"ހަފުތާ 14" ގެ ނަމުގައި މިރޭ އިއުލާން ކުރެއްވި، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނުއްވި ކަންކަމަށް ވުރެ ގިނަ ކަންކަން އެ މުއްދަތުގައި ހާސިލް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަންނަ ހުކުރު ދުވަހު ކުރައްވާ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު އިފުތިތާހުކުރުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު އިންތިހާބު ކާމިޔާބުވެ، "ދިވެހީންގެ ރާއްޖެ" އާރާސްތު ކުރުމުގެ މަސައްކަތް މިހާރު ފެށިއްޖެ ކަމަށެވެ.
އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ދިވެހިންގެ ގާތުގައި އެ މަނިކުފާނު ވިދާޅުވި ކޮންމެ ވާހަކަފުޅެއް، ކޮންމެ ލަފްޒެއް، އެ ކަމެއް ހަގީގަތުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ، މިރޭ އިއުލާނު ކުރެއްވީ ފުރަތަމަ 14 ހަފުތާގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މަދުވެގެން ހާސިލް ކުރައްވާނެ ކަންކަން ކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ހަމައެކަނި ކުރާނެ ކަންކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވުޒާރާތަކާއި ކުންފުނިތަކުން އެ އަށް ވުރެ މާ ގިނަ ކަންކަން ވެސް ހާސިލް ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
"މި ތަނުގައި އިއުލާނު ކުރެވުނު 14 ހަފުތާގައި ޕްލޭނަށް ވުރެ އިތުރަށް ކަންކަން ހާސިލް ވެގެން ދާނެ."
ވެރިކަމުގެ ފުރަތަމަ ދުވަހު މަސައްކަތްތައް ފައްޓަވާނެ ކަމަށާއި އިގްތިސާދު ކޮޅަށް ޖައްސަވައި، އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރެވެމުންދާ ވަރަކުން އެ ޕްލޭންގެ އިތުރުން ވައުދުވެފައިވާ ކަންކަން ކޮށްދެއްވަމުން ގެންދާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
ވިދާޅުވީ ކެމްޕެއިނުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ދެއްކެވި ހުރިހާ ކަމެއް، ވައުދެއް އޭގެ އެންމެ ފުރިހަމަ އަށް ފުއްދައި ދެއްވާނެ ކަމަށެވެ. މިރޭ ނެރުއްވި ފޮތަކީ ވެސް އެކަންކަން ހާމަކަން ބޮޑުކޮށް ކޮށްދިނުމުގެ ޔަގީންކަމެއް ކަމުގައި އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.
"ބައެއް ބޭފުޅުން ވިދާޅުވި ތިއީ ވަރަށް ނުރައްކާތެރި ކަމެކޭ، ތި ފޮތް ނެރެގެން ނޯންނާއޭ ފިލޭނެ އެއް ގޮތް ވެސް. އަޅުގަނޑު ދެންނެވިން ދެއްތޯ އަޅުގަނޑު ރައްޔިތުން ގާތަށް އައީ ކެމްޕެއިންކޮށް ނިންމައި، ރައްޔިތުން އަޅުގަނޑުމެން ހޮވީމާ ފިލާކަށް ނުނޭ،" މުއިއްޒު ވިދާޅުވި އެވެ.
އާ ސަރުކާރު ވާނީ އެއްވެސް ކަމެއް ނުފޮރުވައި، ދެފުށް ފެންނަ ސަރުކާރަކަށް ކަމަށް ވިދާޅުވާ ވާހަކަފުޅު މިރޭ ވެސް މުއިއްޒު ތަކުރާރު ކުރެއްވި އެވެ.
"ފޮރުވުމުގެ ބޭނުމެއް ވެސް ނެތް. ކޮން ކަމެއްތޯ ފޮރުވަން އޮތީ، ރައްޔިތުންނަށްޓަކައި ރައްޔިތުންނަށް ހިދުމަތް ކުރަން ސަރުކާރެއް ހޮވީމާ ދެން ފޮރުވަން ޖެހޭ ކަމެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒުގެ "ހަފުތާ 14" މަގުޗާޓުގައި އެންމެ ފުރަތަމަ ކަމަކަށް ހިމަނާފައި އޮތީ ރާއްޖޭގައި ތިބި ބޭރުގައުމުގެ ސިފައިން ބޭރުކޮށް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމެވެ.