ވިލާ އެއާގެ ދަށުން ހިންގަމުން އަންނަ ފްލައިމީ އިން ސައޫދީ އަރަބިއާއަށް ޗާޓަރު ފްލައިޓެއް މިއަދު ބާއްވައިފި އެވެ.

މިއީ އެ އެއާލައިނުން ބައިނަލްއަގުވާމީ ދަތުރުތައް ފެށި ފަހުން ދަތުރުކުރި ދެވަނަ ގައުމެވެ. މިދިޔަ މަހު އެ އެއާލައިނުން ވަނީ ލަންކާއަށް ވެސް ޗާޓަރު ފްލައިޓު ފަށައިފަ އެވެ.

ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި ހާއްސަ އެދުމެއްގެ މަތިން ބޭއްވި މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލީ މިއަދު ހެނދުނު 7:45ގަ އެވެ. ނަމަވެސް ފްލައިޓު ޗާޓަރުކުރި ކަސްޓަމަރުގެ ނަން އޭނާ ހާމައެއް ނުކުރެ އެވެ.

ފްލައިމީން މިވަގުތު ބައިނަލްއަގުވާމީ ދަތުރު ކުރަމުން އަންނަނީ އޭޓީއާރު މަރުކާގެ ބޯޓުތަކުގަ އެވެ. އެއީ އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރާ ބޯޓުތަކެވެ. ނަމަވެސް ދަތުރުތަށް ފުޅާ ކުރުމަށް "ނެރޯ ބޮޑީ"ގެ ދެ ބޯޓު ގެންނަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެ އެއާލައިނުން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރޭގެ ދަތުރުތައް ވެސް ފަށައިފަ އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރާ މީހުން މަދުވުމުގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް މި ދުވަސްވަރު ބާއްވާނީ ހަމައެކަނި މާލެ އާއި މާމިގިއްޔާ ދެމެދުގަ އެވެ.