ކޮލަމްބޯ (މާޗް 13) - ޗައިނާގެ ކުންފުންޏަކުން ސްރީ ލަންކާގެ ގައުމީ ދިދަ ޖަހައިގެން ފައިފުހި ހަދާ އެމޭޒަންގައި ވިއްކަމުންދާ މައްސަލައިގެ ޝަކުވާ ލަންކާ އިން ޗައިނާ އަށް ކޮށްފި އެވެ.
ލަންކާގައި ގައުމީ ދިދަ އާއި ބުޑިސްޓުންގެ ސިމްބޮލްތަކަށް އިހާނެތިކޮށް ހިތުމަކީ ބޮޑު މައްސަލައެކެވެ. ފައިފުއްސެއްގައި ގައުމުގެ ދިދަ ޖެހުމަކީ އެ ދިދަ އަށް ވަރަށް ގަދަރު ކުޑަކޮށްލުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ބުނީ އެ މައްސަލަ ވަނީ ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީ އަށް ހުށަހަޅާފައި ކަމަށެވެ. އަދި އެ ފައިފުހި އުފައްދާ ކުންފުނި ހޯދަން ބެއިޖިންގައި ހުންނަ ލަންކާ މިޝަންގައި އެދިފައިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިނިސްޓްރީން ވަނީ ވޮޝިންޓަނުގައި ހުންނަ ލަންކާ އެމްބަސީ މެދުވެރިކޮށް އެމެޒަން އަށް ވެސް އެ މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.
ޗައިނާގެ ބައެއް ކުންފުނިތަކުން ދަނީ ފައިފުހީގައި ލަންކާ ދިދަ ޖަހައި 10-24 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ވިއްކަމުންނެވެ.
އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ލަންކާ މީހަކު ބުނެފައި ވަނީ ގައުމުން ޗައިނާ އަށް ދަރާފައިވާ ބޮޑު ދަރަނި އަދާނުކޮށްފި ނަމަ "އަހަރެމެންގެ ގައުމުގެ ދިދަ ޓޮއިލެޓް ޕޭޕަރުގައި ވެސް އެ މީހުން ޕްރިންޓްކުރާނެ" ކަމަށެވެ.