ކުއާލަ ލަމްޕޫރް، މެލޭޝިއާ (ނޮވެމްބަރު 1) - ވޯލްޑް ކަޕްގައި ބައިވެރިކުރާ ޓީމުތައް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން 2022 ގައި ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ވެސް ވެދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ފީފާ އިން ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދަނީ 32 ޓީމުގެ މެދުގަ އެވެ. އެ އަދަދު 48 އަށް އިތުރުކުރުމަށް މަޝްވަރާކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ކުރިން ބެލެވިފައި އޮތީ 2026 ވަނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި އެ ބަދަލާ އެކު ބޭއްވޭނެ ކަމަށެވެ.
"ބޮޑު ބަދަލު ގެނެވެން އޮތިއްޔާ ގަތަރު ވޯލްޑް ކަޕްގައި ވެސް 48 ޓީމު ކުޅެފާނެ. އަހަރެމެން މި އަންނަނީ ގަތަރުގައި ތިބި އަހަރެމެންގެ އެކުވެރިންނާއި ދެން އެކި ބައްރުތަކުގެ އޮފިޝަލުންނާ ވާހަކަ ދައްކަމުން. އެކަން ކުރުމުގެ ފުރުސަތު އޮތިއްޔާ މި ބަދަލު އަވަސްވެދާނެ،" އޭއެފްސީގެ އާ ހެޑްކުއާޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަތަރު ވޯލްޑް ކަޕްގައި އެކަން ހާސިލް ނުވިޔަސް އެއީ އެހާ ކަންބޮޑުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ދެން އޮތް ވޯލްޑް ކަޕްގައި އެކަން ނުކުރެވުނަސް އެއީ މާ ބޮޑު މައްސަލައެއް ނޫން. އެއީ އަހަރެމެން މަސައްކަތް ކުރިކަން އޮންނާނެ މި ފުރުސަތު ފަހިކޮށްދޭން. އަސްލު ޓާގެޓަކީ 202ގެ ވޯލްޑް ކަޕުގައި އެ ބަދަލު ގެނައުން،" އިންފަންޓީނޯ ވިދާޅުވި އެވެ.
ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ގެނައި ބޮޑު ބަދަލަކީ 1982 ވަނަ އަހަރު 24 ޓީމަށް ކުޅެވޭ ގޮތަށް ގެނައި ބަދަލެވެ. މިހާރު މި އޮތް ފޯމެޓަށް 32 ޓީމުގެ މެދުގައި ކުޅެން ފެށީ 1998 ވަނަ އަހަރު އެވެ.
ފީފާ އިން އަންނަނީ ކްލަބް ވޯލްޑް ކަޕަށް ވެސް ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރަމުންނެވެ. ފީފާގެ ވިސްނުން ހުރީ ކޮންމެ ކްލަބަކަށް ވެސް ވާދަކުރެވޭނެ ކަހަލަ ގޮތަކަށް ކްލަބް ވޯލްޑް ކަޕަށް ބަދަލު ގެންނާށެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިންފަންޓީނޯ އަންނަނީ އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބު ކާމިޔާބު ކުރުމުގެ ގޮތުން ފުޓްބޯޅައިގެ ބޮޑެތި ޕްލޭންތަކެއް އެކި ބައްރުތަކާ ހިއްސާކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން އެފްރިކާ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އިންފަންޓީނޯ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ފީފާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ވެސް ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ އޭނާ ވަނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. ފީފާގެ ރައީސްގެ މަގާމަށް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ ވެސް، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު 2016 ވަނަ އަހަރު ބްލެޓާ އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.