ކޯސްޓްލައިނުން ބ. އަތޮޅުގައި ހިންގި "ފިނޮޅު މޯލްޑިވްސް" ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ސީސައިޑް ހޮޓެލް އަށް 90 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
މިދިޔަ އޭޕްރީލުން ފެށިގެން އެ ރިސޯޓު ހިންގަމުންދަނީ ސީސައިޑް ހޮޓެލް އިންނެވެ.
ރިސޯޓް ވިއްކުމުގައި އުޅުނު ބްރޯކަރު ކުންފުނި، ޖޭއެލްއެލްގެ މެނޭޖިން ޑިރެކްޓަރު ނިހަތު ކެން އެރްކަން އާންމު ކުރެއްވި ބަޔާނެއްގައިވާ ގޮތުގައި ފިނޮޅު ވިއްކާލުމާ އެކު ޖޭއެލްއެލުން ހިންގި ޓްރާންސެކްޝަންގެ އަދަދު ރެކޯޑު އަދަދަކަށް ވަނީ އިތުރުވެފަ އެވެ.
ޖޭއެލްއެލް އަކީ ރާއްޖޭގައި ރިސޯޓު ވިއްކުމުގެ ބާޒާރުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބްރޯކަރެވެ. އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 15 ރިސޯޓެއް ވިއްކާލާފައިވެ އެވެ. މިއީ ޖޭއެލްއެލް މެދުވެރިކޮށް ޔޫރަޕްގެ ކުންފުންޏަކަށް ރިސޯޓެއް ވިއްކި ފުރަތަމަ ފަހަރެވެ.
ފިނޮޅު މޯލްޑިވްސް ހުޅުވާފައިވަނީ ޖޫން، 2016 ގަ އެވެ. އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުން ފެންނަ ޑިޒައިންތަކުގެ ބަދަލުގައި މި ރިސޯޓު ފަރުމާކޮށްފައި ވަނީ "ރެޓްރޯ ލަގްޒަރީ" ޑިޒައިނަކަށެވެ.
އެ ރިސޯޓުގައި 125 ވިލާ ހިމެނޭ އިރު ދެ ކޮޓަރި އާއި އެއް ކޮޓަރީގެ ވިލާތައް ހިމެނެ އެވެ. އެގޮތުން ލެގޫން ވިލާ އާއި އޯޝަން ޕޫލް ވިލާ، ބީޗް ވިލާ، ބީޗް ޕޫލް ވިލާ، ދެ ކޮޓަރީގެ އޯޝަން ލެގޫން ޕޫލް ވިލާ އަދި ދެ ކޮޓަރީގެ ބީޗް ޕޫލް ވިލާ ހުރެ އެވެ.
ވިލާތަކުގެ އިތުރުން ފިޓްނެސް ސެންޓަރަކާއި ޔޯގާ ޕެވިލިއަނަކާއި އައުޓް ޑޯ ޖިމްއެއް ހުރެ އެވެ. ވޯޓާ ސްޕޯޓްސް އަދި ޑައިވް ސެންޓަރެއް ވެސް ފިނޮޅު ރިސޯޓްގައި ހުރެ އެވެ. އަދި ތަފާތު ރަހަތަކުގެ ކެއުމުން ބުއިމުގެ ހިދުމަތްދޭ ރެސްޓޯރަންޓް އަދި ބާ ވެސް އެ ރަށުގައި ހުރެ އެވެ.