ތައިލެންޑުގެ ބެންކޮކްގައި، ރޭ ދަންވަރު ބާއެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، ގިނަ ބަޔަކު ޒަަހަމްވެއްޖެ އެވެ.

މަންޒަރު ދުށް އޭއެފްޕީގެ ނޫސްވެރިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ބެންކޮކްގެ 'ރޮންގް ބިއަ ނާ ލެޓް ޕްރާއޯ' ބާ ގެ ދޮރުތަކުން ބޭރަށް ވެސް ހުޅުގަނޑު ނުކުމެފައި ހުރި ކަމަށެވެ. އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުުގެ މަސައްކަތުގައި ޓީމުތައް ހަރަކާތްތެރިވަމުން ދިޔައިރު، މަރުވެފައިވާ މީހުންގެ ހަށިތައް ބޮޑީ ބޭގްތަކުގައި ބަހައްޓާފައި ހުރި ހުރި ކަމަށް ވެސް ބުންޏެވެ.

"އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރިގެންދިޔަ، ސީލިންގާ ހަމައަށް އަލިފާން ފޯރި. މީހުން މަރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ދުން ބޯވުން ކަމަށް ބެލެވެނީ،" ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޗް ސީޓޫޕަންޓް، އެ ހާދިސާ ހިނގި ތަނުގެ ބޭރުގައި ހުރެ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ބެންކޮކްގެ ބާއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، މީހުންގެ ހޯދުމުގެ މަސައްކަތުގައި އުޅޭ ޓީމުތައް އެތަނުގެ ބޭރުގައި. -- ފޮޓޯ: އޭއެފްޕީ
ބެންކޮކްގެ ބާއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، މީހުންގެ ހޯދުމުގެ މަސައްކަތުގައި އުޅޭ ޓީމުތައް އެތަނުގެ ބޭރުގައި. -- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި 27 މީހަކު މަރުވެފައިވާއިރު، 63 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރުވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ހަށިތައް ފެނިފައިވަނީ ކުއްލި ހާލަތްތަކުގައި ނުކުންނަން ހުންނަ ދޮރު (ފަޔަ އެކްޒިޓް) ކައިރިންނެވެ. ބެލެވޭ ގޮތުގައި އެ ދޮރު ބަންދުވާ ގޮތަށް އެއްޗެހިތަކެއް ހުރުމުން މީހުންނަށް ނުކުމެވޭގޮތް ނުވީ އެވެ.

"އެ ވަގުތު އެތެރޭގައި ތިބީ ކިތައް މީހުން ކަމެއް އަދި ނޭނގޭ، އެކަމަކު ޔަގީނުންވެސް ވަރަށް ގިނަ މީހުން އުޅޭނެ،" ގަވަރުނަރު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ބައެއް މީހުން ސަލާމަތްވެގެން ނުކުމެވުނު އިރު ތިބީ ގައިގައި ރޯވެފަ އެވެ. އެހެންވެ އާންމުން އެ މީހުންގެ ގައިން އަލިފާން ނިއްވަން މަސައްކަތްކުރި ކަމަށް ބުންޏެވެ.

މި ބާގެ ފޭސްބުކް ޕޭޖުގައިވާ މައުލޫމާތަށް ބަލާއިރު، ލައިވް މިއުޒިކް ކުޅޭ މިތަނުގައި ސްޓޭޖަކާއި، ދެ ބާ އަދި ބަދިގެއެއް ހުރެ އެވެ. މިއީ 300 އަށްވުރެ ގިނަ މީހުންގެ ޖާގަ އޮންނަ އަދި ކުއްލި ހާލަތްތަކުގައި ނުކުންނަން ހަތަރު ދޮރު ހުންނަ ތަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ބާގައި ރޯވެ އަނދާއިރު މީހުން ސަލާމަތްވާން ދުވާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް
ބާގައި ރޯވެ އަނދާއިރު މީހުން ސަލާމަތްވާން ދުވާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރެއް

ލާއޯސްގެ ޓޫރިސްޓެއް ކަމަށްވާ ކަން ކުތިރާތު އޭއެފްޕީއަށް ބުނީ، އެތެރެއިން ގިނަ ބައެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި މުޅި ތަން ހަލަބޮލިވެގެންދިޔަ ކަމަށެވެ. އޭނާ ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ލައިގެން ތިބި ހެދުމުގައި އަލިފާން ހިފާފައި ތިބި ބައެއް މީހުން ވެސް ދޮރުން ބޭރަށް ނުކުމެވޭތޯ ދުވަމުން ދިޔަ އެވެ.

"އަހަންނަށް ސަލާމަތް ކުރެވުނީ އެންމެ މީހަކު. ވަރަށް މަސައްކަތް ކުރިން. މާފުކުރޭ،" އޭނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ދުން އަރާތަން ފެށުމަށް ފަހު ދެން ކުއްލިއަކަށް ރޯވެ ހުޅުގަނޑު ފެތުރިގެން ދިޔައީ އެވެ. 

ބޮޑުވަޒީރު އަނޫތިން ޗާންވީރަކުލް ވެސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެތަނުގައި ތިބި މިއުޒީޝަނުން ވަނީ ސްޓޭޖް ކައިރީގައި ހުރި ސާކިޓް ބްރޭކަރަކުން ދުން އެރުމަށް ފަހު، ކަރަންޓު ކެނޑި، އެއަށްފަހު ގޮވުމެއްގެ އަޑާ އެކު ރޯވީ ކަމަށް ބުނެފަ އެވެ.

ބެންކޮކްގެ ޑިޒާސްޓާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ ސުރިޔަޗައި ރަވީވަން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ލިބުނުތާ ފަސް މިނެޓް ތެރޭގައި އެހީވާން ފެށުނު ކަމަށާއި އެކަމަކު އެހާ އަވަހަށް މުޅި ތަނަށް އަލިފާން ފެތުރިފައިވުމުން އެތެރެއަށް ވަންނަން އުނދަގޫވި ކަމަށެވެ.

"އަހަރެމެން އެތެރެއަށް ވަދެ ހޯދިއިރު، ހުރިހާ ދިމާލެއްގައި މޭޒުތަކާއި ގޮނޑިތައް ހުރީ މަގު ބަންދުވާ ގޮތަށް. އަދި ހޫނު ވެސް ވަރަށް ގަދަ،" ސުރިޔަޗައި ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ މީހުންގެ ހަށިތައް ފެނުނީ ފަހަތުގައި ހުރި ފާހާނާއެއްގެ ތެރެއިންނެވެ.

ތައިލެންޑުގެ ބާތަކާއި ނައިޓްކްލަބްތަކުގައި ސިއްހީ އަދި ސަލާމަތީ ފިޔަވަޅުތަކަށް ދޭ ސަމާލުކަން ކުޑަވުމަކީ އަބަދުވެސް ކަންބޮޑުވުން އޮންނަ ކަމެކެވެ. އެ ގައުމުގައި 2022 ވަނަ އަހަރު ޗޮންބުރީ ޕްރޮވިންސްގެ "މައުންޓަން ބީ" ނައިޓްކްލަބްގައި ހިނގި އަލިފާނުގެ ހާދިސާގައި 25 މީހަކު މަރުވި އެވެ. އަދި 2009 ވަނަ އަހަރު ބެންކޮކްގެ "ސަންތިކާ" ކްލަބްގައި އާ އަހަރު ފާހަގަކުރުމުގެ ޕާޓީއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި 67 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. -- އޭއެފްޕީ