ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގައި އެ މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އަޅަން ތައްޔާރީތައް ވުމަށް ފަހު ޕްލޭން ބަދަލުކޮށް، އާ އިމާރާތް ހުޅުމާލޭގައި އަޅަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ 122.7 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަށް މިދިޔަ މާޗް 1 ގައި މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރި މި މަޝްރޫއު ދެން ކުރިއަށް ގެންދާނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ހަދާ އެންމެ ބޮޑު އޮފީސް އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީ މާލޭގައި މިފަދަ އިމާރާތެއް ހަދާއިރު ދިމާވާ ދަތިތަކާ ގުޅިގެން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އިމާރާތް ހެދުމަށް ބޮޑު ސަރަހައްދެއް ބަންދުކުރުމާއި އިމާރާތަށް ބޭނުންވާ ސާމާނު ރައްކާކުރުމަށް ވެސް ބިން ބޭނުންވާތީ އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
ފިނޭންސްގެ އާ އިމާރާތް ހުޅުމާލެ އަށް ބަދަލުކުރަން ނިންމި އިރު، ކުރީގެ ބާ އިމާރާތް ތަޅާލައި ބިން ވެސް ވަނީ ސާފުކޮށްފަ އެވެ. އޮފިޝަލް ވިދާޅުވީ އިމާރާތް އެހެން ތަނެއްގައި އަޅަން ނިންމި ނަމަވެސް ކޮންޓްރެކްޓަރު ލައްވާ ބިން ސާފުކޮށްފައިވާ ކަމަށާއި އެ ބިން ސަރުކާރުން އެހެން ކަމަކަށް ބޭނުންކުރާނެ ކަމަށެވެ.
އަލަށް ހަދާ ބިޔަ އިމާރާތް ހަދަނީ އިމާރާތުގެ ދަށުގައި 30،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ ގޮތަށެވެ. ބިއްލޫރި އާއި ދަގަނޑުން ހަދާ މި އިމާރާތުގައި އެންމެ ތިރީ ބުރީގައި ހުންނާނީ ލޮބީ އާއި ފިހާރަތަކެވެ. ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި ކާރު ޕާކު ކުރުމަށް ހާއްސަކުރާއިރު އޮފީސްތައް ހުންނާނީ ފަސް ވަނަ ބުރިން ފެށިގެން 23 ވަނަ ބުރިއާ ހިސާބަށެވެ. އިމާރާތުގެ 25 ވަނަ ބުރީގައި ހަދާނީ 250 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ. ރޫފް ޓޮޕްގައި ކޯޕަރޭޓް ލައުންޖެއް ވެސް ހުންނާނެ އެވެ.
"މިހާރު" އާ ވާހަކަ ދެެއްކެވި އޮފިޝަލް ވިދާޅުވީ އިމާރާތް އަޅާ ތަން ބަދަލުވިޔަސް އިމާރާތުގެ ޕްލޭނަށް އަދި އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ކޮންޓްރެކްޓަރާ އެކު ވަނީ އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ކަމަށެވެ. އަދި ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް 36 މަސް ދުވަހުގެ ތެރޭގައި އިމާރާތް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޔޫ ބިލްޑިންގް"ގެ ނަމުގައި ހަދާ މި އިމާރާތް ހަދަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. މި ފައިސާ ސަރުކާރުން ދައްކަން ޖެހޭނީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.