ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިފްކޯ އަށް ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓަކުން ދައްކައިފި އެވެ.

ވޭތުވެދިޔަ ފަސް އަހަރު ކަނޑުމަސް އެކްސްޕޯޓު ކުރުމުގައި އަމަލުކުރި ގޮތުގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ފަސް އަހަރުގެ ތެރޭގައި މިފްކޯ އަށް 6.9 ބިލިއަން ރުފިޔާގެ ފައިދާ ލިބުނެވެ. އެ މުއްދަތުގައި މަސް ގަނެ، އުފެއްދުމުގެ ހަރަދަށް 7.1 ބިލިއަން ރުފިޔާ ހޭދަ ވި އެވެ. އޭގެ މާނައަކީ ބޭރުގެ ބާޒާރަށް މަސް ވިއްކަމުން ދިޔަ އަގަށް ވުރެ ބޮޑު ހަރަދެއް، މަސް ގަތުމާއި އުފެއްދުމަށް ހޭދަކުރުމެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އެ ރިޕޯޓުގައި ބުނީ، މިފްކޯ އަށް އެ މުއްދަތުގެ ތެރޭގައި 250 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ހިންގުމުގެ ހަރަދާއި، އެހެނިހެން ހަރަދުތަކާ އެކު ލިބުނު ސާފު ގެއްލުން އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ބުނެފައިވެ އެވެ.

މަސް ދޯންޏަކުން ފެކްޓަރީއަށް ގެނައި މަސްތައް ދޯނިން ބާލަނީ -- ފައިލް ފޮޓޯ: މިހާރު
މަސް ދޯންޏަކުން ފެކްޓަރީއަށް ގެނައި މަސްތައް ދޯނިން ބާލަނީ -- ފައިލް ފޮޓޯ: މިހާރު

މިފްކޯ ހިންގުމުގައި މިދިޔަ އަހަރުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާގެ ގެއްލުންވި އެވެ. އެހެންވެ، އެ ކުންފުނީގެ ހަރުމުދަލަށް ވުރެ ދަަރަނި ވަނީ އިތުރުވެފަ އެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން، މިދިޔަ އަހަރު ނިމުނު އިރު މިފްކޯގެ މިލްކިއްޔާތުގައި 961 މިލިއަން ރުފިޔާގެ ހަރުމުދާ ހުރިއިރު، ދަރަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހުއްޓެވެ.

ގެއްލުންވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މަސްގަތުމަށް ސަރުކާރުން ކަނޑައެޅި އަގު، ބޭރުގެ މާކެޓަށް ވިއްކެން ހުންނަ އަގަށް ވުރެ ނިސްބަތުން ބޮޑުވުމާއި، ހިންގުމުގެ ހަރަދު ބޮޑުވުމާއި، އެކްސްޕޯޓުކުރާ މަސް ބައެއް ސަބަބުތަކާ ހެދި އަނބުރާ ފޮނުވާލުން ހިމެނެ އެވެ.

ފެލިވަރުގައި ހުންނަ މިފްކޯ މަސް ފެކްޓަރީ ---ފައިލް ފޮޓޯ: މިހާރު
ފެލިވަރުގައި ހުންނަ މިފްކޯ މަސް ފެކްޓަރީ ---ފައިލް ފޮޓޯ: މިހާރު

މި ސަރުކާރުން 2020 ވަނަ އަހަރު، އެންމެ ދަށުން މަސްގަނެވޭނެ އަގަކަށް 13ރ. ގެ ގޮތުގައި ކަނޑައެޅި އެވެ. އޭގެ ކުރިން މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އައީ 19ރ. އާއި 22ރ. ދެމެދުގެ ރޭޓުންނެވެ. މި އަހަރުގެ މާޗު މަހު މިފްކޯއިން މަސް ގަނެފައި ވަނީ 17ރ. އަށް ކިލޯއެއްގެ ރޭޓުންނެވެ.

އޮޑިޓު ރިޕޯޓުގައި ބެލި ކަނޑުމަހުގެ 394 ޝިޕްމެންޓުގައި ހިމެނޭ މަހުގެ ބާވަތާއި، ސައިޒާއި އަދި މަހުގެ ކޮލިޓީ ދަށްވެގެން ބައެއް ޝިޕްމެންޓުތައް ރިޖެކްޓް ކުރުމުގެ ސަބަބުން ވެސް 290 މިލިއަން ރުފިޔާގެ ގެއްލުން މިފްކޯ އަށް ލިބުނު ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އެއީ އެވްރެޖުކޮށް އަހަރަކު 48 މިލިއަން ރުފިޔާގެ ގެއްލުމެވެ.

ފެލިވަރު ފެކްޓަރީން ތައްޔާރުކޮށް ނިމިފައިވާ ދަޅުމަސް ތަންތަނަށް ގެންދިއުމަށް ދޯންޏަކަށް އަރުވަނީ -- ފައިލް ފޮޓޯ: މިހާރު
ފެލިވަރު ފެކްޓަރީން ތައްޔާރުކޮށް ނިމިފައިވާ ދަޅުމަސް ތަންތަނަށް ގެންދިއުމަށް ދޯންޏަކަށް އަރުވަނީ -- ފައިލް ފޮޓޯ: މިހާރު

އެ މައްސަލަތައް ދިމާވަނީ މިފްކޯގެ މަސް ރައްކާކޮށް ބެލެހެއްޓުމުގައި މަހުގެ ބާވަތާއި، ސައިޒު ވަކިން އެނގޭ ފަދަ އިންތިޒާމެއް ނެތުމާއި، އެ ބެލެހެއްޓުމަށް ދޭންޖެހޭ ސަމާލުކަން ނުދޭތީ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ބޭރުގެ ކަސްޓަމަރުން ޝިޕްމެންޓުތަކާ ހަވާލުވާއިރު އެ ތަކެތީގެ ހާލަތު މިފްކޯއިން ޔަގީން ނުކުރުމާއި، މަސްދޯނިފަހަރުގައި މަހުގެ ތާޒާކަން ހިފެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ނެތުމުގެ އިތުރުން އެ މީހުން އަތުން މަސް ގަންނައިރު މަހުގެ ކޮލިޓީ ދެނެގަނެވޭނެ ރަނގަޅު އިންތިޒާމެއް ނެތްކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.

އެ ކަންކަން އިސްލާހު ކުރުމަށް އޮޑިޓު އޮފީހުން ލަފާދެނީ މިފްކޯއިން ރަނގަޅު ވިޔަފާރި ސްޓްރެޓެޖީއެއް އެކުލަވާލައި، މަސް ގަންނަ އަގު ކަނޑައަޅާއިރު އަމިއްލަ ވިޔަފާރިތަކާއި، ދުނިޔޭގެ ބާޒާރަށް ވިސްނައިގެން އަގު ކަނޑައެޅުމަށެވެ.

އަނބުރާ ފޮނުވާލާ މަސް މަދުކުރުމަށްޓަކައި މަސް ދޯނިފަހަރުން ފެށިގެން މަސް އެކްސްޕޯޓު ކުރުމާ ހަމައަށް ރަނގަޅަށް އެ ރައްކާކުރާނެ ގޮތެއް ހޯދަން ވެސް އޮޑިޓު ރިޕޯޓުގައި ލަފާދީފައިވެ އެވެ.