ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ދެވަނަ ފަހަރަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ވަކި އުސޫލުތަކެއްގެ ތެރެއިން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ހުމައިދާ އަބްދުލްޣަފޫރާއި މުހައްމަދު ސީނީންގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ކުރިން ވެސް ނިންމި އެވެ. އަދި ދެވަނަ ފަހަރަށް ވެސް އާ ސަބަބުތަކަކާއެކު އެ މައްސަލަ ހުށަހެޅީ އެ ދެ މީހުންގެ ފަރާތުންނެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭގޮތުން ސަރުކާރުން ހެދި ގަވާއިދާއި އެކަމާބެހޭ ޕްލޭން ގާނޫނުއަސާސީ އާއި މަސްވެރިކަމާ ބެހޭ ގާނޫނާ ހިލާފްވާ ގޮތެއް އެ މައްސަލާގައި ބުނެދީފައި ނުވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމާފައި އޮތީ ކޮންމެ އަހަރެއްގެ ވަކި މުއްދަތެއްގެ ތެރޭގައި އަދި ކަނޑައެޅޭ ވަކި އުޅަނދުތަކަކަށް އެ ހުއްދަ ދޭ އުސޫލުންނެވެ. އަދި އެކަމަށް ވަކި ހާއްސަ ލައިސަންސެއް ނަގަން ޖެހެ އެވެ.