ފަޅުތަކެއްގައި ގެދޮރު އަޅައިގެން ތަރައްގީކުރާ ފްލޯޓިން ސިޓީގެ ޕާޓްނަރަކަށް ވުމަށް އެކަމާ ބެހޭ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. ފްލޯޓިން ސިޓީ ތަރައްގީކުރާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއާ އެކު އެމްއޯއޫޔޫގައި ސޮއިކުރުމުގެ ބޭނުމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ކުޑަ ނަމަވެސް ހައްލެއް ހޯދައިދިނުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި ކައުންސިލުން ބައިވެރިވީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ހަވާލާދީ ކައުންސިލްގެ ވެބްސައިޓުގައި ބުނެފައިވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭކަމެއްގައި މިހާރުގެ ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށެވެ. މޭޔަރު ވިދާޅުވި ކަމަށް ކައުންސިލްގެ ވެބްސައިޓްގައި ބުނެފައި ވަނީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ މީހުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުންކަން މި އެމްއޯޔޫން ވެސް އެނގޭ ކަމަށެވެ.
"މޯލްޑިވްސް ފްލޯޓިން އައިލެންޑް" ތަރައްގީ ކުރަނީ މާލޭގެ އުތުރުން އޮންނަ ފަޅެއްގަ އެވެ. މާލެއިން ފަސް މިނެޓެއްހާ އިރު ތެރޭގައި ދެވޭ އެ ފްލޯޓިން ސިޓީގެ ގެތައް ހުންނާނީ އެކި ކުލަތަކުގަ އެވެ. ދެބުރިއަށް ހަދާ އެ ގެތަކުގެ މަތީގައި ޓެރަސް އެއް ހަދާނެ އެވެ.
ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. އެ ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހުންނާނެ އެވެ. ގެތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގަ އެވެ. ފްލޯޓިން ސިޓީގެ އެ ގެތައް އިންސްޓޯލްމެންޓް އުސޫލުގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެ ސިޓީގެ ވަށައިގެން ދެ ރިސޯޓު ތަރައްގީކުރަން ހަމަޖެހިފައިވާއިރު ޔޮޓް މެރީނާއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ވެސް އެ ސަރަހައްދަށް ގެންނަން ހަމަޖެހިފައިވެ އެވެ.