ކޮވިޑް-19ގެ ބަމިމަޑުކަމާ ހެދި ގައުމުތަކުގެ ބޯޑަރުތަަކާއި ގެތަކުގެ ދޮރުތައް ބަންދުކުރަން ޖެހިފައި ވިޔަސްް އެކުވެރި ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުވާކަން ދައްކުވައިދީފި ކަމަށް ވިދާޅުވެ، އެ ގައުމުތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ތައުރީފުކުރައްވައިފި އެވެ.
ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ޗެކް ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމަކީ މިއިން ދުވަހަކު ވެސް ދުނިޔެ ނުދެކޭ ފަދަ ގޮންޖެހުމެއް ކަމަށެވެ. އެ ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މަޖުބޫރުވެެގެން ނިންމާފައިވާ އުނދަގޫ ނިންމުންތަކެކެވެ. އެފަދަ ފިޔަވަޅުތަކުގެ ގޮތުގައި މިނިސްޓަރު ދެއްކެވީ ވައިގެ ދަތުރުތައް ހުއްޓާލައި ބޯޑަރުތައް ބަންދުކުރުމެވެ.
"މިފަދަ ދަތި ހާލުގައި ވެސް، ހަމަ އެހެންޏާ ވެސް ކަންތައްކުރާ ގޮތަށް، ދިވެހިރާއްޖޭގެ ރަހުމަތްތެރިން މިސާލު ދައްކައިފި. މުޅި ދުނިޔެ ބަންދުކުރިޔަސް، އެ ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުކުރާނެކަން ދައްކުވައިފި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއަށް ދޮރުތައް ބަންދުނުކުރާ ގައުމުތަކުގެ މިސާލެއް ކަމަށާއި އެއީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.
އިންޑިއާ އިން ރާއްްޖެއަށް ދޭން ކަނޑައެޅި 250 މިލިއަން ޑޮލަރު (3.85 ބިލިޔަން ރުފިޔާ) މިއަދު ދޫކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށެވެ. މި ލޯނަކީ އިންޑިއާ އިން ބުނި ގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
ސޮފްޓް ލޯނެއްގެ ގޮތުގައި ދޫކުރި އެ ފައިސާގެ ޗެކް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު އެވެ. އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ސްޓޭޓް ބޭންްކް އޮފް އިންޑިއާގެ ސީއީއޯ ވެސް ބައިވެރިވަޑައިގަތެވެ.