ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ކ. ކަނޑުއޮތްގިރީގައި ހިކިމަސް ކާރުހާނާއަކާއި އައިސް ޕްލާންޓެއް އިއްޔެ ހުޅުވައިފި އެވެ.
މިފްކޯ އިން ބުނީ ކަނޑުއޮތްގިރީގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހިކިމަސް ކާރުހާނާ އާއި އައިސް ޕްލާންޓް ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ކަމަށެވެ.
އެ ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ މިއީ މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން ނުވަތަ ގައުމީ ބާޒާރަށް ހާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުހާނާގެ ސަބަބުން، މި ދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" އަނަސް ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ މި ކުރިއެރުމާ އެކު، ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަަކަށް ހާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށެވެ.
މިފްކޯ އިން ބުނި ގޮތުގައި، ކަނޑުއޮތްގިރި ހިކިމަސް ކާރުހާނާއަކީ ދުވާލަކަށް ތިން ޓަނު ޕްރޮސެސްކުރެވޭ ކާރުހާނާއެކެވެ. އަދި ކަނޑުއޮތްގިރީގައި ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނު އައިސް އުފެއްދޭނެ އެވެ.
ކަނޑުއޮތްގިރީގައި ހުޅުވި ހިކިމަސް ކާރުހާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ކަހަލަ ބާވަތްތައް ވެސް ތައްޔާރުކުރަން ފަށާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނީ މަސް ކައްކައި ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ އެ ކާރުހާނާ ހުޅުވީ ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަން ޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކާ ވެސް އެކުގައި ކަމަށެވެ.
ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފްގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށް ފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކޮށް، އަލުން އޮޕަރޭޝަނަށް ގެނައީ މި އަހަރު ކުރީކޮޅު އެވެ.
މިފްކޯ އިން ބުނީ ކަނޑުއޮތްގިރީގައި މިހާރު ހަދަމުން އަންނަ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް އެ ރަށް ބޭނުންކުރާނެ ކަމަށެވެ.