މިފަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ކުޅޭ ދަނޑުން ވިނަކޮޅުތައް ސްވެނިއާ ނުވަތަ ހަނދާނީ ހަދިޔާގެ ގޮތުގައި ވިއްކަން ފީފާއިން އިއުލާން ކޮށްފި އެވެ. 

ފައިނަލް މެޗު ބާއްވާ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގެ ވިނަގަނޑުން ބައެއް ވިއްކަން ފީފާއިން ވަނީ ރީތި ނަމެއް ވެސް ކިޔާފަ އެވެ. "ޕީސް އޮފް ދަ ޕިޗް" ގެ ނަމުގައި ވިއްކާ ވިނަކޮޅުތައް ގަންނަން އޯޑަރު ކުރެވޭނީ ފީފާގެ ރަސްމީ އޮންލައިން ސްޓޯރުންނެވެ.

މި ހަނދާނީ ހަދިޔާގައި ހިމެނެނީ ފައިނަލް މެޗު ކުޅޭ ދަނޑުން ނަގާ އަސްލު ވިނަކޮޅެކެވެ.

އެހެން ކުޅިވަރުތައް ކުޅުމަށް ވެސް ބޭނުން ކުރާ މެޓްލައިފް ސްޓޭޑިއަމްގައި އާންމުކޮށް ބޭނުންކުރަނީ އާޓިފިޝަލް ވިނަގަނޑެކެވެ. ގުދުރަތީ އަސްލު ވިނަ އެތުރީ ފީފާގެ ގަވާއިދަށް ފެއްތުމަށްޓަކައި ވޯލްޑް ކަޕަށް ހާއްސަކޮށެވެ.

މުބާރާތް ނިމުމުން އެ ވިނަގަނޑު ނަގަން ޖެހޭތީ، ފީފާ އިން ނިންމީ އެ އުކާލުމުގެ ބަދަލުގައި ސަޕޯޓަރުންނަށް ވިއްކުމަށެވެ.

ފީފާއިން ބުނީ އެއީ ރަނގަޅު ފެންވަރެއްގައި ރައްކާތެރިކަމާ އެކު އޮންނަ ގޮތައް ތައްޔާރުކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އަދި އެ ޕެކޭޖް ވިއްކާނީ އަސްލު އެއްޗެއްކަން ކަށަވަރުކޮށްދޭ ލިޔުމާ އެކު ވެސް ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ޕެކޭޖާ ބެހޭގޮތުން، ފީފާގެ ރަސްމީ އޮންލައިން ސްޓޯރުގައި ބުނެފައި ވަނީ އެ ހަދިޔާ ގަންނަ ފާރާތްތކަށް، މިލްކު އެ ކުރެވެނީ ފުޓްބޯޅައިގެ ތާރީހުން ބައެއް ކަމަށެވެ.  

"އަސްލު ވިނަކޮޅެއް ހިމެނޭ މި އުފެއްދުމާ އެކު ފުޓްބޯޅައިގެ ތާރީހުން ހަގީގީ ބައެއް މިލްކުކޮށްލެވޭނެ. މީގެ ކޮންމެ އެއްޗެއްގައި ފައިނަލް (މެޗު) ކުޅޭ ދަނޑުގެ އަސްލު ވިނަކޮޅެއް ހިމެނޭތީ މިއީ ވަރަށް ހާއްސަ ހަނދާނީ ހަދިޔާއަކަށް ވާނެ،" އެ ސްޓޯރުގައި ބުނެފައިވެ އެވެ.

މި ޕެކޭޖްގެ އެކި ކެޓަގަރީތަކުގައި ވިއްކަ އެވެ. އާދައިގެ ކެޓަގަރީގެ އަގަކީ 450 ޑޮލަރެވެ. އަދި މީގެ އެންމެ އަގުބޮޑު "ހީރޯ އެޑިޝަން" ކެޓަގަރީގެ ޕެކޭޖެއްގެ އަގަކީ 3،000 ޑޮލަރެވެ، އޭގައި ރަނުން ގިރިޓީކޮށްފައިވާ ރަމްޒީ ޓިކެޓަކާއި ވޯލްޑް ކަޕް ބޯޅައިގެ މޮޑެލްއެއް ވެސް ހިމެނެ އެވެ.

ފީފާގެ އޮންލައިން ސްޓޯރުން، އެ ހަނދާނީ ހަދިޔާ ގަންނަ މީހުންނަށް، އެ ޕެކޭޖް ފޮނުވަން ފަށާނީ ޖުލައި 19 ގައި ކުޅޭ ފައިނަލް މެޗަށް ފަހު އެވެ. އަދި މި ވަގުތު އެ އޯޑަރު ކުރެވެނީ ހަމައެކަނި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުންނެވެ.