ނިއު ޔޯކް (އޮގަސްޓް 25) - ފުޓްބޯޅައިގެ ކޮރަޕްޝަންގެ ގޮތުގައި އެކި އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 201 މިލިއަން ޑޮލަރު ފީފާ އަށް އަނބުރާ ރައްދުކޮށްދޭން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނިންމައިފި އެވެ.
ފުޓްބޯޅައިގެ ވެރިންނާއި އެޑްމިނިސްޓްރޭޓަރުންނަށް ކޮރަޕްޝންގެ ގޮތުގައި ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ އެކައުންޓްތައް ޖަސްޓިސް ޑިޕާޓްމެންޓުން ހުރީ ހިފަހައްޓައިފަ އެވެ. ގިނަ އެކައުންޓުތަކަށް ޖަމާވެފައި ހުރީ މެއި 2015 ގައި ފަޅާ އަރުވާލި މަޝްހޫރު "ފީފާ ގޭޓް" ހިޔާނާތުގެ ފައިސާ އެވެ.
"ފީފާ ގޭޓް" އަކީ ކުރީގެ ރައީިސް ސެފް ބްލެޓާ އާއި އޭނާއާ ގުޅުން ހުރި ފުޓްބޯޅައިގެ ވެރިންގެ ކޮރަޕްޝަން ތެރެއިން ފަޅާ އަރުވާލި ބޮޑު މައްސަލަ އެވެ.
ފީފާގެ ވެބްސައިޓްގައި ބުނެފައި ވަނީ ހިފަހައްޓާފައިވާ ބޭންކް އެކައުންޓަކީ ފުޓްބޯޅައިގެ ކުރީގެ ވެރިންނާ ގުޅުން ހުރި އެކައުންޓްތައް ކަމަށެވެ. އެ ފައިސާ ޖަމާ ކުރާނީ ފީފާގެ ޗެރިޓީ ގޮފި "ފީފާ ފައުންޑޭޝަން" ގެ ދަށުން އުފައްދާފައިވާ "ވޯލްޑް ފުޓްބޯލް ރެމިޝަން ފަންޑަ"ށް ކަމަށް ފީފާ އިން ބުންޏެވެ. އަދި އެ ފައިސާ ބޭނުން ކުރާނީ ފުޓްބޯޅައާ ގުޅުން ހުރި އިޖުތިމާއީ ޕްރޮޖެކްޓްތަކަށް ކަމަށް ވެސް އެ ފެޑްރޭޝަނުން ބުނެފައިވެ އެވެ.
"އަހަރެން މިއަދު އުފާކުރަން ގަވާއިދާ ހިލާފަށް ހޯދާފައިވާ އެ ފައިސާ ފީފާގެ ތެރެއަށް ވަދެ ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާތީ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ ވިދާޅުވި އެވެ.
ފުޓުބޯޅައިގެ އެންމެ ބޮޑެތި ކޮރަޕްޝަން މައްސަލަތަކުގައި ބެދިފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ ފުޓްބޯޅައިގެ ކުރީގެ ވެރިންނެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ކުރިގެ ރައީސް ހުއާން އެންހަލް ނަޕައުޓް، ނުވަ އަހަރަށް ޖަލަށް ލުމަށް މިހާރު ވެސް ވަނީ ހުކުމުކޮށްފަ އެވެ. ބްރެޒިލްގެ ފެޑްރޭޝަންގެ ކުރީގެ ރައީސް ހޯޒޭ މާރިއާ މާރިން، ހަތަރު އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޖަސްޓިސް ޑިޕާޓްމެންޓުން ހޯދާފައިވާ ފައިސާގެ ތެރެއިން 71 މިލިއަން ޑޮލަރު ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ އަށް ލިބޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.