ރައީސް އަބްދުﷲ ޔާމީނަކީ އުސޫލުގެ ތެރެއިން ކަން ކުރައްވާ ލީޑަރެއް ނަމަ، ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށިފައި ވަނިކޮށް އަމިއްލަފުޅަށް ޕޮލިސް ކޮމިޝަނަރެއް ހަމަނުޖައްސަވައި، އެ ފުރުސަތު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ދެއްވާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާ އެކު، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް، އެ މަނިކުފާނު މިއަދު ވަނީ ޕޮލިސް ކޮމިޝަނަރަކަށް ހަމްދޫން ރަޝީދު އައްޔަން ކުރައްވައިފަ އެވެ. އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަބްދުﷲ ނަވާޒް ބަދަލު ކުރެއްވީ، އެންވަޔަރްމެންޓް މިނިސްޓްރީިގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ފުލުހުންގެ މުއައްސަސާ ހިންގެވުން ނަވާޒްއާ ހަވާލުކުރެއްވީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ނިންމުމަށް އެއްބާރުލުން ދެއްވަން އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ދެކޮޅު ހެއްދެވި ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. ނަވާޒް، އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވާތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާ ހިންގުމަށް ރައީސް ޔާމީން ގެންނެވި ކުއްލި ބަދަލާ ގުޅޭ ގޮތުން ރިޔާޒް "މިހާރު" އަށް ވިދާޅުވީ، ރައީސް ޔާމީނަކީ އެތިކަލް ލީޑަރެއް ނަމަ، މި މުއްދަތުގައި ޕޮލިސް ކޮމިޝަނަރެއް ހަމަޖެއްސެވުމުގެ އިޚްތިޔާރު ދެއްވާނީ އިބޫ އަށް ކަމަށެވެ. އެއާ ޚިލާފަށް އަމަލު ކުރެއްވުމުން، ރައީސް ޔާމީންގެ ނިޔަތާ ދޭތެރޭ ރިޔާޒް ސުވާލު އުފެއްދެވި އެވެ.

"މުޅި ފުލުހުންގެ މުއައްސަސާ ހަލާކުކޮށް، ނިޒާމްތައް ގެއްލުވާލައިފި. އެކަން ރައްޔިތުންނަށް ސާފުވާތީ، އިންތިޚާބުގައި އެމަނިކުފާނަށް ނޫނެކޭ ބުނީ. އެއާ އެކު، ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ އިޚްތިޔާރު ދެއްވަން ޖެހިވަޑައިގަންނަވާނީ އިބޫ އަށް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ، ޕޮލިސް ކޮމިޝަނަރުން އައްޔަން ކުރެއްވުމުގައި ވެސް ރެކޯޑު ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، ދެ އެކްޓިން ކޮމިޝަނަރުންނާ އެކު އެ މުއައްސަސާ ހިންގުން ފަސް އަހަރުގެ ތެރޭގައި ފަސް ބޭފުޅަކާ ހަވާލުކުރެއްވި ވާހަކަ އަށެވެ.

މި ވެރިކަމުގައި، އެންމެ ފުރަތަމަ ސިޕީއަކަށް ހުންނެވީ ހުސައިން ވަހީދެވެ. ރިއާސީ ލޯންޗު "ފިނިފެންމާ" ގޮއްވައިލި ހާދިސާ އަށް ފަހު އޭނާ ވަކިކޮށް ދެން އެ މަގާމަށް އައްޔަން ކުރެއްވީ އަހްމަދު އަރީފެވެ. ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން އަރީފް މަގާމުން ވަކި ކުރުމަށް ފަހު އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސީ އަހްމަދު ސައުދީ އެވެ. އޭގެ އެއް ދުވަސް ފަހުން ސައުދީ ވަކިކޮށް އެ މަގާމަށް ހަމަޖެއްސީ ނަވާޒެވެ.

އިބޫ އާއި ރިޔާޒް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
އިބޫ އާއި ރިޔާޒް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ރިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުންގެ މުއައްސަސާ އަށް ގެނައި ބަދަލަކީ، ރައީސް ޔާމީން ބޭނުންފުޅުވާ ކަންތައްތަކެއް ނުފޫޒުގެ ބޭނުން ކުރައްވައިގެން އެ މުއައްސަސާގެ ތެރެއިން ކުރެއްވުމެވެ. އޭގެ ތެރޭގައި، އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުން ރެކިވަޑައިގަތުމަށް މސައްކަތްޕުޅު ކުރެއްވުން ހިމެނޭ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

ފުލުހުންގެ މުއައްސަސާ އިން ނަވާޒް ބޭރު ކުރައްވައި، ހަމްދޫނާ ހަވާލު ކުރައްވާފައިވީ ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ހަމްދޫން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކޮށްދޭން ޖެހޭ ބައެއް ކަމަށް ރިޔާޒް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"އިބޫ ވައުދުވެވަޑައިގެންފައިވާ ގޮތަށް، ފުލުހުންނަކީ އޮޕަރޭޝަނަލީ މިނިވަން ބަޔަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގިނަ ބޭފުޅުންތަކެއް ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އިރު، ގާނޫނާ ޚިލާފަށް ފުލުހުން ވެސް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެ މުއައްސަސާ އަށް ފާޑުކިއުން އަމާޒުވެ، ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވުރެން ބޮޑަށް، އިންޓެލިޖެންސް ރިޕޯޓްތައް ހިފައިގެން ސިޔާސީ މީހުން ފަހާ ދުވުމަކީ އެ މުއައްސަސާ އިން ކުރާ ހަމައެކަނި މަސައްކަތް ކަަމަށް ބުނެ ވެސް ނުރުހުން ވަނީ އަމާޒުވެފަ އެވެ.