މާލެ ފުޓްކޯޓު ކައިރީގައި ހުރި މަގުބައްތިތަކުގެ ކޭބަލްތައް ރޭ ވަގަށް ނަގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ފުޑްކޯޓު ކައިރި ރިންގް ރޯޑް (އިއްޒުއްދީން މަގު)ގެ ލައިޓްތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެ ލައިޓްތަކަށް އަލުން ކޭބަލް ގުޅައި ދިއްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ކޭބަލްތައް ނެގީ އިއްޒުއްދީން މަގުގައި ޓިނު ޖަހައިގެން ބަންދުކޮށްފައި ހުންނަ ސަރަހައްދުގެ ޕޭވްމަންޓް ކޮނެގެންނެވެ.
ރޭ ވަނީ އަމީނީ މަގުގައި ހުންނަ ސިނަމާލޭ ތިނެއްގެ ފްލެޓްތަކުގެ ފެން މޯޓާރުގެ ކޭބަލްތައް ވެސް ވަގަށް ގެންގޮސްފަ އެވެ.
އެކަމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާއި ކުރިމަތިވި ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މިފަދަ ކަންތައް ކުރާ ފަރާތަށް ހޯދާ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ،" ސިޓީ ކައުންސިލުން ބުންޏެވެ.