާމީންގެ ސަރުކާރުގެ ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ކުރިން ވެސް ވަނީ ސޮއިކުރައްވާފައި ވެ އެވެ. އެގޮތުން ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒް ވެސް ދާދިފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަަޑައިގެންފަ އެވެ.

މީގެ އިތުރުން މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވި ބައެއް މެމްބަރުން ވެސް ކުރިން ވަނީ އެ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ.