މާލޭގައި ހިންގަމުން ދިޔަ ގާޑިޔާތަކުގެ ތެރެއިން ހަ ގާޑިޔާ ފިޔަވާ އެހެން ހުރިހާ ގާޑިޔަލެއް މާލޭ ސިޓީ ކައުންސިލުން ނަގައިފި އެވެ.

ކުރުނބާ އާއި އެހެނިހެން ތަފާތު ބުއިންތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ލުއި ކާނާގެ ވިޔަފާރި ހިންގަން ބޭނުންކުރާ ގާޑިޔާތަކުގެ ތެރެއިން ހުއްދަ ދީގެން މިހާރު ކުރިއަށް ގެންދަނީ އާ ސަހަރާގެ ފުރަގަހުން އޮންނަ މަގުގައި އޮތް ހަ ގާޑިޔާ އެކަންޏެވެ.

މަސްވެރިންގެ ޕާކާއި ވެސްޓް ޕާކް ސަރަހައްދާއި ވެމްކޯ ސަރަހައްދުގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތް ބިއްދޮށުގަޔާއި ވިލާ ކޮލެޖް ކައިރީގައި ކުރިން ބޭނުންކުރި ގާޑިޔާތަކުގައި ވިޔަފާރިކުރުން ހުއްޓުވައި، ބައެއް އެއްޗެހި ވަނީ ނަގައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ގިނަ ގާޑިޔާތަކުގެ ވިޔަފާރި މަނާކުރީ އެއްބަސްވުމާ ހިލާފްވުމުން ކަމަށެވެ. އޭގެ ތެރޭގައި ސާފުތާހިރުކަން ދަށްވުމާއި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ގެންގުޅުން ހިމެނެ އެވެ.

"އަޅުގަނޑުމެން ހުރިހާ ގާޑިޔަލެއް އެކުގައި ޗެކްކުރީ. ކޮށްފައި ގަވައިދާ ހިލާފަށް ހިންގާ ގާޑިޔާތަކާ މެދު ފިޔަވަޅު އެޅީ. މިހާރު ހުއްދަދީފައިވާ ގާޑިޔާތައް ވެސް ޗެކްކުރަމުން މިދަނީ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ގާޑިޔާތަކަށް ހުއްދަ ދޫކޮށްފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލްގެ ވިސްނުން ހުރީ މާލޭގެ ވަކި ސަރަހައްދެއްގައި ފެންވަރު ރަނގަޅު ގޮތަކަށް ގާޑިޔާތައް ހިންގަން ފުރުސަތު ދިނުން ކަމަށެވެ. ނަމަވެސް އެކަމަށް ވަކި ސަރަހައްދެއް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތައް އަލުން ރީސާފޭސްކޮށް، މަރާމާތުކުރުމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ ކުރިން ގާޑިޔާތައް ހިންގި ވެސްޓް ޕާކް ސަރަހައްދުންނެވެ. މަސްވެރިންގެ ޕާކް މިހާރު ތަރައްގީކުރަމުން އަންނަނީ މާލެ ސަރަހައްދަށް ބަނދަރުކުރާ ކްރޫޒްލައިނާތަކުން އަންނަ ޓޫރިސްޓުން ފައިބާ ހާއްސަ ޓާމިނަލްގެ ގޮތުގަ އެވެ.

މާލޭގައި ގާޑިޔަތަކުން ކެއިންބުއިމުގެ ކުދިކުދި ހިދުމަތްތައް ދޭން ފެށީ، ބޮޑުތަކުރުފާނު މަގުން އެކަމަށް ޖާގަ ހުސްކޮށްދިނުމުންވެ. އެކަމަކު ސިނަމާލެ ބްރިޖާ އެކު އެ މަގު ތަރައްގީކުރަން ހިންގި މަޝްރޫއުގައި ހުރިހާ ގާޑިޔަލެއް ނަގައި، އެކި ހިސާބުތަކަށް ބަދަލުކުރީ އެވެ.