އެންމެ ފަހުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށް ދިނުމުގައި އޭނާ އަށް ކާމިޔާބު ހޯދައި ނުދެވުމަކީ، މުޅި އުމުރަށް އޭނާގެ ހިތުގައި ލީ ޒަހަމެއް ކަމަށް އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޖެނާރޯ ގަޓީޫސޯ ބުނެފި އެވެ. 

ޕްލޭއޮފްގައި ބޮސްނިއާ ހާޒެގޮވީނާއާ ކުޅެ، އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގަ ގެއްލުނެވެ. ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށް ދޭން ހަވާލުވި ގަޓޫސޯ އަށް ވެސް އެކަން ނުކުރެވުމުން، މެއި މަހު އޭނާ މަގާމު ދޫކޮށްލުމުން މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް އެ މަގާމު އޮތީ ހިުސްކޮށެވެ.

އެ މަގާމަށް ހަމަޖެއްސީ މީގެ ކުރިން ވެސް ފަސް އަހަރު އެ ޓީމުގެ ކޯޗުކަން ކުރި ރޮބާޓޯ މަންޗިނީ އެވެ.

އިޓަލީގެ ގައުމީ ކޯޗުކަމާ ދެވަނަ ފަހަރަށް މަންޗިނީ ހަވާލުވީ ގޮންޖެހުން ބޮޑު ހާލަތެއްގެތެރެއިންނެވެ. 

ޕްޕް ގާޑިއޯލާ ކޯޗުކަމަށް ގެންނަން، އިޓަލީން މަސައްކަތް ކުރި އެވެ. ރެއާލް މެޑްރިޑާއި އޭސީ މިލާންގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ލެޖެންޑް، މިހާރު ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންދަވެސް މަސައްކަތް ކުރި އެވެ. އެ ދެ ކޯޗުންގެ ޑީލް ކާމިޔާބު ނުވުމުން ދެން ބެލީ ޔުވެންޓަސްގެ ކުރީގެ ކޯޗު އަންޑްރެއާ ޕިރްލޯ ގެނައުމަށެވެ. ސިޔާސީ ކަންތަގަނޑެއް އޭގެތެރެއަށް ވަދެ ޕިރްލޯއަށ ްމަގާމު ނުލިބުނެވެ. 

އިޓަލީގެ ފެޑެރޭޝަން (އެފްއައިޖީސީ) އާ ހިޔާލު ތަފާތުވެ، 2023 ގައި މަންޗިނީ އިސްތިއުފާ ދިނެވެ. އޭނަ ހާވަލުވީ ސައުދީ އަރަބިއާގެ ގައުމީ ޓީމާ އެވެ. 

މިހާރު ލާޒިއޯގެ ކޯޗުގެ މަގާމު އަދާކުރަމުންދާ ގަޓޫސޯ ބުނީ މަންޗިނީއާ އެކު ބެލުމުގެދަށުން އިޓަލީގެ ގައުމީ ޓީމު މިހަރު އޮތީ ރަނގަޅު މަރުހަލާއެއްގައި ކަމަށެވެ.

"އަހަރެން ބުނާނީ [މަންޗިނީއަކީ] އެކަމަށް ފުދޭ ތަޖުރިބާ ހުރި ވަރަށް މޮޅު ކޯޗެއް ކަމަށް،" ގަޓޫސޯ ބުންޏެވެ.

"އަހަރެން އޭނާއަށް ކާމިޔާބީއަށް އެދެން. ސަބަބަކީ އަހަރެމެންގެ ފުޓްބޯޅައަށް އެކަން ބޭނުންވާތީވެ. އޭނާއަކީ މޮޅު މެނޭޖަރެއް. ޤައުމީ ޓީމާ އެކު މީގެ ކުރިން ވެސް ކާމިޔާބު ހޯދާފައިވާ މީހެއް، އަދި ހިތުގެ އަޑިން ވެސް އަހަރެން އޭނާއަށް ހުރިހާ ކާމިޔާބީއަކަށް އެދެން."

ގަޓޫސޯ ބުނީ އިޓަލީގެ ގައުމީ ޓީމުގައި އޭނާ ހޭދަކުރި 10 މަސްދުވަހަކީ ވަރަށް ފުރިހަމަ މުއްދަތެއް ކަމަށެވެ. ނަމަވެސް ކުޅުންތެރިން ކުރި ބުރަ މަސައްކަތަކާ އެކު ވެސް ވޯލްޑް ކަޕަށް ކޮލިފައިނުވުމަކީ އޭނާގެ ހިތަށް ލިބުނު ފުން ޒަހަމެއް ކަމަށް، 2006 ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އޭރުގެ ކުޅުންތެރިޔާ ބުންޏެވެ.  

"މިއީ އަހަރެން ދިރިހުރިހާ ދުވަހަކު ހަނދާން ހުންނާނެ ޒަހަމަކަށް ވާނެ. ސަބަބަކީ އެއީ ފުން ޒަހަމަކަށްވާތީ،" އޭނާ ބުންޏެވެ.