ދިވެހި ރެޑް ކްރެސެެންޓުން ހުޅުމާލޭގައި ތަރައްގީ ކުރާ 14 ބުރީގެ ކޮމާޝަލް ބިލްޑިން "ދަ ކްރެސެންޓް ޓަވަ" ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އިމާރާތް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1، މިރިހި މަގުގައި ހުންނަ ދިވެހި ރެޑް ކްރެސެންޓްގެ އަމިއްލަ ބިމެއްގަ އެވެ.

އެ މަޝްރޫއުގެ ފައިނޭންޝަލް އެޑްވައިޒަ އަދި ޕްރޮޖެކްޓް މެނޭޖަރުގެ ދައުރު އަދާކުރާނީ، ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.

އިމާރާތުގައި ޖުމްލަ 70،000 އަކަފޫޓުގެ ފްލޯ އޭރިއާ ހުރި އިރު އެ އިމާރާތުގައި ދިވެހި ރެޑް ކްރެސެންޓުގެ މައި އޮފީސް އަދި ކޮމިއުނިޓީ ހޯލްގެ އިތުރުން، އެހެނިހެން ވަސީލަތްތައް ވެސް ގާއިމްކުރަން ހަމަޖެހިފައިވެ އެވެ.

އޭގެ ތެރޭގައި، ކެފޭ، ބިޒްނަސް ލައުންޖް، ޖިމް، ކިޑްސް ކްލަބް އަދި އޮފީސް ސްޕޭސް ހިމެނޭނެ އެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނަޝީދު ވިދާޅުވީ، އެ އިމާރާތް ވާނީ މެދުކެނޑުމެއް ނެތި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ދާއިމީ ތަރިކައަކަށް ކަމަށެވެ.

"މި އިމާރާތުގެ އަގު މިނަންޖެހޭނީ، އިމާރާތުގެ އުސްމިނަކުން ނޫން. މި މަޝްރޫއުގެ ހަގީގީ މަންފާއަކީ، މެދުކެނޑުމެއް ނެތި، އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ދާއިމީ ތަރިކައެއް ބިނާކުރުން. ނަތީޖާއެއްގެ ގޮތުން، އަންނަން ހުރި ޖީލުތަކަށް، ދިވެހި ރެޑް ކްރެސެންޓުގެ ޚިދުމަތް ދެމިގެން ދިޔުން" އޭނާ ވިދާޅުވި އެވެ.

ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ ފައިނޭންސްގެ ދައުރު ބެލެންސް ޝީޓަަށްވުރެ ފުޅާވާންޖެހޭ ކަމަށާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވެސް މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޒިޔަތު ވާހަކަދައްކަވަނީ -- ފޮޓޯ: ފަސްޓް ނެޝަނަލް
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޒިޔަތު ވާހަކަދައްކަވަނީ -- ފޮޓޯ: ފަސްޓް ނެޝަނަލް

"މީގެ ނަތީޖާއެއްގެ ގޮތުން، މުސްތަގުބަލުގައި އިޖުތިމާއީ ކަންކަން ދެމެހެއްޓެނިިވި ގޮތެއްގައި ކުރުމަށް މަގުފަހުވެގެންދާނެ" އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގައި ބައިވެރިވުމަށް ގަސްދުކުރާ ފަރާތްތަކަށް އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ޕާޓްނަވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އޭގެ ތެރޭގައި ޑޯނާއެއްގެ ގޮތުން ބައިވެރިވުމާއި ވަކިވަކި ފްލޯތައް ލީޒް ކުރުމާއި ފައިނޭންސް ކުރުމާއި މަޝްރޫއުގެ ވަކިވަކި ބައިތައް ސްޕޮންސަކުރުން ވެސް ހިމެނެ އެވެ.

އެ މަޝްރޫއުގައި ބައިވެރިވުމަށް ހުރި އޮޕްޝަންތަކުގެ ތެރޭގައި، 1000ރ. ގެ ޑޮނޭޝަނަކާއެކު ކޮންމެ ފަރާތަކަށް ވެސް އެ މަޝްރޫއޫގައި ބައިވެރިވެވިދާނެ ކަމަށް ފަސްޓް ނެޝަނަލް އިން ބުންޏެވެ.

 ކޯޕަރޭޓް ސްޕޮންސަޝިޕްގެ ގޮތުގައި 500،000ރ. ގެ ޑޮނޭޝަނެއް ދިނުމުގެ ފުރުސަތު އޮތް އިރު، ޑޯނާޒްގެ އަގު ވަޒަންކޮށް ރިކޮގްނިޝަން ވޯލްގައި އެ ފަރާތްތަކުގެ ނަން ހިމެނޭނެ އެވެ.

ދަ ކްރެސެންޓް ޓަވާގައި ޕާޓްނަވުމަށް މިއަދު ރަސްމީކޮށް ހުޅުވާލިއިރު، އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް މިހާރު ވަނީ ބައިވެރިވެފަ އެވެ.