ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން އަންނަ އޯގަސްޓް މަހުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ހަދައި އެކަމަށް އެދި ހުށަހަޅަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ހުޅުވާލައިފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނުގައި ބުނީ "ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑު"ގެ ދަށުން ގުދަންތައް ރެގިއުލޭޓްކުރުމަށް އެ ފަދަ ތަންތަން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.
ކާޑުގެ ބާވަތްތައް ގުދަންކުރާ ގޮތުން އެ ތަކެތީގައި ބައެއް ފަހަރު ފަނި އެޅުން ފަދަ މައްސަލަތައް ވެސް ދިމާވެ އެވެ. އެކަމަކު، އެ ތަންތަން ރަނގަޅަށް ރެގިއުލޭޓްނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ.
ޑޮކްޓަރީ ބޭސް މިހާރު ވެސް އެތެރެކުރެވެނީ އެ އެއްޗެހި ރައްކާކުރާނެ ގުދަން ރަޖިސްޓްރީކޮށްގެންނެވެ. އެ ގުދަންތައް ހުންނަން ޖެހޭނީ ވެސް ވަކި ފެންވަރަކަށެވެ. އެކަމަކު، ތައްޔާރީ ކާނާ ގުދަންކުރުމުގައި ވަކި އުސޫލެއް ނޯވެ އެވެ.