އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ 12 މެންބަރުން އެމްޑީޕީން ވަކިވުމަކީ "ރިހޭ ދަތެއް ވެއްޓުން" ފަދަ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ސިފަ ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ނަޝީދުގެ ފިކުރުގެ 12 މެމްބަރުން އެމްޑީޕީން ވަކިވުމަށް ފަހު އެ ޕާޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެ ޕާޓީގެ ވެރިކަމުގައި ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ނަޝީދުގެ މެންބަރުންގެ ތާއީދު އެމްޑީޕީ އަށް ނުލިބޭ ކަމަށެވެ.
އެ މެންބަރުން ރަނގަޅުވެ، އަލުން ޕާޓީ އަށް ތާއީދު ކުރައްވާނެ ކަމަށް އަބަދުވެސް އުންމީދު ކުރެއްވި ކަމަށާއި ނަމަވެސް ސިޔާސީ ކަންކަމުގައި ހިސާބުތައް ޖެއްސެވި އިރު އެ މެންބަރުންގެ ސަޕޯޓެއް ނުގުނާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެހެންވެ، މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ހިސާބު ޖަހާއިރު އެއީ ގެއްލޭ ނަމްބަރެއް ކަމަށް ނުބައްލަވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑަށް އިހުސާސް ކުރެވުނީ ވަރަށް ބޮޑަށް ރިހޭ ދަތެއް ހެނދުނު ހޭލި އިރު ވެއްޓިފައި އޮތުން. މާ ބޮޑު ކަންބޮޑުވުމެއް އޭގައި ނެތް،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މެންބަރުންތަކެއް ވަކިވި ނަމަވެސް އޭގެ ސަބަބުން ރިޔާސީ އިންތިހާބަށް އަސަރެއް ނުކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ނަޝީދު ވެސް ނުކުންނަން ބޭނުންފުޅުވާ ނަމަ އެކަން ކުރަން ޖެހޭ ކަމަށާއި އޭރުން ދެން ކަންކަން ވަރަށް ސާފު ވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެކަމަކު، އެމްޑީޕީގެ ސަޕޯޓް ކުޑައެއް ނުކުރެވޭނެ ކަމަށާއި އަދިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން މި ހަފްތާ ބަންދުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް މެނިފެސްޓޯ އަށް މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ.