ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެޑަމްގެ ނުފޫޒެއް މިހާރަކު ނެތް ކަމަށާއި އެ ޕާޓީ ހިންގަނީ ރައީސާއި ލީޑަޝިޕުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޝުޖާއު ވިދާޅުވީ ޕާޓީގެ ބޭފުޅުން ރަށްރަަށަށް ވަޑައިގަތުމުން ޔާމީނަށް ދެވަނަ ދައުރެއް ނުލިބުނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ޕީޕީއެމްގެ ލީޑާޝިޕަށް އޭރު ނުފޫޒުފޯރުވައިގެން ކަމަށް ވިދާޅުވާ ކަމަށެވެ.

ޔާމީން ދެވަނަ ދައުރަކަށް 2018 ވަނަ އަހަރު ވާދަކުރެއްވިއިރު، އޭރުގެ ފަސްޓް ލޭޑީ ފާތުން ވަނީ ވަކިން ކެމްޕެއިން އޮފީހެއް ހަދައި، އޭނާގެ އަރިސް ބޭފުޅުންނާ އެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވައިފަ އެވެ. ޕާޓީގެ ވަކި ބަޔަކު ގާތްކުރައްވައި ހަރަކާތްތައް ހިންގެވި ގޮތުން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންގެ ކަންބޮޑުވުންތައް އޭރު އޮތެވެ.

"މިހާރަކު އިރާދަފުޅު ކުރެއްވިއްޔާ މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް. މި ޕާޓީ ހިންގަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑާޝިޕުން،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ޕީޕީއެމުން އުފަންވި ޕީއެންސީން އުޅެނީ "ޕީއެންސީގެ ވެރިކަމެއް" ކުރާށެވެ. އެ ޕާޓީން އިސްކަންދޭނީ ގައުމީ މަސްލަހަތަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އެ މީހަކަށް ވަޒީފާ ލިބޭނެ. އެއީ ޕާޓީ ވެރިިކަން ކުރަން މި އުޅެނީ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިގަންނަވާނެ ޕާޓީ ވެރިކަން ކުރަން،" ޝުޖާއު ވިދާޅުވި އެވެ.

ޕީޕީއެމުން ކުރިން ކާނިވަލުގައި ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަދައްކަވަނީ..-- ފޮޓޯ: ނިޝާން އަލީ/މިހާރު
ޕީޕީއެމުން ކުރިން ކާނިވަލުގައި ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަދައްކަވަނީ..-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު ގައުމުގެ ވަރަށް ގިނަ ކަންކަން އޮތީ ބޮއްސުންލައިފަ އެވެ. އެހެންވެ ފުރަތަމަ ވެސް އެމަނިކުފާނަށް ޖެހިވަޑައިގަތީ އިތުރު ކަމެއް ނުކޮށް ގައުމު ހަމަމަގަށް އަޅުވަން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވެރިކަން ފެށުނުއިރު އޮތީ ބަރަހާނާ ސައިޓުތަކަށް ކުޑަކުދިންނަށް ވަދެވޭ ގޮތަށް ދޫކޮށްލާފައި ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ އިންތިހާއަށް ބޮޑުވެފަ އެވެ. ސިނގިރޭޓާއި ވޭޕުގެ މައްސަލަ ހައްދުން ނެއްޓިފަ އެވެ. އާސަންދަ އާއި އެންސްޕާގެ ބޮޑު ހޭދައެއް ކުރަން ޖެހިފައި އޮތީ ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ހުރީ ދޫނުކޮށެވެ. އަދި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ހުރީ ހުސްވެފަ އެވެ.

އެ ކަންކަމަކީ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހައްލު ނުކުރެވުނު ކަންކަން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ޕާޓީގެ އާންމު މެމްބަރުންނާ ހަމައަށް ނުދެވި އޮތީ ގައުމު ހަމަމަގަށް އަޅުވަން ޖެހިގެން. ޑޮލަރުގެ މައްސަލައަކީ މިއަދު އޮތް މައްސަލައެއް ނޫން. އެންމެން ލޯމަރާލައިގެން 2018 ގައި ވެރިކަން ބަދަލުވިއިރުގައި، ރައީސް ޔާމީންގެ ސަރުކާރުގައި، އަޅުގަނޑުމެން އެންމެންގެ ސަރުކާރުގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުންނާނެ ބިލިއަނެއްހާ ޑޮލަރު. [އެމްޑީޕީ ސަރުކާރުން] އެ ކައި ހުސްކުރީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ ރާއްޖޭގެ ދަރަނި ދެއްކުމަށް ޔާމީންގެ ވެރިކަމުގައި، އޭރު މަޖިލީހުގައި ތިބި ޕީޕީއެމް މެމްބަރުންގެ ވެސް މަސައްކަތުން ހުޅުވި ފަންޑެއް ކަމަށެވެ. އެކަމަކު، ކުރީގެ ސަރުކާރުން އެ ފަންޑު އެހެން ބޭނުންތަކަށް ހުސްކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މި ސަރުކާރަށް ފުރަތަމަ ވެސް ޖެހުނީ، ދެން އަންނަ ކޮންމެ ވެރިއަކަށް ހިތުހުރިގޮތަކަށް އެ ފަންޑުގައި ހުންނަ ފައިސާ ބޭނުން ނުުކުރެވޭނެ ގޮތް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލާގައި ޔާމީން ވެސް މިހާރު ސަރުކާރަށް ވަރަށް ގިނައިން ފާޑުވިދާޅުވާތީ، ޝުޖާއު ވަނީ އެމަނިކުފާނަށް ވެސް ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

"ރައީސް ޔާމީނު ގޭގައި ހުރި ޑޮލަރުކޮޅު ބޭންކަށް ލާންވީނު. މިކަން ހައްލުވާނެ އޭރުން،" ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވަގުން ކަމަށް ވަންޏާ، ރައީސް ޔާމީން ވާންޖެހޭނީ މުލު ވަގަށްތާ. އެހެނުންތޯ."

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒަކީ ތެދުވެރި ވެރިއެއް ކަމަށާއި އެމަނިކުފާނު ވައްކަމެއް ނުކުރައްވާނެ ކަމަށެވެ.

އޭނާ ވަނީ ޔާމީންގެ ހައްގުގައި، އެމަނިކުފާނުގެ ދިފާއުގައި ޕީއެންއެފްގެ ޖަގަހަ ޖަލްސާތަކުގައި ވާހަކަދައްކަވާ އެ ޕާޓީގެ ބައެއް އިސްބޭފުޅުންނަށް ވެސް ބަހުގެ ހަމަލާތައް ރައްދުކުރައްވައިފަ އެވެ.

"މިހާރަކަށް އައިސް އަނގަފަޅައިގެން އުޅޭ ބައެއް މީހުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ހައްގުގައި އަޅުގަނޑުމެން ގުރުބާން ވެގެން ދިޔައިރު، ކަލޭމެން އެކަކު ވެސް ނުހުންނާނެއޭ. ފެންނަން ވެސް ނުހުންނާނެއޭ އިނގޭތޯ،" ޝުޖާއު ވިދާޅުވި އެވެ.

"މަލީހު ހުރީ ބަދިގޭގައި ސަމޯސާ ހަދަން. ޖަމީލު ހުރީ އިނގިރޭސިވިލާތުގައި ވަގަށް ގޮވަން."

ނޮވެމަބަރު 30، 2021: ކުރީގެ ރައީސް ޔާމީނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން ޝުޖާއުއަށް އުފަލުން ރޮވިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޮވެމަބަރު 30، 2021: ކުރީގެ ރައީސް ޔާމީނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން ޝުޖާއުއަށް އުފަލުން ރޮވިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރީގެ މިނިސްޓަރު މަލީހު ޖަމާލް އާއި ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދަކީ މިހާރު ޔާމީންއާ އެންމެ އަރިސްބޭފުޅުންނެވެ. އެކަމަކު، އެ ބޭފުޅުންނަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީނާ ދެކޮޅަށް ވެސް މަސައްކަތްކުރެއްވި ބޭފުޅުންނެވެ.

"އަޅުގަނޑުމެން އެމަނިކުފާނަށް ދެއްވިން އިއްޒަތް، ހުސްގޮނޑިއަކީ. އެއީ ޕާޓީގެ ލީޑާޝިޕުން ނިންމި ނިންމުމެއް. އެއީ ރައީސް ޔާމީނު އަނިޔާވެރިކަން މަތީގައި ޖަލުގައި އޮތީމާ އެމަނިކުފާނު ޖެހޭނެއޭ އިއްޒަތަށްޓަކާ އެ ގޮނޑި ބާއްވަން،" ރައީސް މުއިއްޒުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ ޖަލްސާތަކުގައި ޔާމީންގެ ނަމުގައި ބެހެއްޓި ހުސްގޮނޑީގެ ވާހަކައަށް އިޝާރާތްކުރައްވައި ޝުޖާއު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގެ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ "އެއާޕޯޓެއްގެ ބަފާ ކަށަވަރު ނުވެގެން މި ދުވަސްކޮޅު މި އުޅެނީ،" ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ކޮންމެ ބަޔަކު، ކޮންމެ ޕަސެންޓަކަށް މަސައްކަތްކޮށްފައި އޮތަސް، އާ ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވަނީ މި ސަރުކާރުންނެވެ.

"ހަވާ ވެސް އަރުވާނީ، ޑްރޯން ވެސް އަރުވާނީ އެކަން ކުރާ ބޭފުޅުންތާ. އެމްޑީޕީ ވެރިކަމުގައި ހަވައެއް ނޭރުވުނު، ހަވާ އަރުވަން ލިބުނު ލާރި ކޮވިޑު ތެރޭގައި އެންމެ ކާލައިފި،" ޝުޖާއު ވިދާޅުވި އެވެ.

"ނަގާ ބަޔަކު ކްރެޑިޓް ނަގާ، ޓާމިނަލް ހުޅުވަނީ އަޅުގަނޑުމެން."