ތައިލެންޑުގެ ލޮޕްބޫރީ ޕްރޮވިންސްގައި ދުއްވާ ރޭލަށް ކުއްލިއަކަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. މިއީ "ފްލޯޓިން ރޭލު" ގެ ގޮތުގައި ސިފަކުރަނީ އޭގައި ކުރެވޭ ތަފާތު ތަޖުރިބާއިންނެވެ.

ކޯރެއް ހުރަސްކޮށް އަޅާފައިވާ ބްރިޖް މަގަކުން ދުއްވާ އެ ރޭލުން ދަތުރުކުރާ މީހުން ސިފަކުރާ ގޮތުގައި މޫދުގައި ރޭލު ދުއްވާލުން ފަދަ އިހްސާސެއް މި ދަތުރުން އެ މީހުންނަށް ލިބެ އެވެ.

މޫސުމީ ބަދަލެއް އައުމުގެ ސަބަބުން ކޯރުގެ ފެންގަނޑު މި ދުވަސްވަރު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު އާދަޔާ ޚިލާފަށް އުފުލިފަ އެވެ. އެ ރޭލުގައި ދަތުރު ކުރާއިރު ފެންމަތިން ދަތުރުކޮށްލެވޭ ކަހަލަ ގޮތެއް ހީވެ އެވެ.

އެ ރޭލުގައި އާންމުކޮށް ދަތުރުކުރާ މީހުން ބުނާ ގޮތުގައި މިފަދަ ކަމެއް މީގެ ކުރިން ދުވަހަކު ވެސް އެ މީހުން ދެކެފައެއް ނުވެ އެވެ. އެހެންވެ މި ދުވަސްވަރު ބެންކޮކުން ލޮޕް ބޫރީ އަށް ދަތުރުކުރާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.

މި ރޭލުގެ ދަތުރުތައް އާންމުކޮށް އޮންނަނީ ނޮވެމްބަރު މަހާއި ފެބްރުއަރީ މަހާ ދެމެދުގެ ހަފްތާ ބަންދުގަ އެވެ.