ބަންގްލަދޭޝްގައި އިއްޔެ ފެށި ޔުއެފާ އެސިސްޓް 16 އަހަރުން ދަށުގެ ފުޓްބޯޅާ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޔޫރަޕުގެ ގައުމެއް ކަމަށްވާ ފެރޯ އައިލެންޑްސް އަތުން 10-3 އިން ބަލިވެއްޖެ އެވެ.
މި މެޗުގައި ރާއްޖޭގެ މުހައްމަދު ހަންނާން އާދަމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ރާއްޖޭން ފުރަތަމަ ހާފުގައި ވަރަށް ހައި އިންޓެންސިޓީ ގޭމެއް ކުޅެ ވަރުގަދައަށް އެޓޭކްކުރި އެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޚަނާން ދެ ލަނޑު ޖަހައި ރާއްޖެ އަށް ރަނގަޅު ލީޑެއް ނަގައިދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެރޯ އައިލެންޑްސް އިން ވަނީ ފަހަރުން އަރައި ލީޑު ނަގައިފަ އެވެ.
ފުރަތަމަ ހާފުގެ ވަރުގަދަ ގޭމާ އެކު، ދެ ވަނަ ހާފުގައި ރާއްޖޭގެ ކުޅުމަށް މަޑުޖެހިލުމެއް އައި ވަގުތު ފެރޯ އައިލެންޑްސް އިން ކުރިއަށް ޖެހި ތަފާތު ބޮޑުކޮށްލީ އެވެ. ހަންނާން ހެޓްރިކް ފުރިހަމަ ކުރީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ.
ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ، ޖުލައި މަހު އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް މުބާރާތުގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތަށް ފަހު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެ ސްކޮޑަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެ މުބާރާތުން ރާއްޖެ ވަނީ ލެޓްވިއާ، ބޫޓާން އަދި ސައުދީ އަރަބިއާ އަތުން ބަލިވެފަ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ އެ ގައުމު ވަނީ ކެމްބޯޑިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ކެމްބޯޑިއާއާ ދެކޮޅަށް ކުޅުމަށް ފަހު މެޗުގައި އާދީއްތަ ދުވަހު ވާދަކުރާނީ ބަންގްލަދޭޝާ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
އެފްއޭއެމުން 16 އަހަރުން ދަށުގެ ޓީމު ބޭނުންކުރަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވާންވާއިރަށް ޒުވާން ޓީމެއް ބިނާކުރާށެވެ. ކޯޗު ނިޒާމްބެގެ މައިގަނޑު ޓާގެޓަކީ އެ ގޭމްސް އާށް ތައްޔާރުކުރުމާއި އެދެމެދުން އަންނަ ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ނަތީޖާ ނެރުމެވެ. މިދިޔަ އޯގަސްޓް މަހު ހަވާލުވި ނިޒާމްބެ ބުނެފައިވަނީ ދެ އަހަރުގެ ތެރޭގައި، ތަފާތު ބޮޑު ނަތީޖާތައް ބަދަލުކުރެވޭ ވަރަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ.