ޒިއުރިކް (މޭ 25) - ފީފާގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް ޖަރުމަނުގެ މާކަސް ކެޓްނާ ކޮރަޕްޝަން މައްސަލައެއްގައި މަގާމުން ވަކިކޮށްފި އެވެ.

ކެޓްނާ މަގާމުން ވަކިކުރީ ގަވައިދާ ހިލާފަށް އޭނާގެ މުސާރައިގެ އިތުރުން ބޯނަހުގެ ގޮތުގައި އެތައް ފައިސާއެއް ނެގުމުންނެވެ. ފީފާއިން ހިންގި ތަހުގީގަށް ސާބިތުވާގޮތުން ކެޓްނާ ވަނީ މުސާރައިގެ އިތުރުން ބޯނަސްގެ ގޮތުގައި އެތައް ފަހަރެއްގެ މަތިން ފައިސާ ނަގައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކެޓްނާ ބޯނަހުގެ ގޮތުގައި ނެގި ފައިސާގެ އަދަދު 1.9 މިލިއަން ޕައުންޑަށް އަރަ އެވެ.

ފީފާގެ ޑިރެކްޓާ އޮފް ފައިނޭންސްގެ ގޮތުގައި 2003 ވަނަ އަހަރު މަސައްކަތް ކުރަން ފެށި ކެޓްނާ، އެކްޓިން ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހު އެއިރު ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޖެރޯމް ވަލްކޭ ވަކިކުރުމާ ގުޅިގެންނެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް ސެނެގާލްގެ ފާތިމާ ސަމޫރާ.-- ފޮޓޯ: އޭއެފްޕީ
ފީފާގެ ސެކްރެޓަރީ ޖެނެރަލް ސެނެގާލްގެ ފާތިމާ ސަމޫރާ.-- ފޮޓޯ: އޭއެފްޕީ

ވަލްކޭ މަގާމުން ވަކިކުރީ ވޯލްޑް ކަޕް ޓިކެޓް ބްލެކް މާކެޓްގައި ވިއްކާފައިވާކަން ފީފާއިން ހިއްގި ތަހުގީގަށް ސާބިތުވުމުންނެވެ. މި މައްސަލައިގައި ފީފާ އެތިކްސް ކޮމިޓީން ނިންމީ ވަލްކޭ 12 އަހަރަށް ސަސްޕެންޑް ކުރުމަށެވެ.

ކެޓްނާ މަގާމުން ވަކިކޮށްފައިވާއިރު ފީފާގެ ސެކްރެޓަރީ ޖެނެރަލް މަގާމާ ދާއިމީކޮށް ހަވާލުވާނީ އދ.ގެ އޮފިޝަލް ފާތިމާ ސަމޫރާ އެވެ. ސެނެގާލް އަށް އުފަން ފާތިމާ އަކީ ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލެވެ. އޭނާ އަށް އެ މަގާމު ދިނުމަށް ފީފާއިން ނިންމީ މި މަހު 13 ވަނަ ދުވަހު މެކްސިކޯ ސިޓީގައި އޮތް ފީފާގެ ކޮންގްރެސްގަ އެވެ. ފާތިމާ ރަސްމީކޮށް މަގާމާ ހަވާލުވާނީ އަންނަ މަހުން ފެށިގެންނެވެ.