ނޭޕްލްސް (އޭޕްރީލް 16) - އިޓަލީގެ ނަޕޯލީއަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ، ސީޒަން ނުނިމެނީސް އެ ކްލަބްގެ ސްކޮޑުން ބޭރު ކޮށްފި އެވެ.

މީގެ ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގައި ވެސް އަހުލާގީ މައްސަލަތަކަކާ ގުޅިގެން ދޫކޮށްލި ލުކާކޫ، ނަޕޯލީން ބޭރުކުރީ ޓްރޭނިންތަކުގައި ބައިވެރި ނުވެ، އަނިޔާއިން ރިކަވާ ވާން ކްލަބްގެ ހުއްދަ ނުހޯދައި ބެލްޖިއަމްގައި މަޑުކުރުމުންނެވެ.

މިއާ ގުޅިގެން ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ މި ސީޒަނަށް ފަހު ލުކާކޫ ވިއްކާލަން ނިންމައިފަ އެވެ.

ފިޓްނެސްއާ ގުޅިގެން ކުޅެން ލިބޭ ފުރުސަތުތައް މަދުވެގެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ މައްސަލަ ޖެހިގެން މެންޗެސްޓާ ޔުނައިޓެޑުން ވަނީ 2019 ވަނަ އަހަރު އިންޓަ މިލާނަށް، ލުކާކޫ ވިއްކާލައިފަ އެވެ.

އެ ކްލަބްގައި ދެ ސީޒަން ހޭދަ ކުރުމަށް ފަހު އިޓަލީގެ ޗެމްޕިއަނެއްގެ ގޮތުގައި އޭނާ ދެވަނަ ފަހަރަށް ޗެލްސީއަށް ބަދަލުވެ، ޗެލްސީގައި ވެސް އޭނާ އަށް މާ ގިނަ ދުވަހު މަޑެއް ނުކުރެވުނެވެ.

އިންޓަ އަށް އަލުން ބަދަލުވާން ބޭނުންވާކަމަށް އިންޓަވިއުއެއްގައި ހާމަކުރުމާ ގުޅިގެން އޭރު ޗެލްސީގެ ކޯޗު ތޯމަސް ޓޫހުލް އޭނާ ސްކޮޑުން ބާކީ ކުރި އެވެ. ފަހުން ވަނީ ލޯނުގައި އިންޓަ އަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ރޯމާ އަށް ވެސް ލޯނު އުސޫލުން ކުޅުމަށް ފަހު އޭނާ ދާއިމީ ކޮންޓްރެކްޓެއްގައި ނަޕޯލީ އަށް ބަދަލުވީ އޭޕްރީލް 2024 ގަ އެވެ.

އަނިޔާ އާއި ފިޓްނެސްގެ މައްސަލަތަކާ ގުޅިގެން މި ސީޒަނުގައި ލުކާކޫ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. މިހާތަނަށް އެއްވެސް މެޗެއް ފުރަތަމަ 11 ގައި ހިމެނިގެން  ކުޅެފައެއް ނުވެ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރުސަތު ލިބުނު ހަތް މެޗުން އޭނާއަށް ކުޅެވިފައި ވަނީ މުޅި ޖުމްލަ ފަސްދޮޅަހަކަށް މިނިޓެވެ.

ލުކާކޫ އަކީ ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. މިހާތަނަށް ކުޅެދިން 124 މެޗުން އޭނާ ވަނީ 89 ގޯލު ޖަހައިފަ އެވެ. ނަމަވެސް މި މައްސަލަތަކާ ހުރެ މި އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން އޭނާ އަށް ފުރުސަތެއް ލިބޭނެކަމަކަށް ނުބެލެވެ އެވެ.