ނޭޕާލް އަތުން 6-0 އިން ބަލިވެ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ނުގޮސް ރާއްޖޭގެ ޖޫނިއާ ގައުމީ ފުޓްބޯޅަ ޓީމު ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
ފުރަތަމަ މެޗުން އިންޑިއާ އަތުން 9-0 އިން ރާއްޖެ ބަލިވިއިރު ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ ދެ މެޗުން ޕޮއިންޓެއް ނުލިބި ބައިކޮޅަށް ވަން 15 ލަނޑާ އެކު އެވެ. މި ގްރޫޕުން ސެމީން ފުރުސަތު ހޯދީ އިންޑިއާ އާއި ނޭޕާލެވެ. ގްރޫޕުގެ އެއް ވަނަ ލިބޭނީ މި ދެ ޓީމު ބުދަ ދުވަހު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
މިއަދުގެ މެޗުގައި ނޭޕާލުން ލީޑު ނެގީ 14 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ދަރްޝަން ގުރުން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ ބްރިޖޭޝް ޗައުދަރީ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 22 ވަނަ މިނެޓުގައި ވައްދާލީ ދަރްޝަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭޕާލުން އިތުރު ދެ ލަނޑު ޖެހި އެވެ. އެގޮތުން ތިން ވަނަ ލަނޑު 38 ވަނަ މިނެޓުގައި ރޯޝަން ރާނާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.
ހަތަރު ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ކާމިޔާބުކުރީ އާކާޝް ބުދާ މަގަރެވެ. އޭނާ ވަނީ ދެ ވަނަ ހާފު ދެ ވަނަ މިނެޓުގައި ނޭޕާލަށް ފަސް ވަނަ ލަނޑު ޖަހައިދީފަ އެވެ. އެ ޓީމުގެ ހަ ވަނަ ލަނޑު 73 ވަނަ މިނެޓުގައި އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ކުރި ޝޫޓަކުން ޖެހީ ބިރްޖޭށެވެ.
މި މެޗުގައި ރާއްޖޭން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. ހާއްސަކޮށް ރާއްޖޭގެ ކެޕްޓަން އިބްރާހިމް އިމްރާން މޮޅު ކުޅުމެއް ދައްކައި ނޭޕާލުގެ ގޯލަށް ނުރައްކާކުރި އެވެ.
ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އިމްރާން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ. ދެ ވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ރާއްޖޭގެ ކުޅުންތެރިއަކު އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ނޭޕާލް ގޯލްކީޕަރު މަތަކުރި އެވެ.
ދެ ވަނަ ހާފުގައި ޖުމްލަކޮށް ރާއްޖޭން ކުރިއަށް ޖެހި އެޓޭކް އުފައްދަން މަސައްކަތްކުރި އެވެ. އެގޮތުން 56 ވަނަ މިނެޓުގައި އިމްރާން އޭރިއާ ރޮނގު މަތިން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ނުވަނީ ކިރިޔާ އެވެ. އޭނާ 80 ވަނަ މިނެޓުގައި ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާވާ ގޮތެއް ނުވި އެވެ. އަދި 84 ވަނަ މިނެޓުގައި ފޮނުވާލި ހިލޭ ޖެހުން ކީޕަރު ސަލާމަތްކުރި އެވެ.
މުބާރާތުގެ ކުރިން ރާއްޖޭގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ކުރިން ޓާގެޓްކޮށްފައި އޮތީ ސެމީ ފައިނަލަށް ދިއުމަށް ކަމަށާއި އެކަމަކު އިންޑިއާ އާއި ނޭޕާލާ އެއް ގްރޫޕެއް ލައްވާލުމުން މިހާރު ޓާގެޓްކުރަނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށެވެ.
މުބާރާތުގެ އަނެއް ގްރޫޕުގައި ބަންގްލަދޭޝް ވަނީ ސްރީ ލަންކާ އަތުން 4-0 އިން މޮޅުވެފަ އެވެ. އަދި ބޫޓާން ވެސް ވަނީ ލަންކާ އަތުން 6-0 އިން މޮޅުވެފަ އެވެ.
ބަންގްލަދޭޝްގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު ދެ ވަނަ މެޗުން އަފްގާނިސްތާން އަތުން 4-2 އިން ބަލިވީ އެވެ. އޭގެ ކުރިން 2013 ގައި ބައިވެރިނުވާއިރު 2011 ވަނަ އަހަރު ބޭއްވި މުބާރާތުން ވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެ ފަހަރު ފުރަތަމަ މެޗުން ޕާކިސްތާން އަތުން 6-0 އިން ބަލިވިއިރު ދެ ވަނަ މެޗުން އިންޑިއާ އަތުން ބަލިވީ 5-0 އިންނެވެ.
ސާފް ޗެމްޕިއަންޝިޕަށް ފަހު ޖޫނިއާ ގައުމީ ޓީމު ދެން ވާދަކުރާނީ ސެޕްޓެމްބަރު 16 އިން 29 އަށް އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ. ރާއްޖެ ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އާއި ތުރުކުމެނިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ. ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ތަޖިކިސްތާނުގެ ޑުޝާންބޭގަ އެވެ.