ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން، މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެ ގައުމުގެ ދިދައާ އެކު ކޮންމެ ގެއެއްގެ ބެލްކަންޏަށް ނުކުތުމުގެ ހަރަކާތެއް ބާއްވަން ނިންމުމާ އެކު، އެތައް ބަޔަކު ފަލަސްތީނުގެ ދިދަ ގަންނަން ކިޔޫގައި ޖެހިއްޖެ އެވެ.
ދިދަ ގަންނަން ވެގެން ކުއްލިއަކަށް ޑިމާންޑް ބޮޑުވުމާ އެކު ފަހާ ވަރަށް ގިނަ ތަންތަނުން އިއްޔެ އާއި މިއަދު ވެސް ކުރަމުން އަންނަ ހަމައެކަނި މަސައްކަތަކީ ފަލަސްތީނުގެ ދިދަ ފެހުމުގެ މަސައްކަތެވެ. ޕްރިންޓް ކުރާ ތަންތަނުގައި ވެސް މިއަދު ކުރަމުން އަންނަނީ ފަލަސްތީނުގެ ދިދަ ޕްރިންޓް ކުރުމުގެ މަސައްކަތެވެ.
ބައެއް ފަރާތްތަކުން ބުނީ ދިދަތަކުގެ އޯޑަރުތައް ގިނަވެ، އޯޑަރުތައް ނެގުން ހުއްޓާލައިފައިވާ ކަމަށެވެ.
ދިދަ ފަހަމުން އަންނަ ޕޮޕީސް އެމްވީ ގައި ދިދަ ފެހުމުގެ މަސައްކަތް ކުރަނީ ނީޑްލް ކުއީން ކިޔާ ބަޔަކާ ގުޅިގެންނެވެ. އެ ދެ ބައިމީހުންނަށް ވެސް ދިދަ ފަހަން އޯޑަރުތައް ގިނަވެ، މިހާރު ވަނީ ވަގުތީ ގޮތުންް ދިދަ ފަހަން އޯޑަރު ނެގުން ހުއްޓާލައިފަ އެވެ. އެތަނުން ފަހާ އެންމެ ކުޑަ ސައިޒްގެ ދިދައެއް 35ރ. އަށް ވިއްކާ އިރު އެންމެ ބޮޑު ދިދަ ވިއްކަނީ 500ރ. އަށެވެ.
"އެންމެ ގިނަ ބަޔަކު ބޭނުންވަނީ އެންމެ ބޮޑެތި ދިދަތައް. ބެލްގަނީގައި އަޅުވާލެވޭ ގޮތަށް ބޭއްވޭ ވަރުގެ ދިދަ. ހީކުރިވަރަށް ވުރެ ޑިމާންޑް ބޮޑު،" ޕޮޕީސް ޕޭޖު ހިންގާ މަރިޔަމް ފަރުޒާނާ ބުންޏެވެ.
އޭނާ ބުނީ މިކަމުން ލިބޭ ފައިސާ ވެސް ހަދިޔާ ކުރާނީ ގާޒާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
"1،000 ވުރެ ގިނަ އޯޑަރު ނެގިއްޖެ. ދިދަ ފަހަން ލިބުނީ އެއް ދުވަސްވަރު،" އޭނާ ވިދާޅުވި އެވެ.
ފަލަސްތީނު ދިދަ ފެހުމުގައި އުޅޭ މަރިޔަމް ސައީދާ ވިދާޅުވީ، ދިދަ ފެހުމުގެ މަސައްކަތް ފެށީ ފަލަސްތީނުގައި ހިނގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ކޮންމެވެސް ކަމެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ސައީދާއާ އެކު މިކަމުގައި އުޅެނީ އާއިލާގެ ހަތަރު މީހަކު ވެގެންނެވެ. އެއް ދުވަސްތެރޭ އެ މީހުންނަށް ވެސް 100 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވެ އެވެ.
"އަނެއްހެން ފަހާ އުޅުނަސް މިއީ އާމްދަނީ ހޯދަން ކުރާ ކަމެއް ނޫން. ފަލަސްތީނުގެ ދިދަ ބޭނުން ވެގެން ގިނަ ބަޔަކު އެބަ ގުޅޭ. ހަމަ ނުފެހިފަ މިއޮތީ،" އޭނާ ބުންޏެވެ.
ފަލަސްތީނުގެ ދިދައިގެ ޑިމާންޑް ބޮޑުވެފައިވާ އިރު އައިލެންޑް އާޓްސް އިން އަންނަނީ ދިދަ ޕްރިންޓް ކުރަމުންނެވެ. އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ހަސަން ވިދާޅުވީ، ފަލަސްދީނު ދިދަ ބޭނުންވެގެން ގިނަ ބަޔަކު ގުޅާ ކަމަށެވެ. ވީވަރަކުން ދިދަ ޕްރިންޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި އަދަދެއް ބަލައިިގެނެއް ނޫން މިކަން ކުރަނީ. މިއަދު އެބަ ވަރަށް ގިނަ ބަޔަކު ގުޅާ،" އޭނާ ވިދާޅުވި އެވެ.