ޒިޔުރިކް (އޭޕްރީލް 13) ފީފާގެ ތެރެއިން، ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ އަށް 2.15 މިލިއަން ޑޮލަރު ދީފައިވާތީ، އޭނާ އާއި ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ޖޫން މަހު ފަށަން އިއުލާންކޮށްފި އެވެ.

ފީފާގެ ރައީސްކަން 17 އަހަރު ކުރެއްވި ބްލެޓާގެ ދައުރުގައި ކޮންސަލްޓޭޝަން ފީގެ ގޮތުގައި ޕްލެޓިނީ އަށް ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ފީފާގެ ތެރެއިން ފައިސާ ދީފައިވާ ކަމަށް ފީފާގެ ކޮރަޕްޝަން މައްސަލަ ތަހްގީގު ކުރި ސްވިޒަލެންޑުގެ ޕްރޮސިކިއުޓަރުން ބުނެ އެވެ. އެކަމަކު އެ ތުހުމަތުތައް ޕްލެޓިނީ އާއި ބްލެޓާ ވެސް ދޮގުކުރައްވަ އެވެ.

ޕްރޮސިކިޓަރުން ބުނެފައި ވަނީ ކޮންސަލްޓޭޝަން މަސައްކަތެއްގެ ގޮތުގައި ދޭން ޖެހޭ ފައިސާ 2011 ގައި ބްލެޓާގެ އެންގުމަށް ފީފާއި ން ޕްލެޓިނީ އަށް ދީފައިވާ ކަމަށެވެ. ޔޫރޫ ފުޓްބޯޅަ މުބާރާތް 1984 ގައި ފްރާންސަށް ކާމިޔާބުކޮށްދިން ކެޕްޓަން ޕްލެޓްނީ ވިދާޅުވީ އެ ފައިސާ އަކީ ކުރިން އޭނާ އަށް ދޭން ޖެހިފައި ހުރި މުސާރަތައް ކަމަށެވެ.

ބްލެޓާ އާއި ޕްލެޓިނީގެ މައްޗަށް ކުރަނީ މަކަރު ހަދައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ. ސްވިޒަލެންޑްގެ ފެޑެރަލް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ބްލެޓާ އާއި ޕްލެޓިނީގެ ޝަރީއަތް ޖޫން 8 ގައި ފަށާނެ ކަމަށެވެ. އަދި ޝައރީއަތް ކުރިއަށް ދާނީ ޖޫން 22 އާ ހަމައަށެވެ.

ފީފާގެ ރައީސް ކަމުން 2015 ގައި އިސްތިއުފާ ދެއްވި ބްލެޓާ އާއި ޔޫއެފާގެ ރައީސް ކަމުން 2016 ގައި އިސްތިއުފާ ދެއްވި ޕްލެޓިނީ ވެސް މި ވަގުތު ހުރީ ފީފާގެ އުސޫލުތައް މުގުރާލުމުން ހަ އަހަރަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.

ބްލެޓާ ވިދާޅުވީ ޝަރިއާތުގައި ކުރިއަށްދާން ތައްޔާރު ކަމަށާއި އޭނާގެ ގޯހެއް ނުހަދާކަން ޝަރީއަތުން ސާބިތުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޕްލެޓިނީގެ ސްވިޒަލެންޑްގެ ވަކީލް ވެސް ބުނެފައި ވަނީ ޕްލެޓިނީ ކޮށްފައި ވަނީ ސައްހަ މުއާމަލާތްތަކެއްކަން ޝަރީއަތުން އެނގޭނެ ކަމަށެވެ.